ރަނގަޅު ބައިވެރިއަކު އަވަހަށް ލިބޭތޯ ޙިޖާބަ ނެގުން- ހެދޭނެ އެންމެ ބޮޑު ގޯސްކަމަށްވާނެ ސަބަބުތައް!: ފަހްދް އަލް ކުންދްރީ

ކިޔުމަށް ހޭދަވާނީ 5މ 19ސ
ރަނގަޅު ބައިވެރިއަކު އަވަހަށް ލިބޭތޯ ޙިޖާބަ ނެގުން- ހެދޭނެ އެންމެ ބޮޑު ގޯސްކަމަށްވާނެ ސަބަބުތައް!:  ފަހްދް އަލް ކުންދްރީ

ޢާއިޝަތު ރަފާޙް ޢަލީ

 

"އައްސަލާމް ޢަލައިކުމް، ޝައިޚް ފަހުދު! އަޅުގަނޑުގެ އަންހެން ރަޙްމަތްތެރިންގެ ފަރާތުން ލަފާ ލިބިފައިވަނީ، ކައިވެނިކުރުމަށް ފަސޭހަވާނެ ކަމަށްޓަކައި ހިޖާބު ނެގުމަށެވެ! އެމީހުންގެ ވިސްނުމުގައި، ޢަބާޔާއި ހިޖާބު އެޅުމުގެ ސަބަބުން އަޅުގަނޑު އަމިއްލަ ނަފްސު ކައިވެނިކުރުމުގެ ފުރުޞަތުތަކުން މަޙްރޫމްވެދާނެ ކަމަށް ދެކެއެވެ. ތެދުތެދަށް ދަންނަވާނަމަ، އަޅުގަނޑު މިހާރު ވިސްނަމުން މިދަނީ އެމީހުންގެ ލަފާ ޤަބޫލުކުރުމަށެވެ. 

ޝައިޚް، އަޅުގަނޑު މި ނިންމުމަށް އައުމުގައި ރަނގަޅު މަގެއްގައިތޯ އޮޅުން ފިލުވާލަން ބޭނުންވެއެވެ. އަދި އިތުރަށް ދަންނަވާނަމަ، އިރާދަކުރެއްވިއްޔާ ކައިވެނިކުރުމަށްފަހު އަނެއްކާވެސް ހިޖާބު އެޅުމަށް ގަސްތުކުރަމެވެ. 

ޝައިޚްގެ ޖަވާބު: 

ސުބުޙާނަﷲ! ޝައްކެއްނެތް ގޮތުގައި، އަޅުގަނޑުމެން ޔަޤީންކޮށް އީމާންވާންޖެހެނީ ހަމަކަށަވަރުންވެސް އެންމެހައި ދެއްވުމެއް ވަނީ ﷲ ސުބުޙާނަހޫ ވަތަޢާލާގެ ޙަޟްރަތުން ކަމަށެވެ. އިންސާނުންގެ އަތްމައްޗަކުން ނޫނެވެ. ހިޖާބު އެޅުމަކީ ކައިވެނީގެ މަގު ތަނަވަސްވުމަށް ނުވަތަ ހުރަސްއެޅުމަށް ސަބަބަކަށްވާ ކަމެއް ނޫނެވެ. ތިބާގެ ނަސީބަކީ އެހެން ހުރިހާ ރިޒުޤެއްގެ ޙާލެކޭ އެއްފަދައިން ﷲ ގެ ޙަޟްރަތުން ކަނޑައެޅިފައިވާ އެއްޗެކެވެ. 

ފަޖްރު ސޫރަތުގެ 15 އަދި 16 ވަނަ އާޔަތުގައި ﷲ ތަޢާލާ ވަޙީ ކުރައްވާފައިވެއެވެ. 

فَأَمَّا الْإِنسَانُ إِذَا مَا ابْتَلَاهُ رَبُّهُ فَأَكْرَمَهُ وَنَعَّمَهُ فَيَقُولُ رَبِّي أَكْرَمَنِ ﴿١٥﴾‏ وَأَمَّا إِذَا مَا ابْتَلَاهُ فَقَدَرَ عَلَيْهِ رِزْقَهُ فَيَقُولُ رَبِّي أَهَانَنِ ﴿١٦﴾‏

މާނައީ: ފަހެ، އިންސާނާ ދަންނާށެވެ! އޭނާގެ ވެރިރަސްކަލާނގެ، އޭނާ امتحان ކުރައްވައި، އަދި އޭނާ މާތްކުރައްވައި، އަދި އޭނާޔަށް نعمة ދެއްވައިފިހިނދު، ފަހެ، އޭނާ ބުނެތެވެ. ތިމަންގެ ވެރިރަސްކަލާނގެ ތިމަން މާތްކުރައްވައިފިއެވެ. (15) އަދި ދަންނާށެވެ! އެކަލާނގެ، އެ އިންސާނާ امتحان ކުރައްވައި، އަދި އޭނާގެ رزق ދަތިކުރައްވައިފިހިނދު، ފަހެ، އޭނާ ބުނެތެވެ. ތިމަންގެ ވެރިރަސްކަލާނގެ، ތިމަން ނިކަމެތިކުރައްވައިފިއެވެ. (16)" 

މާތްވެގެންވާ ﷲ ސުބުޙާނަހޫ ވަތަޢާލާއަށް ނުބައިކޮށް ހީކުރުމަކީ އިސްލާމްދީނުގައި ނުހަނު ބޮޑުވެގެންވާ ފާފައެކެވެ. އަޅުގަނޑުމެންގެ ދުޢާތައް ވަގުތުން އިޖާބަ ނުވުމުން، ނުވަތަ އަޅުގަނޑުމެން އެދޭ ކަންތައްތައް ލަސްވުމުން، ބައެއް މީހުން ﷲ ސުބުޙާނަހޫ ވަތަޢާލާގެ މަގުން އެއްކިބާވެ، އަޅުކަންތައް ދޫކޮށްލައެވެ. މިސާލަކަށް، ނަމާދު ދޫކޮށްލުމާއި، އަންހެނުން ޙިޖާބު އެއްލައިލުން ފަދަ ކަންކަމަކީ ﷲ ޢައްޒަ ވަޖައްލައަށް ނުބައިކޮށް ހީކުރުމުގެ ނަތީޖާއެވެ. 

ނަމަވެސް، އަޅުގަނޑުމެން ވަށައިގެންވާ މުޖުތަމަޢުއަށް ފުންކޮށް ވިސްނައި ފިކުރުކޮށްލައިފިނަމަ، ޙަޤީޤަތް ވަރަށް ތަފާތުކަން ފާހަގަކުރެވޭނެއެވެ. ގިނަ އަދަދެއްގެ އިއްފަތްތެރި، ޙިޖާބު އަޅާ އަންހެނުންނަށް ﷲ ސުބުޙާނަހޫ ވަތަޢާލާ އެކަލާނގެ ދަރުމަވަންތަކަމުން އެންމެ ރަނގަޅު ފިރިހެނުންނާ ކައިވެނިކޮށްދެއްވައި، ފާގަތި ދިރިއުޅުމެއް މިންވަރުކުރައްވާފައިވާ ތަން ފެންނަން އޮވެއެވެ. އަނެއްކޮޅުން، ބައެއް އިއްފަތްތެރިނޫން، ޙިޖާބު ނާޅާ އަންހެނުން އެމީހުންގެ މުޅި ޢުމުރު ވޭތުކުރި ނަމަވެސް، އެކަށީގެންވާ ހަމަޖެހޭ ދިރިއުޅުމެއް ލިބިފައިނުވާ މިސާލުތައްވެސް ފެނެއެވެ. 

އެހެންކަމުން، އަޅުގަނޑުމެން އަބަދުވެސް ﷲ ޢައްޒަ ވަޖައްލައަށް ހެޔޮގޮތުގައި ހީކުރުމަށް މަސައްކަތްކުރަންވާނެއެވެ. އެކަލާނގެ ޙިކުމަތްތެރިކަމާއި ރަޙްމަތަށް އީމާންވެ، ކެތްތެރިކަމާއެކު އަޅުކަންތައް ދެމެހެއްޓުމަކީ މުއުމިނުންގެ ސިފައެވެ. އަޅުގަނޑުމެންގެ ދުޢާތަކަށް އިޖާބަ ލިބުން ލަސްވިޔަސް، އެއީ އަޅުގަނޑުމެންނަށް އެންމެ ހެޔޮވެގެންވާ ގޮތްކަން ޔަޤީންކުރަންވާނެއެވެ. ﷲ ސުބުޙާނަހޫ ވަތަޢާލާއަށް ރަނގަޅަށް ހީކުރުމަކީ އަޅުގަނޑުމެންގެ އީމާންކަން އިތުރުވެ، ދުނިޔެއާއި އާޚިރަތުގައި ކާމިޔާބު ލިބުމުގެ މަގެވެ. 

ޤުރުއާނު އަޅުގަނޑުމެންނަށް އުނގަންނައިދެއްވާ ފަދައިން، ހެޔޮކަމަކީ މާތްﷲ ސުބުޙާނަހޫ ވަތަޢާލާ އަޅުގަނޑުމެންނަށް މިންވަރުކުރައްވާފައިވާ ކަންކަމުގައި ކަމާއި، އަޅުގަނޑުމެން އެދޭ ކަންކަމުގައި އެކަނި ނޫންކަމެވެ. 

ކައިވެނިކުރުމަށް އެދުމަކީ އިންސާނީ ފިޠުރަތުގައިވާ ކަމެކެވެ. އަދި މާތްﷲ ސުބުޙާނަހޫ ވަތަޢާލާގެ ޙަޟްރަތަށް ދުޢާ ދެންނެވުމަކީވެސް އަޅުކަމެކެވެ. އެހެންނަމަވެސް، މާތްﷲ ޢައްޒަ ވަޖައްލަ އަޅުގަނޑުމެންގެ ކައިވެނި ލަސްކުރައްވަނީ، އެއީ އަޅުގަނޑުމެންނަށް އެންމެ ހެޔޮވެގެންވާ ގޮތްކަން އެނގިވޮޑިގެންވާތީއެވެ. ﷲގެ ޢިލްމުފުޅު ފުޅާވެގެންވާ ކަމާއި، އަޅުގަނޑުމެންގެ ޢިލްމު މަޙްދޫދުވެގެންވާކަން ހަނދާންކުރަން ޖެހެއެވެ. 

އޭ އުޚުތާއެވެ! ވަށައިގެންވާ ތިމާގެ މީހުންނާއި ރަޙްމަތްތެރިންގެ ތެރެއިން މަޢުޞިޔަތް ޒީނަތްތެރިކޮށްދޭ މީހުންގެ ބަހަށް އިޖާބަ ނުދެއްވާށެވެ. ޙިޖާބަކީ ތިބާގެ ރިޒުޤު ހުއްޓުވާ އެއްޗެއް ނޫނެވެ. އަދި އެ ނެގުމަކުން ތިބާއަށް އިތުރު ރިޒުޤެއް ނުލިބޭނެއެވެ. ގާތީ މަދުވުމެވެ. ޙިޖާބަކީ މާތްﷲ ސުބުޙާނަހޫ ވަތަޢާލާ އަންހެނުންނަށް ވާޖިބުކުރައްވާފައިވާ އަޅުކަމެކެވެ. 

ކައިވެންޏަކީ މާތްﷲ ސުބުޙާނަހޫ ވަތަޢާލާ މިންވަރުކުރައްވާފައިވާ ކަމެކެވެ. އެކަލާނގެ އިރާދަކުރައްވާ ކަމެއް ވާނެއެވެ. އަދި އިރާދަ ނުކުރައްވާ ކަމެއް ނުވާނެއެވެ. އަޅުގަނޑުމެން މާތްﷲ ސުބުޙާނަހޫ ވަތަޢާލާގެ ޙަޟްރަތުން އެދެނީ އެކަލާނގެ ފަޟުލުވަންތަކަމުން އަޅުގަނޑުމެން މަޙްރޫމު ނުކުރެއްވުމަށާއި، އެކަލާނގެ ދީނުގައި އަޅުގަނޑުމެން ސާބިތުކޮށް ދެމެހެއްޓެވުމަށެވެ. އާމީން.

 

- ޝައިޚް ފަހްދް އަލް ކުންދްރީގެ ދަރުސަކުން

މިއަދު އޮންލައިން