ސުވަރުގެ ވައްދަވާނީ އަދި ނަރަކައަށް އެއްލައިލެވޭނީ ކީއްވެގެންކަން- އަބޫބަކުރުގެފާނުގެ ބަސްފުލަކުން-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 39ސ
ސުވަރުގެ ވައްދަވާނީ އަދި ނަރަކައަށް އެއްލައިލެވޭނީ ކީއްވެގެންކަން- އަބޫބަކުރުގެފާނުގެ ބަސްފުލަކުން-

ކޮންމެ މީހަކުވެސް ސުވަރުގެ ވައްދަވާނީ ކޮންފަދަ ަމތިވެރި ފޭރާމެއްގައިކަން މިއަދު ޚިޔލަށްވެސް ނުގެނެވޭނެއެވެ. ނަމަވެސް ނަރަކައަށް އެއްލައިލެވޭނީ ނަރަކައިގެ އެހޫނުގަދަ އަލިފާނުގެ ހޫނުކަން އެތައް ގުނައަކަށް އިތުރުވާނެ ނަރަކައިގެ ފޭރާމުގައިކަން އެނގެން އެބައޮތެވެ. އެކަމަކުވެސް މިއުޅެނީ ހިތަށް ބިރުވެރިކަން ނުވެއްދިގެންނެވެ.

ސުވަރުގެ ވައްދަވާނެ ސަބަބާ ނަރަކައަށް އެއްލައިލެވޭނެ ސަބަބާއިމެދު ވިސްނައިލަމާ ހިނގާށެވެ!

"އެއްވެސް ހެޔޮ ކަމެއްގެ ސަބަބުން ނަރަކައަށް ވަންނާކަށް ނުޖެހޭނެއެވެ. އަދި އެއްވެސް ނުބައި ކަމެއްގެ ސަބަބުން ސުވަރުގެއެއް ވެސް ނުވަދެވޭނެއެވެ."

މިއީ އަބޫބަކުރުގެފާނުގެ ބަސްފުޅެކެވެ. މި ބަސްފުޅަށް ވިސްނާށެވެ! މިބަސްފުޅުން އެނގި ޔަޤީންވެގެންދަނީ ސުވަރުގެ ވަދެވޭނީ ހެޔޮ އަމަލުކޮށްގެން ކަމާއި ނަރަކަށް ވަންނަން ޖެހޭނީ ނުބައި އަމަލުތައް ކޮށްގެން ކަމެވެ. ވީމާ އާޚިރަތް ދުވަހަށް ފުރިހަމައަށް އީމާންވެގެން ހުންނަ މީހާ އެއްވެސް ނުބައި އަމަލެއް ނުކުރާނެއެވެ. މަސައްކަތް ކުރާނީ ވީހައި ގިނަ ހެޔޮ އަމަލުތައް ކުރުމަށެވެ.

މިކަންކަމަށް ގިނަ ބައަކު ނުވެސް ވިސްނަނީއެވެ. އެމީހުންނަށް ހީކުރެވިފައި އޮންނަނީ އާޚިރަތް ދުވަހަކީވެސް ދުނިޔޭގައި ފަދައިން ޖަމިއްޔާތައް ހަދައި ޤަރާރުތައް ފާސްކުރެވޭނެ ދުވަހެއް ކަމަށެވެ. މޮޔަ ނުވާށެވެ! ކުށް ހީތައް ހީނުކުރާށެވެ! އެދުވަހަކީ އެއްވެސް މީހަކަށް ނުވަތަ ބައަކަށް ކުރެވޭނެ އެއްވެސް ކަމެއް އޮތް ދުވަހެއް ނޫނެވެ. އެދުވަހު އޮންނާނެ ހަމައެކަނި ކަމަކީ ﷲ ތަޢާލާ ފާސްކުރައްވަވައި ތަންފީޒް ކުރަން އަހަރެމެންނަށް އަންގަވާފައިވާ ޤަރާރުތައް އަހަރެމެން ތަންފީޒުކުރި މިންވަރު ބައްލަވައި ނިޔާ ކަނޑައެޅުއްވެވުމެވެ.

ﷲ ތަޢާލާގެ ޙުކުމްފުޅުތަކަށް ޢަމަލުކުރާ ވާހަކަ ދައްކާއިރަށް ކޮންމެވެސް ބައަކު އުފައްދައިގެން އުޅޭ ކޮންމެވެސް ޤަރާރެއްގެ ވާހަކަ އެބަ ދައްކައެވެ. މިއީ މީސްތަކުން މަގުފުރައްދަން ބޭނުންކުރާ އުކުޅެކެވެ. ﷲ ތަޢާލާއަށް ބިރުވެތިވާ މީހުންނަށް އޮތީ މިނުރައްކައުތެރިހަމަލާއަށް ވިސްނައި ހޭލުންތެރިވުމެވެ.

ޔަޤީންކުރާށެވެ! ﷲ ތަޢާލާ ވަނީ އެކަލާނގެ ޤަރާރުފުޅުތައް ފާސްކުރައްވަވައި ނިންމަވައި މީސްތަކުންނަށް ބަޔާންކުރައްވަވައި ދެއްވަވައިފައެވެ. އެއީ ކީރިތި ޤްރްއާނެވެ! ރަސޫލް ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ސުންނަތެވެ. އާޚިރަތް ދުވަހު އޮންނާނެ ހަމައެކަނި ކަމަކީ ކީރިތި ޤްރްއާނާއި ސުންނަތުން އަމަލުކުރި މިންވަރު ބައްލަވައި މީޒާނުގައި ކިރުއްވަވައި ފާސްވާ މީހުންނަށް ސުވަރުގެ އަދި ފާސްނުވި ބައަކަށް ނަރަކަ ދެއްވެވުމެވެ.

މިކަންކަމަށް ވިސްނައި ފިކުރުކުރުމަކީ ނަރަކައިން ސަލާމަތްވުމަށާއި ސުވަރުގެ ލިބުމަށް އެދޭ މީހާ ކޮންމެހެން ކުރަންޖެހޭނެ ކަމެކެވެ. އަޚިރަތް ދުވަހަށް އީމާންވުމުގެ ތެރޭގައި އެދުވަހަކީ ﷲ ތަޢާލާ ފިޔަވައި އެހެން އެއްވެސް ފަރާތެއްގެ އެއްވެސް މިންވަރެއްގެ ބާރެއް އެދުވަހު ނުހިނގާނެކަން ހިތުގެ އަޑިން ޤަބޫލުކުރުން ހިމެނެއެވެ.

ﷲ ތަޢާލާއަކީ އަހަރެމެންނާއި ދުނިޔޭގެ ޖަމާއަތްތައް ފަދައިން ދުވާލަކު ގޮތަކަށް، އެދުވަހަކު އަޣްލަބިއްޔަތު ލިބެން އޮތް ބައަކު އެބައަކަށް ފައިދާކުރާ ގޮތަށް ޤަރާރުތައް ފާސްކޮށް އަދި ބަދަލުކުރާ ފަދައިން ޢަމަލުފުޅުކުރައްވަވާނެ ފަރާތެއް ނޫނެވެ. އަހަރެމެން އެގޮތަށް ކަންތައްތައް ކުރަނީ އަހަރެމެންނަށް އެންމެ މޮޅު ގޮތް އަހަރެމެންނަށްވެސް ނުއެނގޭތީއެވެ. އަދި އަމިއްލަ އެދުންތަކުން ފޯވެގެން ތިބުމުންނެވެ. ﷲ ތަޢާލާއީ އެހެން އެއްވެސް ފަރާތަކުން އެއްވެސް ކަމަކަށް ބޭނުންފުޅުވެވޮޑިގެން ނުވާ ހުރިހާ ކަމަކުން ފުދިވޮޑިގެންވާ ރަސްކަލާނގެއެވެ.

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން