ފާފަކުރެވޭތީ ގިނަގިނައިން ތައުބާވާންޖެހުމަކީ މުނާފިޤަކަށްވާނެ ސަބަބެއް ނޫން! އެއީ ދަރަޖަ މަތިވެރިކުރައްވަވާނެ ކަމެއް!: ފަހްދް އަލް ކަންދްރީ

ކިޔުމަށް ހޭދަވާނީ 8މ 31ސ
ފާފަކުރެވޭތީ ގިނަގިނައިން ތައުބާވާންޖެހުމަކީ މުނާފިޤަކަށްވާނެ ސަބަބެއް ނޫން! އެއީ ދަރަޖަ މަތިވެރިކުރައްވަވާނެ ކަމެއް!: ފަހްދް އަލް ކަންދްރީ

ޢާއިޝަތު ރަފާޙް ޢަލީ

 

ޝެއިޚް ފަހްދް! "އަޅުގަނޑަކީ ގިނަގިނައިން ފާފަކުރާ އަޅެއް. އަޅުގަނޑު ތައުބާވެ، ދެން އަނެއްކާވެސް ފާފައަށް އެނބުރި ދިއުމަކީ އަޅުގަނޑަށް ދިމާވާ ކަމެއް. މިހާރު އަޅުގަނޑަށް އިހުސާސްވަނީ އަޅުގަނޑު މުނާފިޤެއްގެ ސިފަތަކާ ގާތްވަމުންދާ ކަމަށް. ނަމަވެސް، އަޅުގަނޑު އަމިއްލަ ނަފުސަށް ހަނދާންކޮށްދެނީ، ﷲ ސުބުޙާނަހޫ ވަތަޢާލާއަކީ އަޅުގަނޑު މިހާރު މިއުޅޭ ހާލަތަށްވުރެ މާ މަތިވެރި، އަދި ރަޙްމަތްފުޅު ތަނަވަސްވެގެންވާ ކަލާނގެކަން. އަޅުގަނޑުގެ މި ވިސްނުމަކީ އިސްލާމީ ތަޢުލީމާ އެއްގޮތްވާ ގޮތުގެ މަތިން ޞައްޙަ ވިސްނުމެއްތޯ؟" 

ޝައިޚުގެ ޖަވާބު: 

"މިފަދަ ނޭދެވޭ ބަސްތައް ބުނެ، ތައުބާވުމަށް ފަސްޖެހުމުން ވަރަށް ބޮޑަށް ރައްކާތެރިވާންޖެހެއެވެ. މިފަދަ ޙާލަތެއްގައި އިންސާނާ ވަނީ ޝައިޠާނާ އުފާކުރުވައި، އޭނާގެ އުފާ ގިނަކޮށްދީފައެވެ. ޝައިޠާނާ އިންސާނާއަށް ދޮގުހަދައި، އޭނާއަކީ މުނާފިޤެއް ކަމަށް ވަސްވާސް ދެއެވެ. އެހެންކަމުން، މުއުމިނެއްގެ ގޮތުގައި ސާބިތުވެ ދެމިހުރުމަކީ މުހިންމު ކަމެކެވެ. މި ދުނިޔޭގައިވާ ހުރިހާ އިންސާނުންނަކީވެސް ކުށްކޮށް، ފާފަވެރިވާ ބައެކެވެ. އެހެންނަމަވެސް، އެއަށްފަހު އެމީހުން ފާފަފުއްސެވުމަށް އެދި ދުޢާކުރެއެވެ. އަދި ﷲ ސުބުޙާނަހޫ ވަތަޢާލާ އެމީހުންގެ ތައުބާ ޤަބޫލުކުރައްވައެވެ." 

ރަސޫލާ ޞައްލަ ﷲ ޢަލައިހި ވަސައްލަމް ޙަދީޘްކުރައްވާފައިވެއެވެ. 

كلُّ ابنِ آدمَ خطَّاءٌ ، وخيرُ الخطَّائينَ التَّوَّابونَ

މާނައީ: އާދަމުގެފާނުގެ ދަރިންގެ ތެރެއިން ކޮންމެ މީހަކީވެސް ފާފަކުރާނެ މީހެކެވެ. އަދި ފާފަވެރިންގެ ތެރެއިން އެންމެ ހެޔޮވެގެންވަނީ ތައުބާވާ މީހުންނެވެ." 

އަހަރެން ތިބާއަށް މި ޙަދީޘް އަޑުއިއްވައިދޭނަން. މިއީ ﷲ ސުބްޙާނަހޫ ވަތަޢާލާގެ ރަޙްމަތް ބަޔާންކޮށްދޭ އަދި ތިބާގެ ޙާލަތާ އެއްގޮތް ޙާލަތެއް ބަޔާންކޮށްދޭ ޙަދީޘެކެވެ. 

عَنِ النبيِّ صَلَّى اللَّهُ عليه وَسَلَّمَ، فِيما يَحْكِي عن رَبِّهِ عَزَّ وَجَلَّ، قالَ: أَذْنَبَ عَبْدٌ ذَنْبًا، فَقالَ: اللَّهُمَّ اغْفِرْ لي ذَنْبِي، فَقالَ تَبَارَكَ وَتَعَالَى: أَذْنَبَ عَبْدِي ذَنْبًا، فَعَلِمَ أنَّ له رَبًّا يَغْفِرُ الذَّنْبَ، وَيَأْخُذُ بالذَّنْبِ، ثُمَّ عَادَ فأذْنَبَ، فَقالَ: أَيْ رَبِّ اغْفِرْ لي ذَنْبِي، فَقالَ تَبَارَكَ وَتَعَالَى: عَبْدِي أَذْنَبَ ذَنْبًا، فَعَلِمَ أنَّ له رَبًّا يَغْفِرُ الذَّنْبَ، وَيَأْخُذُ بالذَّنْبِ، ثُمَّ عَادَ فأذْنَبَ فَقالَ: أَيْ رَبِّ اغْفِرْ لي ذَنْبِي، فَقالَ تَبَارَكَ وَتَعَالَى: أَذْنَبَ عَبْدِي ذَنْبًا، فَعَلِمَ أنَّ له رَبًّا يَغْفِرُ الذَّنْبَ، وَيَأْخُذُ بالذَّنْبِ، اعْمَلْ ما شِئْتَ فقَدْ غَفَرْتُ لَكَ، قالَ عبدُ الأعْلَى: لا أَدْرِي أَقالَ في الثَّالِثَةِ أَوِ الرَّابِعَةِ: اعْمَلْ ما شِئْتَ. 

މާނައީ: "އަޅަކު ފާފައެއް ކުރިއެވެ. ދެން އޭނާ ދެންނެވިއެވެ: އޭ ﷲ އެވެ! އަޅުގެ ފާފަ ފުއްސަވާނދޭވެ! ދެން ﷲ ތަބާރަކަ ވަތަޢާލާ ވަޙީކުރެއްވިއެވެ: ތިމަންރަސްކަލާނގެ އަޅާ ފާފައެއް ކޮށްފިއެވެ. އަދި އޭނާއަށް ފާފަ ފުއްސަވާ އަދި ފާފައަށް ހިއްޕަވާ ވެރިރައްބެއް ވާކަން އޭނާއަށް އެނގިއްޖެއެވެ. ދެން އަލުން އޭނާ ފާފަ ކުރިއެވެ. އަދި ދެންނެވިއެވެ: އޭ އަޅުގެ ވެރިރައްބެވެ! އަޅުގެ ފާފަ ފުއްސަވާނދޭވެ! ދެން ތަބާރަކަ ވަތަޢާލާ ވަޙީކުރެއްވިއެވެ: ތިމަންރަސްކަލާނގެ އަޅާ ފާފައެއް ކޮށްފިއެވެ. އަދި އޭނާއަށް ފާފަ ފުއްސަވާ އަދި ފާފައަށް ހިއްޕަވާ ވެރިރައްބެއް ވާކަން އެނގިއްޖެއެވެ. ދެން އަލުން އޭނާ ފާފަ ކުރިއެވެ. އަދި ދެންނެވިއެވެ: އޭ އަޅުގެ ވެރިރައްބެވެ! އަޅުގެ ފާފަ ފުއްސަވާނދޭވެ! ދެން ތަބާރަކަ ވަތަޢާލާ ވަޙީކުރެއްވިއެވެ: ތިމަންރަސްކަލާނގެ އަޅާ ފާފައެއް ކޮށްފިއެވެ. އަދި އޭނާއަށް އެނގިއްޖެއެވެ، އޭނާއަށް ފާފަ ފުއްސަވާ އަދި ފާފައަށް ހިއްޕަވާ ވެރިރައްބެއް ވާކަން. ތިބާ އެދޭ ގޮތަކަށް ޢަމަލުކުރާށެވެ! ހަމަކަށަވަރުން ތިމަންރަސްކަލާނގެ ތިބާއަށް ފުއްސަވައިފީމެވެ." 

ޢަބްދުލް އަޢުލާ ވިދާޅުވިއެވެ: "ތިބާ އެދޭ ގޮތަކަށް ޢަމަލުކުރާށެވެ" މި ބަސްފުޅު ވިދާޅުވީ ތިންވަނަ ފަހަރުގައިކަން ނުވަތަ ހަތަރުވަނަ ފަހަރުގައިކަން އަހަރެންނަކަށް ނޭނގެއެވެ." 

"ޤުރްއާނުން އަހަންނަށް އުނގަންނައިދިނީ، ތިބާ ކިތަންމެ ބޮޑަށް ފާފައިގައި އިސްރާފުކޮށް، އޭގައި ހައްދުފަހަނައަޅައި ދިޔަ ކަމުގައިވިޔަސް، ތައުބާގެ ދޮރު ހުޅުވިފައިވާކަމެވެ. މި އާޔަތަށް އަހުރެމެން ކަނުލައި އަޑުއަހަމާ ހިނގާށެވެ.  

ﷲ ތަޢާލާ ޒުމަރް ސޫރަތުގެ 53 ވަނަ އާޔަތުގައި ވަޙީ ކުރައްވާފައިވެއެވެ. 

قُلْ يَا عِبَادِيَ الَّذِينَ أَسْرَفُوا عَلَىٰ أَنفُسِهِمْ لَا تَقْنَطُوا مِن رَّحْمَةِ اللَّهِ ۚ إِنَّ اللَّهَ يَغْفِرُ الذُّنُوبَ جَمِيعًا ۚ إِنَّهُ هُوَ الْغَفُورُ الرَّحِيمُ ﴿٥٣﴾‏

މާނައީ: "ކަލޭގެފާނު ވިދާޅުވާށެވެ! އެއުރެންގެ އަމިއްލަ نفس ތަކުގެ މައްޗަށް ފާފައިން إسراف ކޮށްފައިވާ، ތިމަންރަސްކަލާނގެ އަޅުތަކުންނޭވެ! ތިޔަބައިމީހުން اللَّه ގެ رحمة ން އުންމީދު ކަނޑައިނުލާށެވެ! ހަމަކަށަވަރުން، اللَّه އީ، އެންމެހާ ފާފަތައްފުއްސަވާ ރަސްކަލާނގެއެވެ. ހަމަކަށަވަރުން، އެކަލާނގެއީ، ގިނަގިނައިން ފާފަފުއްސަވާ، رحيم ވަންތަ ރަސްކަލާނގެއެވެ. (53)" 

"ތިބާ ޝައިޠާނާގެ ވަސްވާސްތަކަށް ކަންފަތް ނުދޭށެވެ. އެހެނީ އޭނާ ތިބާ ނާކާމިޔާބުކޮށް، ތައުބާވުމުން ދުރުކުރުމަށް މަސައްކަތްކުރާނެއެވެ. މި ކަމާ ގުޅޭގޮތުން ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވާފައިވާ ބަސްފުޅަށް ސަމާލުކަން ދޭށެވެ.

 

- ޝައިޚް ފަހްދް އަލް ކަންދްރީގެ ދަރުސަކުން

މިއަދު އޮންލައިން