ޔަޤީންކަމާއެކު ދުޢާކުރުމުގެ ފައިދާ!: ދުވަހަކުވެސް ހިނގިދާނެ ކަމުގެ އުންމީދެއްވެސް ނެތް މީހަކަށް ކުއްލިއަކަށް އެޙާލަތުން ސަލާމަތްވެވި ހިނގައިގަނެވުނު ޙާދިސާއެއްގެ ވާހަކަ-!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 9ސ
ޔަޤީންކަމާއެކު ދުޢާކުރުމުގެ ފައިދާ!: ދުވަހަކުވެސް ހިނގިދާނެ ކަމުގެ އުންމީދެއްވެސް ނެތް މީހަކަށް ކުއްލިއަކަށް އެޙާލަތުން ސަލާމަތްވެވި ހިނގައިގަނެވުނު ޙާދިސާއެއްގެ ވާހަކަ-!

މިއީ އިމާމް މާޒިން ޢާދިލް ދެއްވާ ދަރުސެއްގައި ވިދާޅުވެފައިވާ ޙާދިސާއެއްގެ ވާހަކައެކެވެ. އެހެންކަމުން ޝައްކުކުރުމަކަށް ފުރުޞަތެއް ނެތެވެ. މިފަދަ އެތައް ޙާދިސާތަކެއްގެ ވާހަކަ އެކިފަހަރުމަތިން މިހާރުވެސް ވާނީ މިއަދުނޫހުގައި ގެނެސްދެވިފައެވެ.  

ކުރާ ދުޢާ ޢިޖާބަކުރެއްވެވުން ލަސްވެގެން ކަންބޮޑުވެވޭއިރު ކުރާ ކޮންމެ ދުޢާއެއްވެސް އެކަމަކަށް އޮތް އެންމެ ރަނގަޅުވަގުތުގައި ހިންމަވައިދެއްވަވާކަން އެއީ ހަމަ މިއަދުވެސް ފެންނަމުންދާ ކަންކަމެވެ. ތިބާގެ ދުޢާ މިއަދު ޢިޖާބަ ނުކުރެއްވެވި ކަމަށްވެދާނެއެވެ. މިއަދު ޢިޖާބަކުރެއްވެވީ އެހެން ބައެއްގެ ދުޢާނަމަ މާދަމާ ނުވަތަ ކޮންމެ ވަގުތަކުވެސް ތިބާގެ ދުޢާތައް ޢިޖާބަ ކުރައްވަވާނެކަން އެއީ ހަމަ ޔަޤީންކަމެއް ނޫންހެއްޔެވެ؟  

މިކިޔައިދެނީ ހިނގާފައިވާ ޢިބްރަތްތެރި ޙާދިސާއެއްގެ ވާހަކައެވެ. ވިސްނުންތެރިކަމާއިއެކު އަޑުއަހާށެވެ! އެއްޗެއް ވިސްނޭނީ އެއިރުންނެވެ. ނިމޭއިރު ވަރުގަދަ ފިލާވަޅެއް ލިބިގެންދާނެއެވެ. އިން ޝާ ﷲ 

އޭނާއަކީ ތަނަވަސްކަން ލިބިފައިވާ މީހެކެވެ. ނަމަވެސް ނުހިނގޭ މީހެކެވެ. އެތައް އަހަރެއް ވަންދެން އެތައް ޑޮކްޓަރުންނާއި ޙަކީމުން ލައްވައި ބޭސްކުރުމުން ވެސް ބުނަނީ ދެން ނުހިނގޭނެ ކަމަށެވެ. އެންމެފަހުން އޭނާ ދަރިންނަށް ބުންޏެވެ. "ދެން އަހަރެން ދާން ބޭނުމީ އިންސާނުން އެދޭ އެއްވެސް ކަމަކަށް ނޫނެކެވެ ނުބުނާނެ ފަރާތަކަށެވެ." އެއީ ކޮން ފަރާތެއް ތޯ ސުވާލުކުރުމުން ބުނީ ޢުމުރާއަކަށާއި ޙައްޖުވުމަށް ދާން ބޭނުން ކަމަށެވެ. ނުހިނގޭތީ ނުދެވޭނެ ކަމަށް ބުނުމުން ވެސް ބުނީ ދެވޭނެ ކަމަށާއި ދާން ބޭނުން ކަމަށެވެ.  

ބައްޕަ އެދުނު ފަދައިން އޭނާގެ ދަރިން އޭނާ ޙައްޖަށް ގެންދިއުމުން ޙަރްމަފުޅު ކައިރީގައި އިނދެ ރޮއި ދުޢާކުރަން ފެށިއެވެ. އެތައް ގަޑިއިރެއްވަންދެން ދުޢާކުރިތަނާ ހޭނެތުނެވެ. ހޭނެތިފައި އޮއްވައި އޭނާއަށް ހުވަފެނުގައި މީހަކު އައިސް ތެދުވެ ހިނގައި ގަންނަން ބުންޏެވެ. ހޭލެވުނުއިރު އޭނާއަށް ނުހިނގޭކަން ހަނދާނެއް ނެތެވެ. ހަނދާން ހުރީ ހުވަފެނެވެ. ހުވަފެނުގައި ބުނިފަދައިން ތެދުވެ ހިނގައިގަތީއެވެ. އެވަގުތުން ފެށިގެން އޭނާއަށް ވަނީ ހިނގިފައެވެ.  

މި މިއީ ވަރަށް އާދައާ ޚިލާފް ކަމަކަށްވުމުން އޭނާ ކުރީ ކޮން ދުޢާއެއްތޯ މީސްތަކުން ސުވާލުކުރުމުން ބުންޏެވެ. "އަހަރެންނަކީ މާގިނަ ދުޢާތައް ދަންނަ ބޮޑު އިލްމުވެރިއަކީއެއް ނޫނީމެވެ. އަހަރެން ﷲ ތަޢަލާއަށް ތަކުރާރުކޮށް އާދޭސް ދެންނެވީ އަހަރެންނަށް ހިނގޭނެ ގޮތް ހައްދަވައި ދެއްވެވުމަށެވެ. ނޫންނަމަ ފުރާނަ ގެންދެވުމަށެވެ. އަދި ކޮންމެވެސް އެއް ގޮތެއް މިންވަރު ކުރައްވަވަންދެން  ދުޢާކުރުންމަތީގައި ދެމި އިންނާނެ ކަމަށްވެސް ދެންނެވީމެވެ."  

މީސްތަކުންނޭވެ! މިހިރީ އަހަރެމެންގެ ލޯތަކަށް ދައްކަވާފައިވާ ކަންކަމެވެ. ނިކަން ވިސްނައިބަލާށެވެ! އެ ހާލުގައި ވެސް އޭނާ ޙައްޖަށް އެދިއައީ ﷲ ތަޢާލާ އޭނާގެ ދުޢާ އިޖާބަ ކުރއްވަވާނެ ކަމުގެ ފުރިހަމަ ޔަޤީންކަމާއިއެކުގައެވެ. ދެން ދާން ބޭނުމީ މީސްތަކުން އެދޭ އެދުންތައް ފުއްދަވައި ނުދެއްވަވައި ދޫކޮށް ނުލައްވަވާނެ ފަރާތަށް ކަމަށް ބުނުމުން އޭނާގެ ހިތުގައި ހާމަވެގެން މިދިއައީ ﷲ ތަޢާލާގެ ރަހްމަތްފުޅާއިމެދު އޮތް ޔަޤީންކަމުގެ ބޮޑުކަމެވެ.  އަހަރެމެންވެސް ވާންވީ އެފަދަ މީހުންނަށެވެ. އެފަދަ މީހަކަށް ވެވޭވަރަށް ތަޤްވާވެރިކަން އިތުރުކުރަންވީއެވެ. އެއިރުން މާޔޫސްވާކަށް ނުޖެހޭނެއެވެ.  

އަހަރެމެންގެ ދުޢާ ﷲ ތަޢާލާ އިޖާބަ ކުރައްވަވާނީ ކޮން ވަގުތަކު ކޮން ގޮތަކަށްކަން ހަމަ އެކަކަށްވެސް ނުއެނގޭނެއެވެ. ރަނގަޅު ގެއަކަސް ނުވަތަ ކާރަކަށް އެދި ދުޢާކުރަމުން ދަނިކޮށް ހެޔޮލަފާ ތަޤްވާވެރި އަންތބަކު މިންވަރު ކުރައްވަވައިފާނެއެވެ. ކިޔަމަންތެރި ދަރިންތަކެއް ދެއްވަވައިފާނެއެވެ. އަދި އެނޫން ނިޢްމަތްތައް ވެސް ދެއްވަވައިފާނެއެވެ.  

ތިބާ ކުރާ މިދުނިޔޭގައި ހުއްޓައި އިޖާބަ ނުކުރައްވަވައިފިނަމަ އާޚިރަތް ދުވަހުން ތިބާއަށް ފަރުބަދަތަކެއްހައި ގިނަ ސަވާބުތައް ދެއްވަވާނެތެވެ. އަދި ވަޙީކުރައްވަވާނެތެވެ. މިއީ ތިބާ ކުރި ދުޢާތަކަށް ތިމަން ﷲ ދެއްވަވާ ނިޢްމަތްތަކެވެ. އަހަރެންގެ ދުޢާއަކީ އަހަރެމެންނަށް ޢާޚިރަތުގައި އެފަދަ ގިނަގުނަ ސަވާބުތައް ލިބުމެވެ. އާމީން!

 

- އިމާމް މާޒިން ޢާދިލްގެ ދަރުސަކުން

މިއަދު އޮންލައިން