ބައެއް މީހުން ޢިލްމް އުނގެނެމުންގޮސް އެންމެ މަތީ ހަރުފަތާއިހަމައަށްވެސް ދެއެވެ. އެއިރުން އެމީހަކު އެހުރީ ބޮޑު ޢިލްމްވެރިއަކަށްވެފައެވެ. ސުވާލަކީ އެވަރުން ފުދޭހެއްޔެވެ؟ އަހުރެންގެ ޖަވާބަކީ އެއްގޮތަކަށްވެސް ނުފުދޭނެއެވެ.
ކީރިތި ޤުރްއާނުގެ ޢިލްމަށް ބަލާށެވެ! ޙަދީޘްފުޅުން އެނގެން އޮތް ގޮތުގައި އެންމެ ރަނގަޅު، އެންމެ ހެޔޮލަފާ، އެންމެ ދަރަޖަ މަތިވެރި މީހަކަށް ވެވެން އޮތީ ޤުރްއާން އުނގެނުމަކުން ނޫނެވެ. ޤުރްއާން އުނގެނި އަދި އުނގަންނައި ދިނުމުންނެވެ.
މިކަމުން އެނގެނީ މުޅި ޤުރްއާން އެކުގައި ހިތުދަސްކޮށް ޙާފިޡަކަށް ވެވުމަކުން އަދި ނުފުދޭކަމެވެ. އެހެން ބައަކަށް ޤުރްޢާން އުނގަންނައިދޭންވެސް ޖެހޭ ކަމެވެ.
ނިކަން ވިސްނައިލަބަލާށެވެ! އޮންލައިންކޮށް ތިބާ ޤުރްއާން ކިޔަވައިދެނީއެވެ. ފަހަރަކު 10 ވަރަކަށް ދަރިވަރުންނަށެވެ. މަހެއްހައި ދުވަހުގެ މަސައްކަތުން ނުވަތަ 3 މަހުންނަމަވެސް 10 ކުދިންނަށް ތަޖުވީދުމަގުން ކިޔަވަން ދަސްކޮސްދެނީއެވެ. 4 ، 5 އަހަރުވާއިރު ކިތައް ދަރިވަރުންނަސް ކިޔަވައިދެވިފައިވާނެ ހެއްޔެވެ؟ އެކަމަސް ދެއްވަވާނެ އަޖުރު ޙިސާބުކުރެވޭނީވެސް ކިހިނަކުން ހެއްޔެވެ؟
އެންމެ ބޮޑު އުފަލަކީ އަޖުރު ދިރިދެމިގެންދާ ކަމެވެ. އެކަން ހިނގާ ގޮތަކީ ތިބާގެ ދަރިވަރުން ކިޔަވަނީއެވެ. އަދި ކިޔަވައިވެސްދެނީއެވެ. ޗޭނަށް ބޮޅުތައް އިތުރުވަމުންދަނީއެވެ. އެހެރަދަނީ ތިބާއަށް ޘަވާބު އިތުރުވަމުންނެވެ. މަރުވެ ކައްވަޅުގަި އޮތަސް ދާނީ އިތުރުވަމުންނެވެ.
މިމަތިވެރި ނިޢުމަތް ލިބެން އެދޭމީހަކަށް ހަފްތާއަކު 3، 4 ދުވަހު ނަމަވެސް އެއިން ކޮންމެ ދުވަހަކު 30 ވަރަކަށް މިނިޓް ހޭދަކޮށްލުން ބުރައަކަށްވާންވީ ކީއްވެގެން ހެއްޔެވެ؟
- މުފްތީ މެންކުގެ ދަރުސަކުން