ރަނގަޅަށް ބަލާށެވެ! އެންމެ ގިނަ ބައަކު ޝަކުވާކުރާނީވެސް ދުޢާކުރާނީވެސް އަތްމަތި ދަތިވެގެން ތަނަވަސްކަމަށް އެދިގެންނެވެ. ދުޢާކުރިނަމަވެސް އެދުޢާ ދުނިޔޭގައި އެމީހަކު ހުއްޓައި ޢިޖާބަ ނުކުރައްވަވާނެ ބައަކުވެސް ތިބޭނެއެވެ. އެފަދަ ގިނަ މީހުން ވަރަށް ކަންބޮޑުވާނެއެވެ. ޝަކުވާކުރާނެއެވެ. ކުރާ ދުޢާ ޢިޖާބަ ކުރެއްވެވުން ލަސްވެގެންނެވެ. އުލެންޖެހިފައިވާ ދަތިޙާލުގެ ސަބަބުންނެވެ.
އެކަން އެނގެނީ ކުރާ ދުޢާ ޢިޖާބަ ކުރެއްވެވުން ލަސްވެގެން ކަންބޮޑުވެ ޝަކުވާކުރާ މީހުންގެ ފަރާތުން ލިބެމުންދާ މެސެޖްތައް ގިނަކަމުންނެވެ. އެކަމުގައި ޝަކުވާކުރާ އެންމެންނަށް ބުނަމެވެ. މިބުނާ މަގުން ވިސްނައިލާށެވެ! އެއިރުން ތިއަ ހުރިހާ ކަންބޮޑުވުންތަކެއް ވަޤުތުން ފިލައިގެން ހިނގައިދާނެއެވެ. އިން ޝާ ﷲ
ﷲ ތަޢާލާ މީހަކަށް ރުހިވޮޑިގެންފިނަމަ އެމީހަކަށް ދެއްވަވާ ނިޢްމަތްތައް މަދުކުރައްވަވަތެވެ. އެއިގެ ތެރޭގައި ތަނަވަސްކަންވެސް ހިމެނެއެވެ. އެމީހާއަށް އެކަމެއް ނުވިސްނެއެވެ. ހަމަ ޝަކުވާކުރަނީއެވެ. ދުޢާކުރަނީއެވެ. އެކަމަކުވެސް އިތުރުކުރައްވަވައެއް ނުދެއްވަވަތެވެ.
އެވަޤުތު ލިބިގަންނަން ޖެހޭ މެޖެއް ވެއެވެ. "ﷲ ތަޢާލާ އެކަން އެގޮތަށް މެދުވެރިކުރައްވަވަނީ ތިމާ އެދޭ ކަންކަން ތިމާއަށް މިވަޤުތު ދެއްވަވައިފިނަމަ އެކަމުގެ ސަބަބުން ލިބެންއޮތް ގެއްލުން ބޮޑުކަމުންނެވެ. އެއިގެ ތެރޭގައި ތިމާ މަގުފުރެދި ﷲ ތަޢާލާ އާއި ދުރަށް ޖެހެވުންވެސް ހިމެނެއެވެ. އެގޮތަށް އެކަންވުމަށް ﷲ ތަޢާލާ އިރާދަނުކުރައްވަވަނީއެވެ.
އެހެންވީމާ އަހުރެން ކެތްތެރިވެލާނީ އެވެ. ދުވަސްކޮޅަކުން އަހުރެން މަރުވެދާނެތެވެ. އެއިރުން ﷲ ތަޢާލާ އަހުރެންނަށް ދެއްވަވާ ނިޢުމަތްތައް މާގިނަވާނެއެވެ. އެއިރުން ލިބޭނެ ހިތްހަމަޖެހުމާއި އުފާވެރިކަން މާބޮޑުވާނެއެވެ."
ދަތިޙާލެއްގައި އުޅެންޖެހިއްޖެނަމަ ބައެއް މީހުންނަށް ޤަބޫލުކުރެވެނީ ﷲ ތަޢާލާ އެމީހަކު ބާކޮށްލެއްވެވީކަމަށެވެ. ނުވަތަ ނިކަމެތިކޮށްލެއްވެވީ ކަމަށެވެ. މީސްތަކުންނޭވެ! އެއީ އެއްވެސް ޙާލެއްގައި އެފަދަ ގޮތަކަށް ހިނގާ ކަމެއް ނޫނެވެ.
ރަނގަޅަށް ވިސްނާށެވެ! ﷲ ތަޢާލާ އެންމެ ބޮޑަށް ލޯބިވެވޮޑިގެންނެވި މީހުންގެ ތެރޭގައި ޞަޙާބީން ހިމެނިވަޑައިގަންނަވައެވެ. އެބޭކަލުން ދުނިޔޭގައި އުޅުއްވެވި ދަތިޙާލު ހިތްމައްޗަށް ގެންނާށެވެ! އެއިރުން މިބުނި ބަހުގެ ތެދުކަން އެނގިގެންދާނެއެވެ! އެއިރުން ދަތިޙާލުގައި އުޅެންޖެހޭތީ އެއްވެސް ޝަކުވާއެއް ކުރަން ބޭނުމެއް ނުވާނެއެވެ. އިން ޝާ ﷲ
- މުފްތީ މެންކުގެ ދަރުސަކުން