ޤުރްއާން ކިޔެވުމަކީ ޘަވާބާ ހިތްހަމަޖެހުން އަދި ޝިފާ ލިބުމުގެ އިތުރުން އަތްމަތިދަތިކަން ފިލައި ތަނަވަސްކަން އިތުރުވާ ސަބަބެއް! އިން ޝާ ﷲ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 53ސ
ޤުރްއާން ކިޔެވުމަކީ ޘަވާބާ ހިތްހަމަޖެހުން އަދި ޝިފާ ލިބުމުގެ އިތުރުން އަތްމަތިދަތިކަން ފިލައި ތަނަވަސްކަން އިތުރުވާ ސަބަބެއް! އިން ޝާ ﷲ

ދާދިފަހުން ބައްދަލުވި މީހަކު ބުނީ އޭނާއަށް މާލީ ގޮތުން ދަތިތައް ކުރިމަތިވެ ދިރިއުޅޭ ފްލެޓްގެ ކުލި ނުދެއްކިގެން ގެއިން ނުކުންނަން ޖެހޭ ހިސާބަށް ކަންކަން ދިއުމުން ކީރިތި ޤްރުއާން ކިޔެވުން އިތުރުކުރި ކަމަށާއި އޭނާއަށް ކުރިމަތިވި މައްސަލަތައް ދާދި އަވަހަށް ހައްލުކުރެވި ކުލި ދެއްކޭނެ ގޮތް ހަމަޖެހުނު ކަމަށެވެ. މިފަދަ ވާހަކަތަކަކީ އައު ވާހަކަތަކެއް ނޫނެވެ. އެތައް ބައަކު ތަޖުރިބާކުރަމުން ގެންދާ ކަމެކެވެ.  

ކީރިތި ޤްރްއާން ކިޔަވާ މީހަކަށް ޙާޞިލު ނުވާނެ އެއްވެސް ކަމެއް ނެތެވެ. ނަމަވެސް ބައެއް މީހުންނަށް އެކަން ޤަބޫލުކުރެވޭ ގޮތް ތަފާތުވަނީއެވެ. އެހެންކަމުން ހީކުރެވިފައި އޮންނަނީ އެއީ ހަމައެކަނި އަޅުކަމެއް ކަމަށެވެ. ނަމަވެސް އެއީ އެންމެ ރަނގަޅު ވިސްނުމެއް ނޫނެވެ.  

ކީރިތި ޤްރުއާން ކިޔެވުމަކީ ހިތަށް ލިބޭ ޝިފާއެކެވެ. އެއިގެ އިތުރުން ތިމާއަށް ޖެހިފައިވާ ބަލިތަކުން ސަލާމަތްވުމަށް ވެސް ކީރިތި ޤްރުއާން ކިޔެވުން ގިނަކުރާށެވެ! އެހެނީ ކީރިތި ޤްރުއާން ކިޔެވުމަކީ ހުރިހާ ބަލިތަކަށް ވެސް އޮތް ޝިފާއެކެވެ. މިއީ އަހަރެން ބުނާ ބަހެއް ނޫނެވެ. ކީރިތި ޤްރުއާނުގައި ﷲ ތަޢާލާ ވަނީ މިކަން ބަޔާން ކުރައްވަވައިފައެވެ.  

އެއްވެސް ޝައްކެއް ނެތް ގޮތުގައި ކީރިތި ޤްރުއާން ކިޔެވުމަކީ އަޅުކަމެކެވެ. ވަރަށް  މަތިވެރި އަޅުކަމެކެވެ. ކޮންމެ މުސްލިމަކު ކޮންމެހެން ކުރަން ޖެހޭ ކަމެކެވެ. ކީރިތި ޤްރުއާނުގެ އެންމެ އަކުރެއް ކިޔެވުމަކީވެސް އަޅުކަމެކެވެ.  

ކޮންމެ އަހަރަކުވެސް ރަމަޟާން މަސް އައުމުން މުސްލިމުން ކީރިތި ޤްރުއާން ކިޔެވުން އިތުރުކުރެއެވެ. ނަމަވެސް އެކަމުން ލިބެން އޮތް ހަޤީޤީ ފައިދާތަކަށް ވިސްނައިގެން ކިޔަވަނީ މަދު މީހެކެވެ. ނަތީޖާއަކީ ލިބެންޖެހޭ ފައިދާ ފުރިހަމައަށް ނުލިބުމެވެ.  

ރަމަޟާން މަސް ކައިރިވަމުން އައިއިރު ބުނި ފަދައިން ބަލަންވީ ވީހައި ގިނަ ޚަޠިމް ކުރުމަކަށް ނޫނެވެ. މަސައްކަތްކުރަންވީ ތިމާގެ ހިތަށް އަސަރުކުރާނެ ގޮތަށް ކިޔެވުމަށެވެ. އެގޮތަށް ކިޔެވުމުން އެކަމުގެ ހިތްހަމަ ޖެހުން އެމީހަކަށް ލިބޭނެއެވެ. ކިޔަވައި ނިމިގެން ތެދުވާއިރު އެކަން އެމީހަކަށް އިޙްޞާޞްވެސް ކުރެވޭނެއެވެ! ވީމާ ވީހައި ގިނަ ފައިދާ ލިބޭނެ ގޮތަށް ކިޔަވަން މަސައްކަތްކުރާށެވެ! ކިޔަވައި ނިމިގެން ދުޢާކުރަން ހަނދާން ނައްތައިނުލާށެވެ! ތިމާ ކިޔެވި ކިޔެވުން ޤަބޫލުފުޅު ކުރެއްވެވުން އެދިވެސް ދުޢާކުރާށެވެ! އެކަމަށް އެދި ދުޢާ ކުރެވޭނެ ފެންވަރުގައި ކިޔަވާށެވެ! މަޑުމައިތިރިކަމާއި ވިސްނުންތެރިކަމާއިއެކު ކިޔަވާށެވެ. ނަތީޖާ ފެންނާނެއެވެ. އިން ޝާ ﷲ

 

- މުފްތީ މެންކުގެ ދަރުސަކުން

 

މިއަދު އޮންލައިން