ޤައުމުގެ އެންމެ އިސްވެރިޔާއަށް ޤައުމުގައި ޒަމާނުންސުރެ ހުންނަ ހުރިހާ މައްސަލަތައް ކުއްލިއަކަށް ޙައްލުނުކުރެވިދާނެ ކަމަށާއި ނަމަވެސް އަޚްލާޤް ރަނގަޅުވެފަ ދީނަށް ޢަމަލުކުރާނަމަ އެމީހަކަށް ރުހި ހެޔޮދުޢާކުރަންވާނެ ކަމަށް މުފްތީ މެންކް ވިދާޅުވެއްޖެއެވެ.
މުފްތީ މެންކް މިމޭރުމުން ވިދާޅުވެފައިވަނީ ދާދިފަހުން އަވަހާރަވީ ބައެއް ބޭފުޅުން ދީނަށް ކުރެއްވެވި ޚިދުމަތުގެ އަގުވަޒަންކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ. އަވަހާރަވި ބޭފުޅުންގެތެރޭގައި ނައިޖީރިއާގެ ކުރީގެ ރައީސް މުޙައްމަދު ބުޚާރީ ހިމެނިވަޑައިގަންވާތީއެވެ.
"އޭނާއަކީ އަކްލާޤް ރަނގަޅު ބޭފުޅެއް! ދީނަށް ފުރިހަމައަށް ޢަމަލުކުރެއްވި ބޭފުޅެއް! އެކަމަކުވެސް ކުށްތަކެއްވެސް ކުރެވިފައި ހުންނާނެ! ދުޢާއަކީ އެކުށްތަކަށް ޢަފޫ ކުރައްވަވައި ޖަންނަތުލްފިރުދައުސް މިންވަރުކުރެއްވެވުން! އާމީން!
ދެން ފާހަގަކޮށްލަން ބޭނުންވަނީ އަލްހާއްޖު އަމީނުލް ދާތަތާ! އަބޫދާބީގަ އަވަހާރަވީމާ ސަޢުދީ ސަރުކާރުން ދިން ޚާއްޞަ ހުއްދައެއްގެދަށުން މަދީނާއަށް ގެނެވި ފަސްދާނުލެވިފަވަނީ މަދީނާގެ ޖަންނަތުލް ބަޤިޔާގަ. މިހުންނަނީ އާދައިގެ ކަންކަމެއް ނޫން! ކޮންމެ ކޮންމެ މީހަކަށް ލިބޭނެ ކަންކަމެއް، ދަރަޖައެއް ނޫން! މިފަދަ މަތިވެރި ޝަރަފަކާ ދަރަޖައެއް ލިބޭނީ އެމީހަކު ދީނަސް ކުރި ޚިދުމަތް ކިހާމަތިވެރިވީމަކަން ވިސްނައިލަބަލަ!" މުފްތީ މެންކް ވިދާޅުވިއެވެ.
މި 2 ބޭފުޅުންނާއި އެތައް ފަހަރަކު ބައްދަލުވިއެވެ. އެބޭފުޅުން ފަރުޟްނަމާދުތައް ކުރެއްވެވިއެވެ. ދީނުގެ ކަންކަމަށް ޢަމަލުފުޅުކުރެއްވެވިއެވެ. ދީން މަތިވެރިކުރައްވަވަން މަސައްކަތް ކުރެއްވެވިއެވެ.
ސިޔާސީ ލީޑަރަކަށްވުމަކީ ނުވަތަ ޤައުމުގެ އެންމެ އިސްވެރިޔާކަމަށްވުމަކީ ކުރިން ބުނިފަދައިން އެތަނެއްގައި މޫލައި ހަރުލާފައި ހުންނަ ގިނަދުވަސްވީ ނުރަނގަޅު ހުރިހާ ކަންކަން ވަޤުތުން ފުހެލެވޭނެ ސަބަބެއް ނޫނެވެ. އޮންނާނީ އެކަމަށް މަސައްކަތްކުރުމެވެ. ބައެއް ކަންކަން ރަނގަޅުކުރެވޭނެއެވެ. ރަނގަޅު ނުކުރެވޭނެ ކަންތައްތަކެއްވެސް ހުންނާނެއެވެ. އެއީ އެމީހަކީ ނުބައި މީހަކު ކަމަށް ނިންމަން އޮތް ސަބަބެއް ނޫނެވެ.
ނައިޖީރިއާގައިވެސް އަދި އެހެން ޤައުމުތަކުގައި މިބުނި ޒާތުގެ މައްސަލަތައް ހުންނާނެއެވެ. މައްސަލަ ނެތް އެއްވެސް ޤައުމެއް ނެތެވެ. ނުވެސް އޮންނާނެއެވެ.