ޒިނޭކުރަން ހިތަށް އެރުމުން މިކަންކަމަށް ވިސްނައިފި މީހަކަށް އެބޮޑު ފާފަ ނުކޮށް ހުރެވޭނެ! އިން ޝާ ﷲ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 18ސ
ޒިނޭކުރަން ހިތަށް އެރުމުން މިކަންކަމަށް ވިސްނައިފި މީހަކަށް އެބޮޑު ފާފަ ނުކޮށް ހުރެވޭނެ! އިން ޝާ ﷲ

(ވިސްނުން ލިޔުމުގެ އެންމެ ތިރީގަ) 

ވަރަށް ގިނައިން ކުރެވޭ ސުވާލެކެވެ. "ޒިނޭ ނުކޮށް ހުރެވޭނީ ކިހިނަކުންހެއްޔެވެ؟" 

މިފަދަ ސުވާލުތައް ގިނައިން ކުރަނީ ކޮންމެވެސް ސަބަބެއް މެދުވެރިވެގެން ކައިވެނި ނުކުރެވިފައި ތިބޭ ޒުވާނުންގެ ކިބައިންނެވެ. ޒިނޭކުރުން މިހައިބޮޑަށް ޢާންމުވެފައިވާ ދުވަސްވަރެއްގައި މިފަދަ ސުވާލުތައް ކުރިމަތިވާނެއެވެ. އެނގޭ ހެއްޔެވެ؟ މިފަދަ ސުވާލުތައް ކުރާ ކުދިންގެ ތެރޭގައި އެންމެ 14 އަހަރުގެ ކުދިންވެސް ހިމެނެއެވެ. 

ޖަވާބެއްގެ ގޮތުން ބުނެލަން ބޭނުންވަނީ ކެތްތެރިވެލާށެވެ! ތިބާއަށް ދާދި އަވަހަށް ކައިވެނިކުރެވިދާނެއެވެ. އެފުރުޞަތު ދެއްވަވަންދެން ކެތްތެރިވެލާށެވެ! 

މިހިސާބުން އުފައްދާނެ ސުވާލަކީ ކެތްތެރިވެގެން ހުރެވިދާނެހެއްޔެވެ؟ ޖަވާބަކީ ޢާނއެކެވެ! އެކަމަށް މަސައްކަތްކުރުމުން ހުރެވޭނެއެވެ. ކެތްތެރިކަން ހޯދަން މަސައްކަތްކުރާ މީހާއަށް ﷲ ތަޢާލާ ކެތްތެރިކަން ދެއްވަވާނެތެވެ. 

ކެތްތެރިވުން ކާމިޔާބުކުރަން ބޭނުންކުރަން އޮތް ފަރުވާއަކީ "ތިމަން ﷲ ވޮޑިގެންވަނީ ކެތްތެރިންނާއިއެކުގައި" ކަމަށް އާޔަތަށް ވިސްނުމެވެ. ތިބާ އާއިއެކުގައި ﷲ ތަޢާލާ ވޮޑިގެންވާނަމަ ތިބާއަށް އުނިވާނީ ކޮންކަމެއް ހެއްޔެވެ؟ 

ދެން އޮތީ ކެތްތެރިވުމުން ދެއްވަވާނެ ޘަވާބެވެ! ނަމާދުކުރުމާއި ޒަކާތްދިނުމާއި އެހެންވެސް އަޅުކަންކުރުމުން ޘަވާބު ދެއްވަވާފަދައިން ކެތްތެރިންނަށްވެސް ޘަވާބު ދެއްވަވާނެތެވެ. އެހެނީ ކެތްތެރިވުމަކީވެސް އަޅުކަމެކެވެ. ކެތްތެރިންނަށް އިތުރުވެސް ކޮށްދެއްވަވާނެތެވެ. އިން ޝާ ﷲ 

އިންސާނުން އުފައްދަވާފައިމިވަނީ ހަވާ ނަފްސް އެދޭހައި ކަންކަން ކުރާކަށް ނޫނެވެ. ﷲ ތަޢާލާ ހުއްދަކުރައްވަވާފައިވާ ކަންކަން ކުރުމަށެވެ. ވީމާ ﷲ ތަޢާލާ ނަހީކުރެއްވެވި އެއްވެސް ފާފައަކަށް އަރައިނުގަނެ ކެތްތެރިކަން އިސްކުރަން ގަދައަޅައި މަސައްކަތްކުރާށެވެ! ދެދުނިޔޭގައިވެސް ހެޔޮ ގޮތްތައް މިންވަރުކުރައްވަވާނެތެވެ. އިން ޝާ ﷲ 

ދެން މިބުނެލަނީ ފަށަމުން ސުރުޚީ އެޅި ވިސްނުމެވެ! ޒިނޭކުރުމުން ސަލާމަތްވެ ހުރެވޭނެ ވިސްނުމެވެ. ހިތްމައްޗަށް ގެންނާށެވެ! ވަރަށް އަވަހަށް ކައިވެނިކުރެވޭނެއެވެ. އެކައިވެނީގައި ބަރަކާތް ނުލައްވަވައިފިނަމަ އުފާވެރިކަމެއް ނުލިބޭނެއެވެ. ބަރަކާތް ލައްވަވާނީ ﷲ ތަޢާލާއަށް ކިޔަމަންތެރިވެ ހުރެގެންނެވެ. ޒިނޭކޮށްފިނަމަ އަހުރެންގެ ކިބައިގައި ކިޔަމަންތެރިކަމެއް ނެތެވެ. 

ދެން ހިތްމައްޗަށް ގެންނާށެވެ! ޒިނޭކުރުމުން ވަޤުތީ އުފާވެރިކަމެއްވެސް ލިބޭނީ ދާދިކުޑަކުޑަ ހިނދުކޮޅަކަށެވެ. ކައިވެނީގައި ބަރަކާތް ލެއްވެވުމުން މުޅި ޢުމުރށް އުފަލުގައި އުޅެވޭނެއެވެ. 

ދެން ހިތްމައްޗަށް ހިތްމައްޗަށް ގެންނާށެވެ! ދާދިކުޑަކުޑަ ހިނދުކޮޅެއްގެ ވަޤުތީ އުފަލަކަށްޓަކައި މިނަގައިލެވެނީ ޤިޔާމަތްދުވަހު ޢަރުޝީގެ ހިޔާވަހިކަން ދެއްވަވާނެ ފުރުޞަތެވެ. މިއީ ހަމަ އެއްގޮތަކަށްވެސް ނަގާލަން ހެޔޮވާނެ ފުރުޞަތެއް ނޫނެވެ. 

ދެން އިރުކޮޅެއްވަންދެން ޤިޔާމަތް ދުވަހާއި އެދުވަހުގެ ބިރުވެރިކަމާއި ޢަރުޝީގެ ހިޔާވަހިކަން ލިބި ސުވަރުގެ ވެދުވުމުން ލިބޭނެ އުފާވެރިކަމުގެ ބޮޑުކަމާއިމެދު ވިސްނައިލާށެވެ! އިން ޝާ ﷲ ޝައިޠޯނާގެ ވަސްވާސްތަކުން ސަލާމަތްވެވި ޒިނޭކުރުމުން ސަލާމަތްވެވޭނެއެވެ.

 

- މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން