ބަހެއް ބުނެލަން ޤަޞްދުކުރަނީ ވަފާތެރިކަމަށްފަހު ކައިވެނީގެ އުފާވެރިކަން ދަމަހައްޓައިދޭ އެންމެ ބޮޑުބާރާއިމެދުގައެވެ. އެބާރަކީ ދެމަފިރިން އެކަކު އަނެކަކަށް ހިނިތުންވުމެވެ. މިހެން ބުނަން ޖެހެނީ ބޭވަފާތެރިވަމުން ކިތަންމެ ގިނައިން ހިނިތުންވިނަމަވެސް އެކަމުން ކުރާނެ ފައިދާއެއް ނެތީމައެވެ. ފައިދާކުރާނީ ތެދުވެރި ހިނިތުންވުމުން ކަމަސްވާތީއެވެ.
ލޯބިވެގެން ދެމީހަކު އުޅޭއިރު ހަމަ ފެންއިރަށް އަނގައިގެ ހުރިހާ ދަތްތައް ފެންނަވަރަށް ހިނިތުންވާނެއެވެ. ވީޑިއޯކޯލެއް ކުރިނަމަވެސްމެއެވެ. އެކަމަކު ކައިވެންޏަށްފަހުގައި ބައެއް މީހުންނަށް ހިނިތުންވެލުން އޮންނަނީ ވަރަށް ބޮޑުކަމަކަށްވެފައެވެ. އަނެކާ ހިނިތުންވެލާނެ ކަމަށް އުންމީދުކޮށްގެން ހިނިތުންވެގެން އެތައް އިރެއްވަންދެން ހުރިނަމަވެސް އޮންނަނީ އެތަން ފެންނަ ކަމަށް ނުވެފައެވެ.
މިހެންވާން ދިމާވާ ސަބަބުތަކުގެ ތެރެއިން އެންމެ ޢާންމު އެއް ސަބަބަކީ ކައިވެނިކުރުމަށްފަހު ބައިވެރިޔާއަކީ އަމިއްލަ މިލްކެއް ކަމަށް ޤަބޫލުކުރެވުމެވެ. ހިނިތުން ނުވިނަމަވެސް ވަކިވެގެން ނުދާނެ ކަމަށް ޔަޤީންކުރެވުމެވެ. އެކަމަކު މިއީ ރަނގަޅު ވިސްނުމެއް ނޫނެވެ. ދުނިޔޭގައި ހުރިނަމަ ޢުމުރުން 100 އަހަރުން މަތިވި ނަމަވެސް ބައިވެރިޔާގެ ކިބައިން ހިނިތުންވުން ބޭނުންވާނެއެވެ. ފިރުމުންވެސް ބޭނުންވާނެއެވެ.
އަހުރެންނަށް ވާހަކަދެއްކުނު މީހުންގެ ތެރެއިން އެންމެ ގިނަ ބައަކު ބުނެފައިވަނީ ކައިވެންޏަށްފަހު ދެވޭ އަގުބޮޑު ހަދިޔާއަކަށްވުރެ ހިނިތުންވުމާއި އޯގާތެރިކަމާއިއެކު ފިރުމާލުމުން ލިބޭ ހިތްހަމަޖެހުން ނުވަތަ އުފާވެރިކަން މާބޮޑުކަމަށެވެ. މިއީ ޢިލްމީ މާހިރުންވެސް އެކަން ޤަބޫލުކުރާ ގޮތެވެ.
ބައެއް ބޭފުޅުން ވިދާޅުވަނީ ދެމަފިރިންގެ މެދުގައި ހިނިތުންވުން ގިނަ ނުކުރުމަކީ ކައިވެނީގައި ދިރުން ނެތްކަން އަންގައިދޭ ކަމެއް ކަމަށެވެ. އެކައިވެނި އެވަނީ މަރުވެފައިކަމަށެވެ. މާނައަކީ އެކައިވެނީގައި އުފާވެރިކަމެއް ނެތެވެ.
ދިރިއުޅުމުގައި އަބަދުވެސް ކަންބޮޑުވާންޖެހޭ ކަންކަން ކުރިމަތިވާނެއެވެ. ކޮންމެ ދުވަހަކުވެސް ކުރިމަތިވާނެއެވެ. މަސައްކަތުގެ މާޙައުލުންނާއި ގޭތެރެއިންވެސް ކުރިމަތިވާނެއެވެ. ނަމަވެސް އެއިން އެއްވެސް ކަމަކާއިހުރެ ބައިވެރިޔާއަށް ހިނިތުން ނުވާނަމަ އެހެދެނީ ވަރަށް ބޮޑު ގޯހެކެވެ. މަސައްކަތު މާޙައުލުން ދިމާވާ ކަންކަން ކޮނޑުގައި ޖަހައިގެން ގެއަށް ނުވަންނަން އަބަދުވެސް މިބުނަނީ އެހެންވެގެންނެވެ.
އިސްލާމް ދީނުގައި ހިނިތުންވުމަކީވެސް ޞަދަޤާތެކެވެ. ފައިސާއަށް ދަތިވެގެން އަނބިމީހާއަށް އަގުބޮޑު ހަދިޔާ ނުދެވުނަސް ހިނިތުންވުން ޞަދަޤާތްކުރެވޭނެއެވެ. އަނބިމީހާއަށް ގޭތެރޭގައި ކުރަންޖެހޭ މަސައްކަތް ގިނަވެ ބުރަވެގެން ފިރިމީހާއަށް ކޮށްދޭންޖެހޭ ބައެއް ކަންކަން ކޮށްނުދެވުނަސް ހިނިތުންވެވޭނެއެވެ. އެއީ ކިތަންމެ ބުރަކޮށް މަސައްކަތްކުރިނަމަވެސް ވަރުބަލިވެފައި ހުރިނަމަވެސް ނުދެވޭނެ އެއްޗެއް ނޫނެވެ.
ފެންނަ ތަފާތު ބަލައިލަން ނަމަވެސް ނިކަން ދެމަފިރިން އެކަކު އަނެކަކަށް ހިނިތުންވުން ގިނަކޮށްލައިބަލާށެވެ. ބޮޑު ބަދަލެއް ފެންނާނެއެވެ. އިން ޝާ ﷲ
- އަލަފް / މިއަދުނޫހަށް