ފިރިމިހާދެކެ ނިހާޔަތަށް ލޯބިވާއިރުވެސް ފިރިމީހާ ދެކެވާލޯބިން ފިރިމީހާގެ ހިތްހަމަޖައްސައިދިނުމުގެ ބޭނުމުގައި އަމިއްލަ އުފާތައް ޤުރްބާންކޮށްފައި ފިރިމީހާ ދެވަނަ ކައިވެންޏެއް ކުރަން ރުހޭ އަނބިންވެސް މަދެއް ނޫނެވެ. އެކަމަށް ރުހެނީ ދެރަގޮތެއް ނުހަދާނެ ކަމުގެ ޔަޤީންކަމާއިއެކުގައެވެ.
ބައެއް ފިރިން ދެވަނަ ކައިވެނިކުރުމަށްފަހުގައިވެސް ދޮށީ އަނބިމީހާގެ އަގު ވަޒަންކޮށް ހެޔޮކޮށްހިތައެވެ. ލޯބިދެއެވެ. އަނެއް ބައަކު ކަންތައް ކުރަނީ އެއިގެ އިދިކޮޅަށެވެ. ދެވަނަ އަނބިމީހާ ލިބުމުން ދޮށީ އަނބިމީހާ ދެރަކޮށް ބާކީކޮށްލައެވެ.
މިއީ ވަރަށް ދެރަކޮށް ކުރެވޭ ކަމެކެވެ. އެފަދަ މީހުންނަށް ފަހުން ކުރަންޖެހޭ ހިތާމަ ވަރަށް ބޮޑެވެ. ވީމާ ސުންނަތުން ފެންނަން ހުރި މިކަންކަމަށް ވިސްނައިލަމާ ހިނގާށެވެ.
އަހުރެމެންނަށް މިއަދު ކުރިމަތިވެގެން މިއުޅޭ އެންމެ ބޮޑު އެއް މައްސަލައަކީ އެހެން މީހުން ތިމާ ބަލައި ނުގަތް ދުވަހު، ތިމާ އެންމެ ބޮޑަށް ނިކަމެތިވީ ދުވަހު ތިމާދެކެ ލޯބިވެ، ތިމާއަށް އިތުބާރުކޮށް އެހީތެރިވި އަނބިމީހާގެ މަތިން ހަނދާން ނައްތައިލެވޭކަމެވެ.
ޚަދީޖަތުގެފާނު އަވަހާރަވެ 13 އަހަރުވީއިރުވެސް ކޮންމެ ދުވަހަކުވެސް ރަސޫލް ޞައްލަﷲ ޢަލައިހި ވަސައްލަމަ ޚަދީޖަތުގެފާނުގެ ވާހަކަފުޅު ދައްކަވަތެވެ. އެކަމަށް ނުކުރެއްވެވިގެން އެއް ދުވަހަކު ޢާއިޝަތުގެފާނު ސުވާލުކުރެއްވެވިއެވެ. މިފަދަ ޢިބާރާތަކުންނެވެ. "ކޮންމެ ދުވަހަކު ކަލޭގެފާނު އެ ދަތްނެތް މުސްކުޅި އަންހެނާގެ ވާހަކަ ތިއަ ވަރަށް ތިއަ ދައްކަވަނީ އޭނާއަށްވުރެ ރަނގަޅު އަންތބަކު/އަނބިން ކަލޭގެފާނަށް ﷲ ތަޢާލާ ނުދެއްވަވަނީހެއްޔެވެ؟"
ވަޤުތުން ރަސޫލް ﷺ ޙަދީޘްފުޅު ކުރެއްވެވީ ނުދެއްވަވާ ކަމަށެވެ. އަދި ޚަދީޖަތުގެފާނުގެ އަރިއަހުން ލިބިވަޑައިގެންނެވި ކަންކަން ބަޔާންކުރެއްވެވިއެވެ. އެއިގެ ތެރޭގައި އެކަލޭގެފާނު އެންމެ ބޮޑަށް ކަންބޮޑުވެވަޑައިގެންނެވި ދުވަހު އެހީތެރިވެވަޑައިގަތުމާއި މީސްތަކުން އެކަލޭގެފާނުގެ ބަސްފުޅު ދޮގުކުރި ދުވަހު އެކަމަނާ، އެކަލޭގެފާނުގެ ބަސްފުޅު ތެދުކުރެއްވެވުމާއި އަދި އެމަނާގެ ކިބައިން ދަރިން ލިބިވަޑައިގަތުން ފަދަ ކަންކަން ފާހަގަކުރެއްވެވިއެވެ. މިއީ ޙަދީޘްފުޅުގެ ބައެކެވެ. މިއަދުގެ މައުޟޫއާއި ގުޅޭ މިންވަރަށެވެ.
އަހުރެންގެ ސުވާލަކީ އަހުރެމެންގެ އަނބިން މަރުވުމުން މިފަދައިން ހަނދާންކުރެވޭ ހެއްޔެވެ؟ ޒުވާން، ރީތި ހަގު އަނބިން ލިބުމުން ދޮށީ އަނބިމީހާ ތިމާއަށްޓަކައި ވީޤުރްބާނީ ހަނދާންކުރެވޭ ހެއްޔެވެ؟
އެކުވެރި އަޚުންނާއި އުޚުތުންނޭވެ! މިއީ ވަރަށް ބޮޑަށް ވިސްނަން ޖެހިފައިވާ ކަމެކެވެ. މިދައްކަނީ ކޮންމެ އަންތބެއްގެ ވާހަކައެއް ނޫނެވެ. ތިމާއަށް ލޯބިދީ އަޅާލައި އަދި ދަރިން ލިބުމުން ރަނގަޅު ގޮތުގައި ދަރިން ތަރުބިއްޔަތުކުރުމުގެ ބުރަ އުފުލައި ރަނގަޅު އަނބިންގެ ޥާހަކައެވެ. ތިމާއަށްޓަކައި ހުރިހާ ގޮތަކުން ޤުރްބާންވީ ހެޔޮލަފާ އަނބިންގެ ވާހަކައެވެ.
އެފަދަ އަންތބަކު މަރުވިޔަސް، ކަންދިމާވާގޮތަކުން އެހެން އަންތބަކު ހޯދަން ޖެހުނަސް، ފަހުން ލިބުނު އަނބިމީހާ ކިތަންމެ ޒުވާންވެފައި ރީތި ނަމަވެސް ތިމާއަށްޓަކައި ޖާނުން ޤުރްބާންވީ އަނބިމީހާގެ މަތިން ހަނދާންނައްތާލައިގެން ނުވާނެއެވެ. އަބަދުވެސް އޭނާގެ އަގު ވަޒަންކުރަންޖެހޭނެއެވެ.
ޚަދީޖަތުގެފާނަކީ މުސްކުޅިފުޅު ބޭކަނބަލެކެވެ. ޢުމުރުފުޅު އެހައި ތަފާތެވެ. ޢާއިޝަތުގެފާނަކީ ރަސޫލް ﷺ ގެ ހަމައެކަނި ބިކުރުވެރި (އަލަށް ކައިވެނިފުޅު ބައްލަވައިގެންނެވި) އަނބިކަނބަލުންނެވެ. އެހައިމެ ރީތިފުޅުވެސް ބޭކަނބަލެކެވެ. އެކަމަކުވެސް ކަންކަން ކުރެއްވެވި ގޮތް މިކިޔައިދިނީއެވެ.
އެފަދައިން ޢަމަލު ނުކުރެވޭނަމަ އެމީހަކީ ރަސޫލާ ﷺ ގެ މިސުންނަތަށް ޢަމަލުކުރި މީހަކަށް ނުވާނެއެވެ. އަނެކާ ކޮށްދޭ ކަންކަމުގެ އަގު ވަޒަންކުރާ މީހަކަށްވެސް ނުވާނެއެވެ. އިންޞާފުން ކަންކަންކުރާ މީހަކަށްވެސް ނުވާނެއެވެ.
- އިމާމް ޢުމަރު ސުލައިމާންގެ ދަރުސަކުން