ދުނިޔޭގައި އުޅެން ލިބޭ ހުރިހާ ދުވަހަކު އެންމެ ރަނގަޅަށް އުޅެވޭ މީހުން ވަރަށް މަދުވާނެއެވެ. އަދި އެމީހަކަށް ސުވަރުގެ ނުވަދެވޭނެ ސަބަބެއް ނޫނެވެ. ﷲ ތަޢާލާގެ ދީލަތިވަންތަކަން މާބޮޑެވެ. ސުަވރުގެ ލިބިގަތުމުގެ ފުރުޞަތު ގެއްލިގެންދާނީ އެމީހެއްގެ އެންމެ ފަހު ވަޤުތުގައެވެ. މަލަކުލްމައުތު ލޮލަށް ފެނުމުންނެވެ.
"ކުރެވުނު ފާފައިގެ ސަބަބުން ސުވަރުގެ ވަދެވޭ ބައަކު ތިބޭނެ!" ކަމަށް ބުނެފިނަމަ ގިން ބައަކު ކަންބޮޑުވެ ސުވާލުތައްވެސް ކުރާނެއެވެ. އެކަން މެދުވެރިވާ ގޮތް މިކިޔައިދެނީއެވެ.
މީހަކަށް ފާފަކުރެވެނީއެވެ. އެތައް ދުވަހެއް ފަހުން ނަމަވެސް އެކަން އޭނާއަށް ވިސްނެނީއެވެ. އެހިސާބުން އޭނާ ދެރަވެ އެކަމަށް ހިތާމަކޮށް ތައުބާވަނީއެވެ. ތައުބާވުމަށްފަހު ހެޔޮލަފާގޮތުގައި ދުނިޔޭގައި އުޅެ ތަޤްވާވެރިއެއްގެ ގޮތުގައި ދުނިޔޭގެ ޙަޔާތް ނިންމައިލަނީއެވެ.
އިބްން އަލް-ޤައްޔިމް ރަޙިމަހުﷲ ވިދާޅުވި ބަސްފުޅެއްގެ މާނައިގައިވެއެވެ. "ފާފައަކުން މާބޮޑަށް ފައިދާކޮށްފާނެއެވެ. އެއީ އޭނާ ތައުބާވާ ސަބަބުކަމަށްވެދާނެއެވެ. ކުރީގެ މާތް ބޭކަލަކު ވިދާޅުވެފައިވެއެވެ. "މީހަކަށް ކުރެވުނު ފާފައަކީ އޭނާ ސުވަރުގެ ވައްދަވާ ސަބަބުކަމަށްވެދާނެއެވެ. އަދި އެއީ އޭނާ ނަރަކައަށް ވަންނަ ސަބަބުކަމށްވެސް ވެދާނެއެވެ."
އިބްނަ އަލް-ޤައްޔިމް ރަޙިމަހުﷲ މިފަދައިން ވިދާޅުވުމުން އެއީ ކިހިނަކުންތޯ ދެންނެވުނު ސުވާލުގެ ޖަވާބުގައި ބަޔާން ކުރެއްވެވީ ކުރިން މިބަޔާންކުރި މޭރުމުންނެވެ. އަދިވެސް ވިދާޅުވި ބަސްފުޅުގައިވަނީ މިފަދަ މޭރުމަކުންނެވެ. "އެމީހާ އެކަމަށް ދެރަވެ ހިތާމަކޮށް ﷲ ތަޢާލާ ހަނދުމަކުރުން ގިނަކުރުމުން އެމީހަކަށް ލައްވަވާ ރަޙްމަތް މާބޮޑުވެ އެއީ އޭނާ ސުވަރުގެ ވައްދަވާނެ ސަބަބުކަމުގައިވެދާނެއެވެ.
ކޮންމެއަކަސް ފާފައެއް ނުވަތަކެއް ފާފަތަކެއް ކުރެވިފައިވީނަމަވެސް ކަންބޮޑުނުވާށެވެ. އަވަހަށް ތައުބާވާށެވެ. ހެޔޮ ޢަމަލުކުރުންމަތީގައި ޘާބިތުވެ ހުންނަން ގަދައަޅައި މަސައްކަތްކުރާށެވެ! ފާފަކުރެވުނުކަން އެއީ ތިބާއަށް ނަރަކައިން ސަލާމަތްވެވި ސުވަރުގެ ވަދެވޭ ސަބަބުކަމުގައި ހަދަން މަސައްކަތްކުރާށެވެ! ބުއްދިވެރިންގެ ގޮތަކަށް ޥާންޖެހޭނީ އެގޮތެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން