ﷲ ތަޢާލާގެ ޙަޟްރަތުގަ އެންމެ މަތީ ފެންވަރަށް ދިއުމަށް ފުރަތަމަ ފުރިހަމަކުރަންޖެހޭ ކަންތައް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 44ސ
ﷲ ތަޢާލާގެ ޙަޟްރަތުގަ އެންމެ މަތީ ފެންވަރަށް ދިއުމަށް ފުރަތަމަ ފުރިހަމަކުރަންޖެހޭ ކަންތައް!

ދުނިޔޭގަ ގިނައީ ކާފިރުންނެވެ. ވީމާ އެކިފެންވަރުގެ ޑިގްރީތައް ނަގައިގެން ތިބި މީހުންވެސް ގިނަވާނީ ކާފިރުންގެތެރޭގައެވެ. އަހުރެންގެ ސުވާލަކީ ކިތަންމެ މަތިން ކިތަންމެ ގިނަ ޑިގްރީތަކެއް ހޯދިނަމަވެސް އާޚިރަތް ދުވަހު އެމީހުންނަށް އެއިން ކުރާނީ ކޮންފައިދާއެއް ހެއްޔެވެ؟ އަދި މުސްލިމުންގެ ތެރެއިންވެސް ޑިގްރީތައް ނަގާ މީހުންގެ ތެރެއިން އާޚިރަތް ކާމިޔާބުނުކުރެވިއްޖެ މީހަކަށް ކުރާނީ ކޮން ފައިދާއެއް ހެއްޔެވެ؟

ވީމާ ދަންނާށެވެ! ދުނިޔޭގެ މަޝްހޫރު ޔުނިވަރސިޓީތަކުން ކިތަންމެ މަތީ ފާހެއް ނެގިނަމަވެސް އެއިގެ ފައިދާކުރާނީ ދުނިޔޭގައެވެ. މަރުވުމަށްފަހު ނުވަތަ އާޚިރަތް ދުވަހު ފައިދާއެއް ކުރާނީ ﷲ ތަޢާލާގެ ޙަޟްރަތުގަ ޤަބޫލުފުޅުކުރައްވަވާނެ ފެންވަރަށް ދެވިގެންނެވެ. އެފެންވަރަށް ދިއުމުގެ އަސާސީ ފެންވަރަކީވެސް ރަސޫލް ﷺ ކުރެއްވެވި ގޮތަށް ނަމާދުކުރަން އެނގުމެވެ.

ވީމާ ﷲ ތަޢާލާގެ ޙަޟްރަތުގަ ޕީއެޗްޑީގެ ފެންވަރަށް ދާންއެދޭ މީހާއަށް އޮތީ ފުރަތަމަ ކަމަކަށްވެސް ރަސޫލް ﷺ ކުރެއްވެވި ގޮތަށް ނަމާދުކުރަން އެނގުމެވެ. ފައުންޑޭޝަން ސްޓޭޖަކީވެސް އެއީއެވެ.

އެހެނީ އިސްލާމްކަން އެމީހެއްގެ ކިބައިގައި އޮންނާނީ ނަމާދުކުރާނަމައެވެ. އަޅާ އާއި ކާފިރުކަމާއި ދެމެދުގައިވަނީ ނަމާދު އަޅައިފުންކަމުގައިވާތީއެވެ.

އަހަރެމެންގެތެރެއިން ގިނަ ބައަކު މިގެންދަނީ ނަމާދުކުރަމުންނެވެ. ބަލައިލަންޖެހޭކަމަކީ މިކުރެވެނީ ނަމާދުތޯއެވެ؟ މިކުރާ ގޮތަށް ނަމާދުކުރުމުން ﷲ ތައާލާގެ ޙަޟްރަތުގައި ނަމާދަކަށްވާނެ ހެއްޔެވެ؟

ބައެއް މީހުން ނަމާދުކުރާއިރު ވީހައި ރީތި ރާގުތަކަށް ޢަލްޙަމްދު ކިޔަވަން މަސައްކަތްކުރެއެވެ. އެއީ ވަރަށް ރަނގަޅު ކަމެކެވެ. ނަމަވެސް ވިސްނައިލަންވީ ކިތަންމެ ރީތި ރާގަކަށް އަލްހަމްދު ކިޔެވި ނަމަވެސް ކިޔާ އެއްޗެއްގެ މާނަ ހިތްމައްޗަށް ނުގެނެވޭނަމަ އެކަމުން ލިބެންޖެހޭ ފުރިހަމަ ފައިދާ ނުލިބޭނެ ކަމެވެ. ނަމާދު ފުރިހަމަ ނުވާނެ ކަމެވެ.

ދައުލަތަށް ދައްކަން ޖެހޭ ޓެކްސްގެ ޤާނޫނެއް މިއަދު ނުކުތް ނަމަވެސް އެ ޤާނޫނު ވަގުތުން ހިތުދަސް ކުރެއެވެ. އެއީ އެ ޤާނޫނުގެ ސަބަބުން ޖީބަށް ބާރުބޮޑުވާނެތީއެވެ. މީސްތަކުންނޭވެ! ނަމާދުގެ މުހިންމުކަން މާބޮޑެވެ. މަރުވެ ވަޅުލެވޭ ވަގުތުން ފެށިގެން އެމީހެއްގެ ހުރިހާ ކަމެއް ބިނާވެގެންދާނީ އެމީހާ ކުރި ނަމާދުގެ މައްޗަށެވެ. ކައްވަޅުގެ ޢަޛާބުން ސަލާމަތްވުމާއި ނަރައިގެ ގަދަފަދަ ޢަޛާބުން ސަލާމަތްވުމާއި ސުވަރުގެ ވަދެވުން އޮތީ އެމީހަކު ކުރި ނަމާދުގެ މައްޗަށެވެ. އަދި ކީއްހެއްޔެވެ؟ ކައްވަޅުގައި ކުރެވޭ 3 ސުވާލުގެ ޖަވާބު ދެވުންވެސް އޮތީ ހަމަ ނަމާދުގެ މައްޗަށެވެ.

ވީމާ ވީހައި ފުރިހަމައަށް ނަމާދުކުރަން މަސައްކަތްކުރާށެވެ! ފުރިހަމައަށް ނަމާދުކުރުމަށްޓަކައި މިބުނި ކަންތައްތަކަށް ސަމާލުކަން ދޭށެވެ. ނޫންނަމަ ކުރާ ހުރިހާ ނަމާދުތަކަކީ ނުކުރެވޭ ނަމާދުތަކަކަށްވުމުގެ ފުރުޞަތު އޮތްކަމަށް ބިރުވެތިވާށެވެ!

ރަސޫލް (ﷺ) ޙަދީޘްފުޅު ކުރައްވަވާފައިވަނީ ހަމައެކަނި ނަމާދުކުރުމަކަށް ނޫނެވެ. ނަމާދުކުރުމުގެ އަމުރުފުޅު ކީރިތި ޤްރްއާނުގައި އޮތުމުން ވާޖިބު އަދާކުރަން ނަމާދަކަށް ނަމާދެއް ކުރާ ގޮތަށް ނަމާދުކުރުމަކަށް ނޫނެވެ. ވަރަށް ސާފު ޢިބާރާތުން ޙަދީޘްފުޅު ކުރައްވަވާފައިވަނީ ތިމަން ރަސޫލާ (ﷺ) ނަމާދުކުރެއްވެވި ގޮތަށް ނަމާދުކުރުމަށެވެ. ޞަހާބީން ނަމާދު ކުރެއްވެވި ގޮތަށް ނަމާދުކުރުމަށެވެ. ތަވާޟުޢްވެރިކަމާއިއެކު ނަމާދުކުރުމަށެވެ.

އެގޮތަށް ނަމާދުކުރުމަށްޓަކައި ނަމާދުކުރަން ފަށަމުން ކިޔާ ޙަރަމްބަން ތަކްބީރުން ފެށިގެން ނަމާދުކޮށް ނިމި ސަލާމް ދެންދެން މިކިޔާ ހުރިހާ އެއްޗެއްގެ މާނަ ހިތުދަސްކޮށް، ނަމާދުގައި ކިޔަމުން ގެންދާ ވަރަށް ހިތްމައްޗަށް ގެންނަންވާނެއެވެ. ކުރާ ނަމާދު ﷲ ތަޢާލާގެ ޙަޟްރަތުގައި ނަމާދަކަށްވާނީ އެއިރުންނެވެ.

--މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން