ފޯނުން އެންމެ ގިނަ ޘަވާބު ހޯދަން ބޭނުންނަމަ އެކުވެރިންނަށް ގުޅައި ދަމުނަމާދަށާ ފަތިސްނަމާދަށް ހޭލައްވާށެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 56ސ
ފޯނުން އެންމެ ގިނަ ޘަވާބު ހޯދަން ބޭނުންނަމަ އެކުވެރިންނަށް ގުޅައި ދަމުނަމާދަށާ ފަތިސްނަމާދަށް ހޭލައްވާށެވެ!

ގިނަ ބައަކު ހެޔޮ ޢަމަލުތައް ކުރެއެވެ. އަހުރެން ބުނާނީ އެވަރުން ފުއްދައި ނުލުމަށެވެ. އެތައް ގުނައަކަށް އިތުރުކޮށްލެވޭނެ ފުރުޞަތު ލިބިގެންދާ ޢަމަލުތައް ބައިވަރެވެ. އެހެންވެ ބުނެދޭން މަސައްކަތް މިކުރަނީ ކުރަން އެންމެ ފައިދާހުރި ޢަމަލެއްގެ ވާހަކައެވެ.

މިއަދު ކޮންމެ މީހަކުވެސް ކަންކަން ކުރަން ބޭނުންކުރަނީ ފޯނެވެ. ފޯނުން ނުކުރެވޭ ކަމެއް ނެތްކަމަށް ބުނެވޭހައި ގިނަ ކަންކަމަށް އެބަ ފޯނު ބޭނުންކުރެވެއެވެ. ސުވާލަކީ ފޯނުން ކުރެވެން އޮތް އެންމެ ފައިދާހުރި ކަންކަން އެބަކުރަމުހެއްޔެވެ؟

ތިމާ ހެޔޮ ޢަމަލުތައް ކުރުމުގެ އިތުރުން ހެޔޮ ޢަމަލެއްކުރަން އެހެން މީހަކަށް އާދަކޮށްދެވިއްޖެނަމަ ލިބޭނެ ޘަވާބުގެ ބޮޑުކަން އެނގޭނަމަ އެކަން ނުކުރާނެ މީހަކު ހުންނާނެކަމަކަށް ޤަބޫލެއް ނުކުރެވެއެވެ. އެހެނީ އެމީހާކުރާ ޢަމަލުން އެމީހާއަށް އެއްވެސް މިންވަރެއް އުނި ނުކުރައްވަވައި ތިމާއަށްވެސް އެކަމުގެ ޘަވާބު ދެއްވަވާނެތީއެވެ.

މިގޮތުން ކުރަން ވަރަށް ފައިދާހުރި ހެޔޮ ޢަމަލެއްގެ ކުޑަކުޑަ މިޘާލެއް ބުނެލާނަމެވެ.

ތިމާ ދަމުނަމާދުކުރުމުގެ އިތުރުން ދަމުނަމާދުކުރަން އިތުރު މީހަކު ހޭލެއްވުމުގެ ޒިންމާނަގާށެވެ! އެއީ ކިތަންމެ ދުރުގައި އުޅޭ މީހަކުނަމަވެސް ފޯނުކޮށްގެން ހޭލެއްވިދާނެއެވެ. މިފަދަ ޒިންމާއެއް ނެގުމުން އެއީ އެހެން މީހަކަށްކޮށްދޭން ވައުދުވިކަމަކަށްވާތީ ހޭލުމަށްދޭ ސަމާލުކަން އިތުރުވެގެންދާނެތީ އެކަމުގެ ފައިދާވެސް ތިމާއަށް ކުރާނެއެވެ.

ދެން އޮތީ އެކަމުން ލިބެން އޮތް އެންމެ ބޮޑު ފައިދާގެވާހަކައެވެ. އެއީ ދަމުނަމާދަށް އެހެން މީހަކު ހޭލެއްވުމުން އޭނާކުރާ ނަމާދުން އޭނާއަށް އެއްވެސް މިންވަރެއް އުނި ނުކުރައްވަވައި ތިމާއަށް ޘަވާބުދެއްވަވާކަމެވެ. އަދި އޭނާލައްވައި ނަމާދުކުރުވަން މަސައްކަތްކުރުމުން އޭނާ ނަމާދުނުކުރި ނަމަވެސް ތިބާ ކުރި މަސައްކަތަށް ޘަވާބު ދެއްވަވާނެތެވެ.

އެހެން މީހަކު ހޭލައްވައި ދަމުނަމާދުކުރަން އާދަކުރުވިއްޖެނަމަ އޭނާކުރާ ހުރިހާ ދަމުނަމާދަކުން ތިމާއަށްދާނީ ޘަވާބު ލިބެމުންނެވެ. އެކަމުން ތިބާގެ ފަތަށް ބުރަވެގެންދާނެ މިންވަރު ނިކަން ހިތަށް ގެނެސްބަލާށެވެ.

ހަމަ އެފަދައިން މިހާރު މީހުންނަށް އެންމެ ބޮޑަށް އުނދަގޫވެފައިވާ އެއްކަމަކީ ފަތިސްނަމާދުކުރުމެވެ. ތިބާ ފަތިހު ހޭލައި ނިކަން އިތުރު މީހަކު ހޭލައްވައިބަލާށެވެ! ފޯނުން ގުޅައިގެން ނަމަވެސްމެއެވެ. ފަތިސްނަމާދުކުރަން އެމީހާ އާދަކުރުވައިބަލާށެވެ! ހަމަ މިބުނި މަގުން ތިބާއަށް ޘަވާބު ދެއްވަވާނެތެވެ! އިން ޝާ ﷲ

މީގެ އިތުރުން ތިބަވެގެންދާނީ ﷲ ތަޢާލާގެ ދީން މަތިވެރިކުރަން މަސައްކަތްކުރާ، އެދީނަށް ނަޞްރުދޭ މީހަކަށެވެ. އެކަމުންވެސް ދެއްވަވާނެ ޘަވާބުގެ ބޮޑުކަން ނިކަން ހިތްމައްޗަށްގެނެސްބަލާށެވެ!

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން