މީހަކު ނުބައިކަމެއް ކުރަން އުޅޭނަމަ މަލާއިކަތުންނަށް އޭނާގެ ގައިން ނުބައިވަސްދުވައެވެ. އެވަސްދުވުމުން ރަހްމަތުގެ މަލާއިކަތުން އެމީހަކާއި ދުރަށް ވަޑައިގަންނަވަތެވެ. އަދި ހެޔޮ ޢަމަލެއް ކުރަން އުޅޭނަމަ މަލާއިކަތުންނަށް އެމީހެއްގެ ގައިން ގޮމަކަސްތޫރީގެ މީރުވަސް ދުވަތެވެ. އެވަހަށް ރަޙްމަތުގެ މަލާއިކަތުން އެމީހަކާއި ކައިރިއަށް ވަޑައިގަންނަވަތެވެ.
ކަމަކަށް އެދި ދުޢާ ކުރުމަށްފަހު ވަގުތުން އެކަމެއް ފުއްދަވައި ނުދެއްވަވައިފިނަމަ ޝަކުވާ ކުރަމުންގޮސް ބިޔަ ބޮޑެތި ފުނިތައްހައި ގިނަ ޝަކުވާތައްވެސް އެބަ ކުރެއެވެ. ހިތާމައަކީ މިފަދަ ޝަކުވާތައް ކުރެވޭއިރު ތިމާގެ އަމިއްލަ ފުރަގަސް އޮތް ޙާލާއި ދުވާ ވަސްވެސް ބަލައި ނުލެވޭކަމެވެ. ވީމާ ފުރަތަމަ ކަމަކަށް ކުރަންޖެހޭނެ ކަމަކީ މީހާ ސާފުތާހިރުވުން ނޫންހެއްޔެވެ؟
ދުޢާ ކުރި ބޭނުން ފުއްދަވައިދެއްވެވުން ލަސްވަމުންދާނަމަ މަސައްކަތްކުރަންވީ ތަޤްވާވެރިކަން އިތުރުކުރުމަށެވެ. ތިމާއަށް ކުރެވޭ ފާފަތައް ދެނެގަނެ ފާފަނުކުރާ މީހަކުކަމުގައިވުމަށެވެ. ފާފައިގެ ކުނިވަސް ތިމާގެ އަމިއްލަގައިން ނުދުވާ މީހަކުކަމުގައިވުމަށެވެ. ވީމާ
ގިނަގިނައިން ތައުބާވުމަށެވެ. ހެޔޮ އަމަލުތައް ކުރުން އިތުރުކުކުރާށެވެ! "އަހަރެން ތައުބާވާންވީ ކޮން ކަމަކަށް ހެއްޔެވެ؟ އަހަރެން އެއްވެސް ފާފައެއް ނުކުރަމެވެ." އޮޅިގެންވެސް މިފަދައިން ނުބުނާށެވެ. މުއްމިނެއްގެ ދުލަކުން އެފަދަ ބަހެއް ނުބުނާނެއެވެ.
ވިސްނައިލާށެވެ! ރަސޫލް (ﷺ) އަކީ އެއްވެސް ފާފައެއް ކުރެއްވެވި ބޭކަލެއް ނޫނެވެ. އެކަލޭގެފާނުގެ އިސްވެދިއަހައި ފާފަތަކާއި ކުރެއްވެވޭނެ ފާތައްވެސް ﷲ ތަޢާލާ ވަނީ ފުއްސަވައި ދެއްވަވައިފައެވެ. އެހެންކަމާއިއެކުވެސް މެދުކެނޑުމެއް ނެތި ގެންދެވީ ފާފަތައް ފުއްސަވައިދެއްވެވުން އެދިވަޑައިގެން ދުޢާކުރައްވަވަމުންނެވެ. އެއީ، އެކަމަކީ އަހަރެމެން އަބަދުކުރަން ޖެހޭނެ ކަމެއްކަން ދަސްކޮށް ދެއްވެވުމަށެވެ.
ފާފަ ފުއްސަވައި ދެއްވެވުން އެދި ގިނަގިނައިން ދުޢާކުރަންވީ ކީއްވެގެންކަން އެނގޭ ހެއްޔެވެ؟ ފާފަ ފުއްސަވައި ދެއްވެވުން އެދި ގިނަގިނައިން ދުޢާކުރުންމަތީގައި ހުންނަ މީހަކަށް އެމީހަކަށް ނުވެސް ވިސްނޭހައި، ބުއްދިއަށް ޤަބޫލުވެސް ނުކުރެވޭހައި ގިނަ ގޮތްގޮތުން ރަޙްމަތުގެ ދޮރުތައް ހުޅުއްވަވައި ދެއްވަވާނެތެވެ.
ކަމަކަށް ބޭނުންވެގެން އެދި ދެންނެވުމުން އެކަމެއް ފުއްދަވައި ދެއްވެވުން ލަސްވުމުގެ މާނައަކީ ދުޢާ އިޖާބަ ނުކުރެއްވެވުމެއް ނޫނެވެ. ވަރަށް ގިނަ ފަހަރު އެދޭ ކަންކަން އެދޭ އަވަސްމިނުގައި ފުއްދަވައި ނުދެއްވަވައި ލަސްކުރައްވަވައެވެ. ނަމަވެސް އެއީ ހިތާމަކުރަން ޖެހޭ ކަމެއް ނޫނެވެ. އެހެނީ ދުޢާ ކުރުމުން ﷲ ތައާލާ އައްސަވައިވޮޑިގަންނަވައެވެ. ކިތަންމެ ގިނަ ބައަކު ކިތަންމެ ގިނައިން ދުޢާ ކުރި ނަމަވެސް އެ ހުރިހާ ދުޢާތަކެއްވެސް ﷲ ތަޢާލާ ހަމަ ވަގުތުން އައްސަވައިވޮޑިގެންވެއެވެ.
ދުޢާ އިޖާބަ ކުރެއްވެވި ނަމަވެސް ބޭނުން ފުއްދަވައި ދެއްވެވުން ލަސްކުރައްވަވަނީ އެމީހަކަށް އެންމެ ފައިދާކުރާނެ ވަގުތުގައި އެބޭނުން ފުއްދަވައި ދެއްވެވުމަށެވެ. ހިތުގައި ޔަޤީންކުރަންވީ ތިމަންނާ ކުރި ދުޢާ އިޖާބަ ނުކުރައްވަވައި ﷲ ތަޢާލާ ދޫކޮށް ނުލައްވަވާނެ ކަމެވެ. އެ ޔަޤީންކަމުގައި ހުންނަ މީހަކަށް އެއްވެސް ކަމެއްގައި މާޔޫސްވެގެން އުޅޭކަށް ނުޖެހޭނެއެވެ.
--މުފްތީ މެންކުގެ ދަރުސްކުންވ