ދުޢާއަކަށް އެދުނީމާ ކުރު ދުޢާއެއް ދީފިނަ ގިނައީ ހިތްހަމަނުޖެހޭ މީހުންނެވެ. އެމީހުންނަށް ވިސްނިފައި އޮންނަނީ ފައިދާކުރާނީ ދުޢާ ދިގުވިވަރަކުން ކަމަށެވެ. އަހުރެން ބުނާނީ ހަމައެކަނި މިމިންވަރަށް ދުޢާކޮށް ދެންނެވި ނަމަވެސް އެމީހެއްގެ ހިތް ފުރޭވަރަށް ދެއްވަވާނެ ކަމަށެވެ.
"ޔާ ﷲ! މިއަޅާގެ ޙާލަތު އިނބަ ﷲ ދެނެވޮޑިގެންވަމުއެވެ. މިއަޅާގެ ދިރިއުޅުމަށް ލުޔެއް ދެއްވަވާނދޭވެ! މިހުރެވޭ ޙާލަތަށްވުރެ ރަނގަޅު ޙާލަތެއް މިންވަރުކުރައްވަވާނދޭވެ! މިއަޅާއަށް ހިތްހަމަޖެހުމެއް ދެއްވަވާނދޭވެ!" އާމީން
މިކުރު ދުޢާގައި ހިމެނޭ ކަންކަމަށްބަލާއިރު ރިޒުޤް އިތުރުވުން، އަތްމަތިދަތިކަން ފިލުން، ބައްޔަށް ޝިފާލިބުން، ވަޒިފާއެއް ލިބުން، ވަޒީފާ މަތިވުން މިހެން ގޮސް އެމީހަކު ބޭނުންވެގެން ހުރި ހުރިހާ ކަންކަން ހިމެނިގެންވެއެވެ. ސަބަބަކީ އެމީހާ ހުރި ޙާލަޓާއި ބޭނުންވެގެން ހުރި ކަންކަން ﷲ ތަޢާލާ ދެނެވޮޑިގެންވެއެވެ. އެދިގެން އެދަނަނަވަނީ ކޮންކަމަކަށްކަންވެސް އެކަލާނގެ ދެނެވޮޑިގެންވެއެވެ.
މުހިންމީ ދުޢާ ދިގުކުރުމެއް ނޫނެވެ. ޢަމަލުތައް ސީދާކުރުމާއި ދުޢާކުރުމުގައި ދެމހުރުމެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން