ބަލިވެ އުޅެންޖެހުމަކީ ލައްވަވާ ބޮޑު ރަހްމަތެއް! ޝުކުރުވެރިވެ އުފާކުރަންވީ ސަބަބު-

ކިޔުމަށް ހޭދަވާނީ 1މ 21ސ
ބަލިވެ އުޅެންޖެހުމަކީ ލައްވަވާ ބޮޑު ރަހްމަތެއް! ޝުކުރުވެރިވެ އުފާކުރަންވީ ސަބަބު-

ފަށާނީ ކުޑަ މިޘާލަކުންނެވެ. ދުނިޔޭގެ ބޮކްސިން ޗެމްޕިއަން މަޝްހޫރު މުޙައްމަދު ޢަލީއަށް "ގްރޭޓް" ކިޔައި އުޅުނެވެ. އެހެން އުޅެނިކޮށް ބޮޑު ބައްޔެއްވެ 6 މަސް ދުވަހު ކުޅިވަރާ ދުރުގަ ހުންނަން ޖެހުނެވެ. ޝިފާ ލިބިގެން ކެމެރާތަކުގެ ކުރިމައްޗަށް ނުކުމެ ފުރަތަމަވެސް ބުނީ ކީކޭ ކަމަށް ހެއްޔެވެ؟ ބުނީ "އަހުރެންނަށް "ގެރޭޓް" ނުކިޔާށެވެ. އަހުރެންގެ ހުރި ނިކަމެތިކަން ވިސްނިއްޖެއެވެ." މިމޭރުމުންނެވެ. 

މީސްތަކުންނޭވެ! ބަލިޙާލެއްގައި ވުމަކަށް ހަމައެކަކުވެސް ނުއެދޭނެއެވެ. ވޭންއަޅާތީއެވެ. އުނދަގޫތައް ކުރިމަތިވާތީއެވެ. ވީމާ ބަލިޙާލެއްގައިވާ މީހަކުގެ ގާތުގައި ތިއައީ ލެއްވެވި ރަޙްމަތެއްކަމަށް ބުނުން ރަނގަޅެއް ނުވާނެއެވެ. އެކަން އެންމެންނަށް އެގޮތަށް ޤަބޫލުނުކުރެވޭނެތީއެވެ. އެފަދަ ބަހެއް ބުނަންވާނީ އެކަން ޤަބޫލުކުރެވޭނެކަން ޔަޤީންކުރެވޭ ތަޤްވާވެރި މީހުންގެ ގާތުގައެވެ. 

އަދިވެސް މިޘާލެއް ބުނެފާނެއެވެ. ދަތުރުމަތީގައި ދިމާވި ކަމަކާއި ގުޅިގެން ބޭކަލެއްގެ ފައިންޕުޅު ބުރިކޮށްލަންޖެހުމުން ވިދާޅުވިއެވެ. "މިއީ ލެއްވެވި ހާދަބޮޑު ރަހްމަތެކެވެ. ފައި އެގެންދެވީ އެކަމުން އަހުރެންނަށް ކުރަން އޮތް ފައިދާ މާބޮޑުވީމައެވެ." މިފަދަ ބަސްފުޅެއް ވިދާޅުވެވޭނީ ތަޤްވާވެރިކަމުގައި އެންމެ މައްޗަށް ދެވުމުންނެވެ. 

އަހުރެންގެ ނަޞީޙަތަކީ ބަލިޙާލެއްގައި އުޅެން ޖެހުނަސް، އެނދުމަތިވިޔަސް ﷲ ތަޢާލާއަށް ޝުކުރުވެރިވާށެވެ! އެއީ ލެއްވެވި ރަހްމަތެއް ކަމަށް ޤަބޫލުކުރާށެވެ! އެހެނީ ހެޔޮ ގޮތުގައި ވިސްނައިފި މީހަކަށް އެއީ ﷲ ތަޢާލާ އާއިމެދު ވިސްނައި ހެޔޮ ޢަމަލުތައް ކުރުން ގިނަކުރަން ދެއްވަވާ ވަރަށް ބޮޑު ފުރުޞަތެކެވެ. ބުއްދިވެރިންނަކީ އެފުރުޞަތުގެ ތެރެއިން ﷲ ތަޢާލާގެ ޙަޟްރަތަށް އިތުރަށް ކުއްތަންވުމަށް މަސައްކަތްކުރާ މީހުންނެވެ.

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން