ނަރަކައިގެ ހޫނު މިހިނދުގަވެސް ތިބާއާ ބައްދަލުކޮށްފާނެކަން އެނގޭތަ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 57ސ
ނަރަކައިގެ ހޫނު މިހިނދުގަވެސް ތިބާއާ ބައްދަލުކޮށްފާނެކަން އެނގޭތަ؟

ނަރަކަ އާއި ނަރަކައިގައި ލިބޭނެ ގަދަފަދަ ޢަޛާބާއި ނަރަކައިގެ އަލިފާނުގެ ހޫނު ގަދަވާނެވަރުގެ ވާހަކަ ދެއްކީމާ އެއީ އަދި މާފަހުން ކުރިމަތިވެދާނެ ކަންކަން ކަމަށް ވިސްނާ ބައަކު އުޅެއެވެ. އެމީހުންގެ ވިސްނުމަކީ ހަަމ ސުމެއްގެ ވިސްނުމެވެ. މިއަދުގެ މިހިނދުގައިވެސް ނަރަކައިގެ ހޫނުކަން ކޮންމެ މީހަކާއިވެސް ބައްދަލުކޮށްފާނެއެވެ.

މިބުނެދޭ މިޘާލަށް ރަނގަޅަށް ވިސްނައިލާށެވެ!

ތިބާގެ ޙަޤީޤަތް ރަނގަޅަށް އެނގޭ ތިބާ އިތުބާރުވެސް ކުރާ މީހަކު "ކުރިއަށް އޮތް 3 ގަޑިއިރު ތެރޭގަ ނަރަކައިގެ ހޫނު ތިބާގެ ގައަށް ފޯރަންފަށާނެ!" ކަމުގެ ބިރުވެރި އިންޒާރުދެނީއެވެ. އެހާލަތުގައި ތިބާ ކަންކަން ކުރާނީ ކޮންފަދައަކުންނެވެ! އެންމެ ބޮޑަށް އަވަސްވެގަނެވޭނީ ކީއްކުރަން ހެއްޔެވެ؟

އޭނާ އެބުނި ބަހުގައި ޙަޤީޤަތެއްވެސްވެއެވެ. އޭނާ އެބުނާ ބަހުގެ މާނައަކީ ކޮންމެ މީހަކީވެސް ހަމަ ކޮންމެ ވަގުތަކުވެސް މަރުވެދާނެ މީހެއްކަމެވެ. ތިބާވެސް މަރުވެދާނެއެވެ. މަރުވާތާ ޢާންމުގޮތެއްގައި 3،4 ވަރަކަށް ގަޑިއިރުތެރޭގައި ވަޅުލެވެއެވެ.

ހަމަވަޅުލެވުމާއިއެކު އެ ގަދަފަދަ މަލާއިކަތުންގެ ސުވާލުތަކާއި ކުރިމަތިލާންޖެހޭނެއެވެ. ޖަވާބުދިނުމުގައި ފޭލްވެއްޖެނަމަ ވަގުތުން ތިބާއޮތް ކައްވަޅާއި ނަރަކަ ގުޅުވައިލެވޭނެއެވެ. ނަރަކައިން ދުވާ ކުނިވަހާއި ނަރަކައިގެ ހޫނުގަދަ އަލިފާނުގެ ހޫނުކަން ވަގުތުން ތިބާގެ ކައްވަޅާއި ގުޅުވައިލެވޭނެއެވެ! އެ ނުބައި ކުނިވަސް ތިބާއަށް ދުވަން ފަށާނެއެވެ! ނަރަކައިގެ ހޫނުގަދަ އަލިފާނުގެ ހޫނުކަން ތިބާއަށް ލިބެން ފަށައެވެ.

ބައެއް މީހުން ޤިޔާމަތް ދުވަހާއިމެދު ވިސްނަނަނީ އެދުވަހުގެ ވާހަކަތައް އަޑު އިވޭ ވަގުތުގައެވެ. އެވަގުތު ވަރަށް ބިރު ވެސް ގަނެއެވެ. ނަމަވެސް އެ މަޖިލީހުން ނުކުމެގެން ދިއުމުން އިވުނު އަޑުތަކުގެ މަތިން ހަނދާނެއް ނުހުރެއެވެ. އަނެއް ބައަކު ކަލްކިޔުލޭޓަރު ހިފައިގެން ތިބެ ހިސާބު ޖަހާނީ ޤިޔާމަތް ދުވަސް ކިހައި ކައިރިވެއްޖެތޯއެވެ!

ބަލާނީ ފެނުނީ ޤިޔާމަތް ދުވަސް ކައިރި ވެއްޖެކަމުގެ ކޮން ޢަލާމާތްތަކެއްތޯއެވެ! އަދި ނުފެނި ހުރީ ކޮން އަލާމާތްތަކެއްތޯއެވެ! ހިސާބުތައް ޖެހުމަށްފަހު ޤިޔާމަތްވުމަށް އަދި ވަރަށް ގިނަ ދުވަސްތަކެއް އެބައޮތް ކަމަށް ބަލައި ބިރު ކަނޑައިލައެވެ.

އެފަދަ މީހުންނަށް ނުވިސްނެނީ އެންމެ ކަމެކެވެ. އަދި އެއީ އެންމެ މުހިންމުކަންތަކެވެ! އެކަމަކީ، އެމައްސަލައަކީ ޤިޔާމަތް ވާނީ ކޮން ދުވަހަކުކަމާއި އެކަމަށް ކިތަންމެ ގިނަ ދުވަސްތަކެއް އޮތް ނަމަވެސް ތިމާއަށް މިވަގުތުވެސް ޤިޔާމަތް ވެދާނެކަމަށް ބިރު ނުގަނެވޭ ކަމެވެ. ހަމަ ކޮންމެ ވަގުތަކުވެސް ތިމާ މަރުވެދާނެ ކަމާއި މަރުގެ މަލާއިކަތާ ވަޑައިގެން މަރު ހިއްޕަވާ ވަގުތުން ފެށިގެން ތިމާއަށް ޤިޔާމަތްވީކަމަސް ބަލައި ބިރު ނުގަނެވޭ ކަމެވެ. އެކަމަށް ތައްޔާރު ނުވެވޭ ކަމެވެ.

އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން