ބިރެއް ނުގަނޭތަ؟ ކޮންމެ ސިކުންތަކު ގަޑިން އެއިވެނީ ތިބާގެ ޢަޖަލު ގާތްވަމުން އަންނަކަމުގެ އިންޒާރުގެ އަޑު ނޫންތަ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 2ސ
ބިރެއް ނުގަނޭތަ؟ ކޮންމެ ސިކުންތަކު ގަޑިން އެއިވެނީ ތިބާގެ ޢަޖަލު ގާތްވަމުން އަންނަކަމުގެ އިންޒާރުގެ އަޑު ނޫންތަ؟

ކޮންމެ ދުވަހަކު އަހުރެމެންގެ އަހުރެމެންގެ ވަށައިގެން ހިނގަމުން އަންނަ ކަންކަމަށް ވިސްނާ ފިކުރުކުރިނަމަވެސް ވަރަށް ގިނަ ކްނަތައްތަކެއް އެނގޭނެއެވެ. ހިތާމައަކީ ވިސްނަންވާވަރަށް ނުވިސްނޭ ކަމެވެ. ޚާއްޞަކޮށް މަރު ގާތްވަމުން އަންނަކަމަށާއި މަރަށް ތައްޔާރުވެ ހުރުމަށް  ލިބެމުންދާ އިންޒާރުތަކަށް ނުވިސްނޭ ކަމެވެ.  

މިޒަމާނުގައި މިގެންގުޅޭ ކަރަންޓުން ނުވަތަ ބެޓެރިން ހިންގާ ގަޑިތައް ހިނގާ އަޑު ނުއިވިދާނެއެވެ. ނުވަތަ އަޑު ވަރަށް މަޑުކަމުން ސަމާލުކަންދޭން ނުއެނގިދާނެއެވެ. ނަމަވެސް ކުރީގެ ގަޑިތަކަށް ބަލައިފިނަމަ އަބަދުވެސް ހުންނާނީ "ޓިކް ޓިކް" ގެ އަޑުއިވިއިވިއެވެ. އެކަމުން އަންގައިދެނީ ވަޤުތުތައް ފާއިތުވަމުންދާކަމެވެ. 

ދެން ބަލަންވީ އަހަރެމެންގެ ޙަޔާތަށެވެ. ލާ ކޮންމެ ނޭވާއެއް ދެނީ ވަރަށް ވަރުގަދަ މެސެޖެކެވެ. ކައްވަޅާއި މީހާ ގާތްވަމުންދާ ކަމުގެ މެސެޖެވެ. މަރަށް ތައްޔާރުވާންޖެހޭ ކަމުގެ މެސެޖެވެ. ހިތާމައަކީ މިމެސެޖް ބަލައިނުގަނެވޭކަމެވެ. އެނގޭކަމަށްވެސް ނުހަދާކަމެވެ.  

މިބުނި މެސެޖް އެގޮތަށް ޤަބޫލުކުރެވޭނަމަ ހަމައެކަކުވެސް އެމީހަކާއި ނުވެސް ބެހޭ ކަންކަމާއިބެހެން ވަޤުތުތައް ބޭކާރެއް ނުކުރާނެއެވެ. ޣީބަބުނުން ފަދަ ކަންކަމެއް ނުކުރާނެއެވެ. ޛިކުރުކުރުން ގިނަކުރާނެއެވެ. ނަމާދު ވަޤުތު ޖެހުމުގެ ކުރިން އެމީހަކު ހުންނާނީ މިސްކިތުގައެވެ. 

ފަރުޟް ނަމާދުތަކުގެ އިތުރުން ސުންނަތް ނަމާދުތައްވެސް ކުރާނެއެވެ. ފަރުޟޫ ރޯދަ ހިފުމުގެ އިތުން ސުންނަތް ރޯދަތައްވެސް ހިފާނެއެވެ. ދަހިވެތިވުމުގެ ބަދަލުގައި ޞަދަޤާތްކުރުން ގިނަކުރާނެއެވެ. އެމީހެއްގެ ޢާއިލާއަށާއި އެހެން މީހުންނަށްވެސް ހެޔޮކޮށް ހިތާނެއެވެ.  

މީސްތަކުންނޭވެ ގަޑީގެ ބަރުތެޅުވޭއަޑު ނުވަތަ ކަށިހިނގާ އަޑު އިވޭހެން ތިމާއަށް ނޭވާލެވޭ އަޑު ނުއިވުނަސް ނޭވާލެވޭކަން އެބައެނެއެވެ. ލާކޮންމެ ނޭވާއަކީ ޢުމުރުން ގެއްލިގެންދާ ވަޤުތުކަން އެބައެނގެއެވެ. މަރު ގާތްވަނީކަން އެބައެނގެއެވެ.  

އެކަމަކުވެސް ސަމާލުކަމެއް ނުދެވެއެވެ. އެމީހަކު އުޅޭނެހައި ގޮތަކަށް އުޅެނީއެވެ. ކުރާނެހައި ކަމެއް ކުރަނީއެވެ. އެފަދަ ގޮތަކަށް އުލެމުން ދަނިކޮށް ކުއްލިއަކަށް މިފެންނަނީ މަރުހިއްޕަވަން މަލާއިކަތުން ވަޑައިގަންނަވާ ތަނެވެ. އެހިސާބުން ތައުބާވާން އުޅުނަސް އެކަމެއް ނުވާނެއެވެ. އެންމެ ކުޑަމިނުން ޝަހާދަތްވެސް ނުކިޔޭނެއެވެ. ޝަހާދަތްކިޔޭނީވެސް ޝަހާދަތް ކިޔައި ޝަހާދަތުގެ މަތީގައި ޢަމަލުކުރަމުން އައިމީހަކަށެވެ.  

ދެން ނިކަން ބުނެބަލާށެވެ! ނޭވާލަވޭކަން އެނގިހުރެމެ، ކޮންމެ ނޭވާއަކީ ޢުމުރުން ކުރުވާ ބައެއްކަން އެނގިހުރެމެ މަރަށް ތައްޔާރު ނުވެހުރިމީހާއަށް މަރުގެ މަލާއިކަތުންގެ ކިބައިން އެއްވެސް ކަމަކަށް އެދެން އޮންނާނީ ކޮން ޙައްޤެއް ހެއްޔެވެ؟ ވީމާ ދެންވެސް ލެވޭ ކޮންމެ ނޭވާއަކަށްވެސް ބިރުވެތިވާށެވެ! ކިރިޔާވެސް ސަލާމަތްކަމެއް ލިބެން އޮތީ އެއިރުންނެވެ.

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

 

މިއަދު އޮންލައިން