ފިރިމިހާ އެއްޖިންސުން ގުޅުން ހިނަގާ ކަމަށް ތުހުމަތުކުރެވޭތީ ބެލިބެލުމުން އޭނާ އެކަންކުރާކަން ޔަޤީންކުރެވިއްޖެއެވެ. ހެކި ލިބުމުން އެއްބަސްވެސް ވެއްޖެއެވެ. އަޅުގަނޑުގެ ސުވާލަކީ އެފަދަ ބޮޑު ފާފައެއް ކުރާ މީހަކާއެކު އުޅުން ހުއްދަވާނެތޯއެވެ؟ ދަރިންވެސް ތިބުމުން ޔަޤީންކޮށްލަން ބޭނުންވަނީ-
ލިޔުންތެރިޔާގެ ސުވާލަށް ތިރީގައިވާ ލިޔުމުން ޖަވާބު ލިބިލައްވާނެ ކަމަށް އުންމީދުކުރަމެވެ.
ފިރިމީހާ އަކީ އެއްޖިންސުން ގުޅުން ހިންގާ މީހެއްކަން ޔަގީންވެއްޖެނަމަ އޭނަ އާއިއެކު އުޅުން ހުއްދަވެގެން ނުވެއެވެ. އެފަދަ މީހުން ކައިރިން އަވަހަށް ވަރިވާން ޖެހޭނެއެވެ.
- ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް
ތިރީގައިވާ ލިޔުމުގައިވެސް އެވަނީ ވަރަށް މުހިންމު މަޢުލޫމާތުކޮޅެކެވެ.
އެއްޖިންސުން ގުޅުން ހިންގާ ބައެއް މީހުން ބުނަނީ އެއީ އެމީހުންގެ ކިބައިގައި ލައްވަވާފައިވާ ސިފައެއް ކަމަށެވެ. އެއީ ދެކޮޅުޖެހޭނެ ވާހަކައެއް ނޫނެވެ. ވައްކަންކުރާހިތްވެދާނެއެވެ. ޒިނޭކުރާހިތްވެދާނެއެވެ. އެއީ މީހާގެ ހަވާނަފްސް އެކަންކަމަށް އެދޭތީއެވެ.
" އަދި ނަފްސާއި، އެ ނަފްސު ފުރިހަމަކުރެއްވި ކަލާނގެ ގަންދެއްވަމެވެ."
" ފަހެ، އެކަލާނގެ އެ ނަފްސަށް (ގެއްލުންހުރި) ނުބައިގޮތާއި (ފައިދާހުރި) ހެޔޮގޮތް އެނގުމުގެ ވިސްނުން ދެއްވިއެވެ."
" އެ ނަފްސު ޠާހިރު ކޮށްފިމީހާ، ކާމިޔާބުވެއްޖެކަން ކަށަވަރެވެ."
" އަދި އެ ނަފްސަށް އުނިކަން ދީފިމީހާ، ނާކާމިޔާބުވެއްޖެކަން ކަށަވަރެވެ."
(އައްޝަމްސް: 7،8،9،10)
ހެޔޮގޮތާއި ނުބައި ގޮތް ދެނެގަތުމުގެ ވިސްނުން ކޮންމެ ނަފްސަކަށްވެސް ވަނީ ދެއްވަވައިފައެވެ. ވީމާ އެންމެ ބޮޑެތި މުންކަރާތްތަކަށް އަރައިގަތުމަށްފަހު ނަފްސް ކުށްވެރިކުރުމުގެ ޙައްޤު އެއްވެސް މީހަކަށް ލިބިގެން ނުވާކަން މިއާޔަތްތަކުން އެނގިގެންދެއެވެ. އިން ޝާ ﷲ
- އިސްލާމީ ތިލަފަތުގެ ދަރުސަކުން