ޢަލީ އިޙްޞާން ފިރާޤް
ޢައްބާސީ ޚިލާފަތުގެ ދުވަސްވަރެވެ. މިޞްރަށް ވަރަށް ޤަދަރުވެރި އަންހެން ބޭކަނބަލަކު ވަޑައިގެންނެވިއެވެ. އެކަމަނާއަކީ ނަސަބުން އަރާ އިންނެވި ބޭކަނބަލެކެވެ. އުޅުއްވުމާއި އަޚްލާޤުގެ ގޮތުންވެސް ފުރިހަމަ ބޭކަނބަލެކެވެ. އެކަމަނާއަކީ ރަސޫލާ صلّى اللّـه عليه وسلّم ގެ ނަސަބުފުޅުން ވަޑައިގެންނެވި ބޭކަނބަލެކެވެ. ރަސޫލާ صلّى اللّـه عليه وسلّم ގެ ދަރިކަނބަލުން ފާތިމަތުގެފާނުގެ ދަރިކަލުން ޙަސަންގެފާނުގެ ދަރިކަލުން ޒައިދުގެ ދަރިކަލުން އަބޫމުޙައްމަދު އަލްޙަސަންގެ ދަރިކަނބަލުން ނަފީސާއެވެ.
ނަފީސާގެ ބައްޕާފުޅު އަބޫމުޙައްމަދު އަލްޙަސަން މަދީނާގެ ޤަވަރުނަރުކަން ކުރެއްވިއެވެ. އޭރު ޚަލީފާއަކަށް ހުންނެވީ މަންޞޫރެވެ. ނަމަވެސް ފަހުން ޚަލީފާ މަންޞޫރު ކޮންމެވެސް ކަމަކާ ހިތްޕުޅު ހަމަޖެހިވަޑައިނުގެން ކޯފާއިސްކުރައްވައި އެކަލޭގެފާނުގެ މުދާތައް ދައުލަތަށް ނަގައި އެކަލޭގެފާނުވެސް ބަޣުދާދުގެ ޖަލުގައި ހައްޔަރު ކުރިއެވެ.
ޚަލީފާ މަންޞޫރު އަވަހާރަވުމުން ދެން އިސްލާމުންގެ ޚަލީފާކަން ލިބިވަޑައިގަތީ އަލްމަހްދީއަށެވެ. ޚަލީފާ މަހްދީ އަބޫމުޙައްދު އަލްޙަސަން ޖަލުން މިނިވަން ކުރައްވައި އެކަލޭގެފާނުގެ އަތްޕުޅުން ދައުތަލަށް ނެގެވުނު މުދާތައްވެސް އަލުން އެކަލޭގެފާނަށް ދެއްވިއެވެ. އެކަލޭގެފާނު އަވަހާރަވީ ހިޖްރައިން 168 ވަނަ އަހަރުގައެވެ. ޚަލީފާ މަހްދީއާއެކުގައި ޙައްޖަށް ވަޑައިގެންނެވި މަގުމަތީގައެވެ. އޭރު އެކަލޭގެފާނުގެ އުމުރުފުޅަކީ 85 އަހަރުފުޅެވެ.
ނަފީސާ މިޞްރަށް ވަޑައިގަތީ އެކަމަނާގެ ފިރިކަލުން المؤتمن إسحاق بن جعفر އެކުގައެވެ. އެކަމަނާއަކީ ވަރަށް މުއްސަނދި ބޭކަނބަލެކެވެ. ނުހަނު ދީލަތި ބޭކަނބަލެކެވެ. މީސްތަކުންނަށް މުދާ ހޭދަކުރެއްވުމުގައި އަރާ އިންނެވި ބޭކަނބަލެކެވެ. ޖުޒާމުބަލިޖެހިފައިވާ މީހުންނާއި ބޮޑެތި ބަލިތައް ތަހައްމަލު ކުރަމުން ގެންދާ މީހުންނާއި އާއްމު ފަޤީރުންނަށް އެހީތެރިވެދެއްވުމަކީ އެކަމަނާގެ ހިތްޕުޅުގެ އުފަލެކެވެ.
އަލްޙާފިޡް އިބްނު ކަޘީރު އަލްބިދާޔަތު ވައްނިހާޔަތުގައި ލިޔުއްވައިފައިވަނީ އެކަމަނާއަކީ އަޅުވެރި ޒާހިދު ހެޔޮކަންތައްތައް ކުރެއްވުން ގިނަ ބޭކަނބަލެއްކަމުގައެވެ.
އިމާމު ޝާފިޢީގެފާނު މިޞްރަށް ވަޑައިގެންނެވުމުން އެކަލޭގެފާނަށް އެކަމަނާ ވަރަށް ހެޔޮފުޅުކޮށް ހިއްތެވިއެވެ. އެކަމަނާގެ ހާޒިރުގައި އެކަލޭގެފާނު ނަމާދުފުޅު ކުރައްވައި އުޅުއްވައެވެ. ޝާފިޢީގެފާނު އަވަހާރަވުމުން އެކަލޭގެފާނުގެ މައްޗަށް އެކަމަނާ ކަށުނަމާދުފުޅުވެސް ކުރެއްވިއެވެ.
ނަފީސާ އަވަހާރަވީ މިޞްރުގައެވެ. އެކަމަނާ އަވަހާރަވުމުން އެކަމަނާގެ ފިރިކަލުން އެކަމަނާގެ ހަށިކޮޅު މަދީނާއަށް ގެންގޮސް ފަސްދާނުވެޑުވުނަށް ނިންމެވިއެވެ. ނަމަވެސް މިޞްރުގެ މީސްތަކުން އެދިވަޑައިގަތުމުގެ މަތިން އެކަމަނާ ފަސްދާނުވެޑުވުނީ މިޞްރުގައެވެ. އެކަމަނާ އަވަހާރަވީ ހިޖްރައިން 208 ވަނަ އަހަރުގެ ރަމަޟާންމަހުގެ ތެރޭގައެވެ.
އެކަމަނާއަކީ ރަސޫލާ صلّى اللّـه عليه وسلّم ގެ ދަރިފަސްކޮޅުން ވަޑައިގެންނެވި ބޭކަނބަލަކަށްވެފައި ނުހަނު ޞާލިޙު ތަޤްވާވެރި ދީންވެރި ބޭކަނބަލެއްކަމުގައިވުމުން މީސްތަކުން އެކަމަނާއަށް މާތްކޮށް ހިތުމުގައި ހައްދުފަހަނަ އަޅައިދިޔައެވެ. ކުފުރުގެ ބަސްތައް ބުނަމުން ދިޔައެވެ. އެކަމަނާގެ މަޤުބަރާއަށް ޒިޔާރަތްކޮށް މާތްކޮށް ހިތުމުގެ ގޮތުން އެކިބާވަތުގެ ދީނާ ޚިލާފުކަންކަން ކުރަމުން ގެންދިޔައެވެ.
މި އުއްމަތުގެ އިމާމުންގެ ތެރެއިން އަލްޙާފިޡް އިބްނު ކަޘީރު ވިދާޅުވެފައިވެއެވެ. [އަހަރެމެން އެކަމަނާއާ ބެހޭ ގޮތުން ގެންގުޅެން ޖެހޭނެ އިޢުތިޤާދަކީ އެފަދަ އެހެންވެސް ޞާލިޙު ކަނބަލުންނާ ބެހޭ ގޮތުން ގެންގުޅެން ޖެހޭ އިޢުތިޤާދެވެ. ބުދަށް އަޅުކަން ކުރުމުގެ އަސްލު ފެށިފައިވަނީ މަރުވެފައިވާ މީހުންގެ ޤަބުރުތަކަށް ކުރަންޖެހޭ އިޙްތިރާމުގެ ދާއިރާ ފަހަނައަޅައި ގޮސް މިނަށްވުރެ ބޮޑަށް އެތަންތަނަށާއި އެމީހުންނަށް މާތްކޮށް ހިތަން ފެށުމުންނެވެ. ޙައްދުފަހަނަ އަޅައިދާވަރަށް މީހުންނަށް ތާރީފު ކުރުމަކީ ޙަރާމްކަމެކެވެ.]
އަހަރެމެން ރާއްޖޭގައިވެސް އިހުޒަމާނުގައި މަޤުބަރާތަކަށް އާދަޔާ ޚިލާފު މާތްކަމަކާއި ޤަދަރެއް ދީ އުޅުނެވެ. ނަމަވެސް ޢިލްމުވެރިން ހިއްމަތާއި މިންނަތުންވަނީ އެކަން ވަރަށް ބޮޑަށް ހުއްޓިފައެވެ. އިބްނު ކަޘީރު އެވަނީ އެފަދަ މަރުވެގޮސްފައިވާ މާތް މީހުންނާމެދު އަހަރެމެންގެ ޢަޤީދާ ގެންގުޅެންވީ ގޮތް ޞަރީޙުކޮށް ބަޔާންކޮށް ދެއްވައިފައެވެ.
މާތް الله އެކަމަނާއަށް ރަޙްމަތް ލައްވާށިއެވެ. އާމިން.