ސަޖިދަކުރާއިރު އޮތީ ހަމައެކަނި ސަޖިދައިގައި އޮވެގެން ކިޔަން އޮތް ޛިކުރު ކިޔުމެއް ނޫނެވެ. ފުރަތަމަ އެކަންކުރާށެވެ. އެއަށްފަހު ބޭނުންވެގެންހުރި ކަމެއްގެ ވާހަކައިން ދަންނަވައި ދުޢާކުރާށެވެ! ދުޢާކުރާއިރު ޤުރްއާނުން ނުވަތަ ޙަދީޘްފުޅުތަކުން ފެންނަންހުރި ދުޢާތައްކުރާށެވެ. އެހެނީ އެއަށްވުރެ ފުރިހަމަ ޢިބާރާތެއް ހަމައެކަކަށްވެސް ނުއެނގޭނެއެވެ.
ސަޖިދައިގައި އޮންނަ ވަޤުތަކީ އެމީހަކާއި ﷲ ތަޢާލާ އާއި އެންމެ ބޮޑަށް ކުއްތަންވެވޭ ވަޤުތެވެ. އެވަޤުތަކީ އެމީހެއްގެ ހުރި ބޭނުންތައް ﷲ ތަޢާލާއަށް ދެންނެވުމަށް ލިބިގެންދާ އެންމެ އަގުހުރި ފުރުޞަތެވެ.
ވީމާ މިރޭވެސް ތަކުރާރުކޮށްލާނަމެވެ. ހާސްވެ، ކަންބޮޑުވާންޖެހޭ ފަދަ ކުރިމަތިވިޔަސް، ހިތްދަތިކަމެއް ލިބުނަސް، މީހަކު ތިބާއަށް ގެއްލުމެއް ދޭންއުޅޭކަމުގެ ބިރު އުފެދުނަސް އަވަހަށް 2 ރަކްޢަތް ނަމާދެއްކޮށްލާށެވެ! އަދި އެނަމާދުގައި ސަޖިދަ ދިގުކޮށްލާށެވެ! ހުރި ހުރިހާ ކަންބޮޑުވުންތަކެއްގެ ޥާހަކަ ﷲ ތަޢާލާއަށް ދަންނަވާށެވެ! ދުޢާކުރާށެވެ! ރަސޫލް ޞައްލަﷲ ޢަލައިހި ވަސައްލަމަ ޢަމަލުފުޅު ކުރެއްވެވި ގޮތަށް ޢަމަލުކުރާށެވެ!
ތިބާ ކުރަން ބޭނުންވާ ކަންކަމަސް ހުރަސް އަޅަން މަސައްކަތްކުރެވިދާނެއެވެ. ޙަސަދަވެރިންނަށް އެއީ ކުރެވިދާނެ ކަމެކެވެ. އެހެނަސް ހަމަ އެކަކަށްވެސް ތިބާ އާއި ﷲ ތަޢާލާ އާއި ދެމެދަށް އެއްވެސް ހުރަހެއް ނުއެޅޭނެއެވެ. ތިބާ އެކަލާނގެ ހަޟްރަތުގައި ދަންނަވަން ބޭނުންވާ އެއްވެސް ކަމެއްގެ ވާހަކަ ދެންނެވުމަކަށްވެސް ހުރަހެއް ނުއެޅޭނެއެވެ.
މީހަކަށް ތިބާގެ އަތްފައި ބަނދެ އަނގައިގައި މަލަންވެސް އެޅިދާނެއެވެ. ނަމަވެސް ހިތަކަށް ހުރަހެއް ނުއެޅޭނެއެވެ. އެފަދަ ޙާލަތެއް ކުރިމަތިވެއްޖެނަމަ ހިތުން ދަންނަވާށެވެ! ދުލުން ދެންނެވިޔަސް ހިތުން ދެންނެވިޔަސް އެކަމެއް ހަމަ ވަޤުތުން ﷲ ތަޢާލާ ދެނެވޮޑިގެންވެއެވެ.
މިހުރިހާ ވާހަކަތަކެއް2 ދެއްކުމުގެ އޮތީ ހަމައެކަނި އެންމެ ބޭނުމެކެވެ. އެއީ ކޮންމެ ކަމެއް ކުރިމަތިވިނަމަވެސް އެކަމެއްގެ ވާހަކަ ﷲ ތަޢާލާއަށް ދެންނެވުމުގައި އަވަސްވެގަތުމަށް ބުނުމެވެ. ކޮންމެ ކަމެއް ކުރިމަތިވި ނަމަވެސް ފުރަތަމަ ކަމަކަށް ﷲ ތަޢާލާއަށް ދަންނަވާ މީހާ އެދޭ ކަންކަން ހިންމަވައި ދެއްވަވާނެތެވެ. އިން ޝާ ﷲ.
އެހެނީ އެކަމުން އަންގައިދެނީ އެމީހާ އެންމެ ބޮޑަށް އިސްކަން ދެނީ ﷲ ތަޢާލާއަށް ކަމެވެ. އެމީހަކު ކުރާ ކޮންމެ ކަމެއްގައިވެސް ﷲ ތަޢާލާއަށް އިސްކަންދޭނަމަ އެމީހަކު ދެކެ ﷲ ތަޢާލާ ލޯބިވެވޮޑިގަންނަވާނެތެވެ. އެމީހާ ނިކަމެތިވާން ދޫކޮށް ނުލައްވަވާނެތެވެ. އިން ޝާ ﷲ
- އިސްލާމީ ތިލަފަތުގެ ދަރުސަކުން