ދުނިޔޭގަ އުޅެންޖެހޭ ޙާލަށް ކަންބޮޑުނުވެބަލަ! ތަނަވަސްކަމާ ބޮޑު ބައްޔެއްގަ އުޅެން ނުޖެހޭތީ ދުނިޔޭގަ އުފާކުރި މީހުން ޤިޔާމަތް ދުވަހު ކުރާނެ ހިތާމަ މާބޮޑުވާނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 17ސ
ދުނިޔޭގަ އުޅެންޖެހޭ ޙާލަށް ކަންބޮޑުނުވެބަލަ! ތަނަވަސްކަމާ ބޮޑު ބައްޔެއްގަ އުޅެން ނުޖެހޭތީ ދުނިޔޭގަ އުފާކުރި މީހުން ޤިޔާމަތް ދުވަހު ކުރާނެ ހިތާމަ މާބޮޑުވާނެ!

މިއަދު އަހަރެމެން ބޭނުންވެގެން މިއުޅެނީ ތިމާގެ ހުރިހާ ކަންކަން އަބަދުވެސް އެންމެ ފުރިހަމަވެފައި ހުރުމަށެވެ. ތަނަވަސްކަންވެސް ލިބި އަދި ފުރިހަމަ ޞިއްޙަތެއްގައި އަބަދުވެސް ހުރުމަށެވެ. ތަނަވަސްކަން ކިތަންމެ ކުޑަ މިންވަރަކަށް ކުޑަވިނަމަވެސް، ކިތަންމެ ޢާދައިގެ ބައްޔެއްގައި އުޅެންޖެހުނު ނަމަވެސް އެކަންކަން ވެފައި މިއޮންނަނީ ވަރަށް ބޮޑު މުޞީބާތަކަށެވެ. އެކަމާއި ގުޅިގެން އިންތިހާއަށް ކަންބޮޑުވެވެއެވެ. ޝަކުވާތައްވެސް ގިނަވެގެންދެއެވެ.  

އެހެނަސް ކަމުގެ ޙަޤީޤަތް އޮތް ގޮތަށް ބަލައިލަމާ ހިނގާށެވެ. "ދަތިޙާލުގައި ނުވަތަ ބަލި ޙާލުގައި ކެތްތެރިވި މީހުންނަށް ޤިޔާމަތް ދުވަހު ﷲ ތަޢާލާ ދެއްވަވާ ޘަވާބުގެ ގިނަކަން ފެނުމުން އެއއިން ކަމެއް ކުރިމަތިނުވެ (ބައްޔެއް ނުޖެހި، އަބަދުވެސް ތަނަވަސްކަމުގައި) ދުނިޔޭގައި އުޅެން ލިބުނު މީހުން އިންތިހާއަށް ހިތާމަކުރާނެތެވެ. އަމިއްލަ ހަށިގަނޑަށް އަމިއްލައަށް އަނިޔާއެއް ކޮށްގެންވެސް ވޭނެއްގައި ނުއުޅެވުނީތީއެވެ." މިއީ ޞަޙީޙް ޙަދީޘްފުޅުން އެނގެން އިތް ކަމެކެވެ.  

މީސްތަކުންނޭވެ! މާތް ބޭކަލަކު، ސަވާރީން ވެއްޓިވަޑައިގެން ފައިންޕުޅަށް ބޮޑު އަނިޔާއެއް ލިބިވަޑައިގަތުމުން ވިދާޅުވީ ކީކޭކަން އެނގޭހެއްޔެވެ؟ "ﷲ އަށް ޙަމަދުހުއްޓެވެ. އެކަލާނގެއާއި އިތުރަށް ކުއްތަންވުމުގެ ފުރުޞަތު ދެއްވަވައިފިއެވެ." ޝަކުވާ ކުރެއްވީއެއް ނޫނެވެ. އުފާކުރެއްވީއެވެ.  

ވީމާ އަތްމަތި ދަތިވެ ދަތިޙާލެއްގައި އުޅެންޖެހުނަސް ، އަދި ބަލިޙާލެއްގައި އުޅެންޖެހުނަސް އޮތީ ކަންބޮޑުވުމެއް ނޫނެވެ. އުފާކުރުމެވެ. ﷲ ތަޢާލާއަށް ޝުކުރުކޮށް އެކަމަށް ކެތްތެރިވެ ޤިޔާމަތް ދުވަހު ﷲ ތަޢާލާ ދެއްވަވާނެ ގިނަގުނަ ޘަވާބުތަކަށް އުންމީދުކުރުމެވެ.

 

- ޝައިޚް ޢަލީ ހައްމުދާގެ ދަރުސަކުން

މިއަދު އޮންލައިން