ތިބާގެ ހިތް ވަގުތުން ސާފުކުރާނެ ގޮތް!: ޑރ. ނުޢުމާން ޢަލީ ޚާން

ކިޔުމަށް ހޭދަވާނީ 5މ 30ސ
ތިބާގެ ހިތް ވަގުތުން ސާފުކުރާނެ ގޮތް!: ޑރ. ނުޢުމާން ޢަލީ ޚާން

ޢާއިޝަތު ރަފާޙް ޢަލީ

 

މާތް ﷲ އަޅުގަނޑުމެންނަށް ވަޙީކުރައްވާފައިވާ އިރުޝާދުތަކަކީ އިންސާނީ ފިޠުރަތާ ގުޅިލާމެހިފައިވާ، ސީދާ އެ މައުޟޫޢަކާ ގުޅުންހުރި ކަންކަމެވެ. އެކަލާނގެ ވަޙީބަސްފުޅުތައް ބާވައިލައްވަނީ ސާފުކޮށް، ސީދާ އެ މައްސަލައަކަށް އަމާޒުކުރައްވައިގެންނެވެ. މިސާލަކަށް، އިންސާނުން ސުވާލުކުރާއިރު "ކިހިނެއްތޯ [މައްސަލައިން] ސަލާމަތްވާނީ؟" މާތް ﷲ އިރުޝާދު ދެއްވަނީ: "ރޯދަ ހިފުމަށް ފަށާށެވެ. އަދި ރަމަޟާން މަހުގައި [ރޯދަ ހިފާށެވެ]." މިފަދަ އަމުރުފުޅުތަކުގެ ނަތީޖާއަކީ ކޮބައިތޯ؟ ރޯދައިން އަޅުގަނޑުމެންނަށް ލިބޭނީ ކޮން ފައިދާއެއްތޯ؟ އަދި ރޯދައިން އަޅުގަނޑުމެންނަށް އެ ފައިދާ ލިބޭނީ ކިހިނެއްތޯ؟ 

ﷲ ތަޢާލާ ބަޤަރާ ސޫރަތުގެ 183 ވަނަ އާޔަތުގައި ވަޙީ ކުރައްވާފައިވެއެވެ.

لَعَلَّكُمْ تَتَّقُونَ

މާނައީ: "(އެއީ) ތިޔަބައިމީހުން تقوى ވެރި ވުމަށްޓަކައެވެ. (183)"

"އަޅުގަނޑުގެ ކިބައިގައި ތަޤްވާވެރިކަން ހުރިކަން އެނގޭނީ ކިހިނެއްތޯ؟" މިއީ ވަރަށް މުހިންމު އަދި ފުންކޮށް ވިސްނަންޖެހޭ ސުވާލެކެވެ. 

އަޙްޒާބް ސޫރަތުގެ 70 ވަނަ އާޔަތުގައި ﷲ ތަޢާލާ ވަޙީ ކުރައްވާފައިވެއެވެ.

يَٰٓأَيُّهَا ٱلَّذِينَ ءَامَنُوا۟ ٱتَّقُوا۟ ٱللَّهَ وَقُولُوا۟ قَوْلًا سَدِيدًا ﴿٧٠﴾‏

މާނައީ: "އޭ إيمان ވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުން اللَّه އަށް تقوى ވެރިވާށެވެ! އަދި ސީދާވެގެންވާ ބުނުމަކުން ތިޔަބައިމީހުން ބަސްބުނާށެވެ! (70)"

يُصْلِحْ لَكُمْ أَعْمَٰلَكُمْ

މާނައީ: "(އޭރުން) ތިޔަބައިމީހުންނަށްޓަކައި، ތިޔަބައިމީހުންގެ عمل ތައް އެކަލާނގެ إصلاح ކޮށްދެއްވާނެތެވެ." 

މާތް ﷲ އަޅުގަނޑުމެންނަށް ދައްކަވަނީ ލުއިފަސޭހަ މަގެކެވެ. މިސާލަކަށް، ތަޤްވާވެރިކަމުގެ ޙަޤީޤަތް ދެނެގަތުމަށްޓަކައި ވަކި ފަރުބަދައަކަށް އަރައި، ވަކި ގަހެއްގެ ދަށުގައި އިށީނދެ، ވައިޖެހެންދެން މަޑުކުރާކަށް ނުޖެހެއެވެ. ހިތް ސާފުކުރުމަކީ އެހާ އުނދަގޫ ކަމެއް ނޫނެވެ. އެއީ ސީދާ އަދި ލުއިފަސޭހަ ކަމެކެވެ. 

ހިތް ސާފުކުރުމަށްޓަކައި އަޅުގަނޑުމެން ކުރަންޖެހޭ ކަންކަމަކީ: 

·      އެހެން މީހުންނާ ދިމާލަށް ނޭދެވޭ ގޮތަކަށް ވާހަކަ ނުދެއްކުން

·      އެހެން މީހުންގެ އަބުރާ ނުބެހުން

·      އެކަކު އަނެކަކަށް މަލާމާތް ނުކުރުން

·      އެހެން މީހުންގެ ޙައްޤުތައް އަދާކުރުން

·      ވެވެން އޮތް މިންވަރަކުން ދީލަތިވުން

·      އެހެން މީހުންނަށް ހެޔޮ އެދި ހެޔޮދުޢާކުރުން

ނަމަވެސް، ބައެއް ފަހަރު އަޅުގަނޑުމެންނަށް ފެންނަނީ އެހެން މަންޒަރެކެވެ. ޤުރުއާނުގައި ބަޔާންކޮށްފައިވާ ކަންތައްތައް ކުރުމުން ރޫޙު ސާފުވާނެކަމަށް ވިދާޅުވެފައިވާއިރު، އެ ކަންތައްތަކަކީ މާ ބުރަ މަސައްކަތްތަކެއް ކަމަށް ބައެއް މީހުން ދެކެއެވެ. އޭގެ ބަދަލުގައި، ޒިކުރުތަކާއި ނަޝީދުތަކުން މާތް ﷲ އާ ގާތްވެވޭ ކަމަށް ޤަބޫލުކުރެއެވެ. އަދި ހިތް ސާފުކުރުމަށް ޢާއްމުނޫން ގޮތްތަކެއް ހޯދައެވެ. 

އެހެންނަމަވެސް، މާތް ﷲ ވަޙީކުރައްވާފައިވަނީ ވަކި ކަންތައްތަކެއް ކުރުމުން ހިތް ރަނގަޅުވާނެ ކަމަށެވެ. އެކަމަކު ބައެއް މީހުން އެދެނީ މާ ޚާއްޞަ އެއްޗެއް ކަމަށް ބުނެ، ކާއިނާތުގެ ސިއްރުތައް އެނގޭ ކަމަށް ބުނާ މުރުޝިދުންގެ ފަހަތުން ދެއެވެ. 

މިފަދަ ވިސްނުންތަކަކީ އިސްލާމްދީން އައުމުގެ ކުރިން އޮތް ގޮތް ކަމަށް ޤަބޫލުކުރެވެއެވެ. ހިތް ސާފުކުރުމުގެ ސިއްރުތައް ވަކި ބަޔަކަށް އެކަނި އެނގޭ ކަމަށް ދެކުމަކީ އިސްލާމްދީނުގެ ރޫޙާ ޚިލާފު ކަމެކެވެ. މިއީ ދީނުގެ ނަމުގައި މީހުން އޮޅުވާލައި މަކަރުވެރިކުރުވުމަށް ކުރިން ކުރަމުން އައި ކަމެކެވެ. 

އިސްލާމްދީނުގައި އަޅުގަނޑުމެންނަށް ދެއްކެވި މަގަކީ ސާފު، ސީދާ އަދި ލުއިފަސޭހަ މަގެކެވެ. އަޅުގަނޑުމެން ކުރަންޖެހެނީ މާތް ﷲ އަދި އެކަލާނގެ ރަސޫލާ އަންގަވާފައިވާ ގޮތަށް ޢަމަލުކުރުމެވެ. އޭގެ ތެރޭގައި ހިމެނެނީ: 

·      ތައުޙީދުގެ މައްޗަށް ސާބިތުވެ ތިބުން

·      ފަރުޟު އަޅުކަންތައް އަދާކުރުން

·      ހެޔޮ އަޚްލާޤު ދަމަހައްޓައި، އެހެން މީހުންނާ މެދު ހެޔޮކޮށް ހިތުން

·      ޙަލާލު ގޮތުގައި މަސައްކަތްކޮށް، ރިޒުޤު ހޯދުން

·      ޢިލްމު އުނގެނުމާއި، އުނގަންނައިދިނުން      

މި ކަންތައްތައް ކުރުމުން، އަޅުގަނޑުމެންގެ ހިތްތައް ސާފުވެ، ރޫޙާނީ ގޮތުން މަތިވެރިވެ، މާތް ﷲ ގެ ރުއްސެވުން ލިބޭނެއެވެ. އަޅުގަނޑުމެން އިތުރު ސިއްރީ ޢިލްމުތަކެއް ހޯދާކަށް ނުވަތަ ޚާއްޞަ މުރުޝިދުންގެ ފަހަތުން ދާކަށެއް ބޭނުމެއް ނުވެއެވެ.  އިސްލާމްދީނުގެ މަތިވެރި ތަޢުލީމުތަކުގައި އަޅުގަނޑުމެންނަށް ބޭނުންވާ ހުރިހާ މަގުދެއްކުމެއް ވަނީ ހިމެނިފައެވެ. 

އެހެންކަމުން، އަޅުގަނޑުމެން ކުރަންވީ ކަމަކީ މާތް ﷲ އަންގަވާފައިވާ ގޮތަށް ޢަމަލުކުރުމެވެ. އަދި އަޅުގަނޑުމެންނަށް ނުކުރެވޭ ކަންތައްތަކާ މެދު ހިތާމަކޮށް، އިޞްލާޙުވުމަށް މަސައްކަތްކުރުމެވެ. މާތް ﷲ އަޅުގަނޑުމެންނަށް ދެއްވާފައިވާ މިނިވަންކަމާއި ލުއިފަސޭހަކަމަށްޓަކައި ޝުކުރުވެރިވާންވީއެވެ. އަދި އެކަލާނގެ ދެއްކެވި ސީދާވެގެންވާ މަގުގައި ސާބިތުވެ ތިބުމަށް މަސައްކަތްކުރަންވީއެވެ. 

އަޅުގަނޑުމެން ހަނދާންކުރަންވީ، އިސްލާމްދީނަކީ ލުއިފަސޭހަ ދީނެއްކަމެވެ. މާތް ﷲ އަޅުގަނޑުމެންނަށް އުނދަގޫ ގޮތްތަކެއް ނުދައްކަވައެވެ. އެކަލާނގެ އަޅުގަނޑުމެން އެހެން ހުރިހާ ބޭކާރު ކުށްވެރިވުންތަކުން މިނިވަންކުރެއްވެވިއެވެ. އަޅުގަނޑުމެން އުފުލަން ނުޖެހޭ ބުރަތަކުން ސަލާމަތްކުރެއްވިއެވެ. މިއީ ޙަޤީޤަތުގައި ރޫޙާނީ ގޮތުން އަޅުގަނޑުމެންނަށް ލިބޭ މިނިވަންކަމެކެވެ. 

ނިންމާލަމުން ދަންނަވާނީ، އަޅުގަނޑުމެން ކޮންމެ މުސްލިމަކުވެސް މާތް ﷲ އާއި އެކަލާނގެ ރަސޫލާ ދެއްކެވި މަގުގައި ސާބިތުވެ ތިބުމަށް މަސައްކަތްކުރަންވާނެއެވެ. އަދި އަޅުގަނޑުމެންގެ ދިރިއުޅުން އިސްލާމީ އުސޫލުތަކާ އެއްގޮތަށް ބައްޓަންކުރުމަށް ގަދައަޅައި މަސައްކަތްކުރަންވާނެއެވެ. މާތް ﷲ އަޅުގަނޑުމެން އެންމެންނަށް ތެދުމަގު ދައްކަވައި، އެމަގުގައި ސާބިތުވެ ތިބުމުގެ ތައުފީޤު ދެއްވާށިއެވެ. އާމީން.

 

- ނުޢުމާން ޢަލީ ޚާންގެ ދަރުސަކުން

މިއަދު އޮންލައިން