ތިމާއަކީ ތިމާ ﷲ ތަޢާލާގެ ޙަޟްރަތުން އެދޭ ހުރިހާ ބޭނުންތަކެއް ފުއްދަވައި ދެއްވަވާނެ މީހަކަށްވުމުގެ ފުރުޞަތު ހޯދަން ކުރަން އޮތީ ވަރަށް ކުޑަކުޑަ ކަމެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 15ސ
ތިމާއަކީ ތިމާ ﷲ ތަޢާލާގެ ޙަޟްރަތުން އެދޭ ހުރިހާ ބޭނުންތަކެއް ފުއްދަވައި ދެއްވަވާނެ މީހަކަށްވުމުގެ ފުރުޞަތު ހޯދަން ކުރަން އޮތީ ވަރަށް ކުޑަކުޑަ ކަމެއް!

މިރޭ މިދައްކަނީ ވަރަށް މުހިންމު އަދި ފައިދާހުރި ކަމެއްގެ ވާހަކައެވެ. އެއީ އެކަމަށް ޢަމަލުކުރުމުން އެމީހަކަށް އެންމެ ފައިދާކުރާނެ މަގުން އެމީހާ އެދޭ އެންމެހައިކަންކަން ﷲ ތަޢާލާ ހިންމަވައި ދެއްވަވާނެ ގޮތުގެ ވާހަކައެވެ. ފުރަތަމަ މިބުނަނީ އެފަދަ މީހަކަށްޓަކައި ކުރަންވީ ކަންތަކެވެ. އެއިގެފަހުން އެކަމުގެ ހެކިވެސް ދައްކާނަމެވެ. އިން ޝާ ﷲ

މިބުނި ފެންވަރަށް މީހާ ދިއުމަށްޓަކައި ކުރަން އޮތް ކަމަކީ ވަރަށް ކުޑަކުޑަ ކަމެކެވެ. އެއީ ﷲ ތަޢާލާގެ އެންގެވުންތަކަށް އެންމެ ފުރިހަމަ ގޮތުގައި ކިޔަމަންތެރިވުމެވެ. އެފަދަ މީހަކަށް ވެވިއްޖެނަމަ އެމީހަކު އެދޭ ހުރިހާ ކަންކަން އެމީހަކަށް އެންމެ ފައިދާހުރި ގޮތުގައި ހިންމަވައި ދެއްވަވާނެތެވެ.  

ކިތަންމެ ގިނައިން އެދުނު ނަމަވެސް ދުނިޔޭގައި ހުއްޓައި ދެއްވަވާނީ ދުނިޔޭގައި ހުއްޓައި ދެއްވެވުމުން އެމީހަކަށް ފައިދާކުރާނެކަމެވެ. އެކަންކަން ދުނިޔޭގައި ހުރެ ލިބުމަށް ކިތަންމެ ގިނައިން އެދުނަސް އާޚިރަތުގައި ދެއްވެވުމުން ފައިދާކުރާނެ ކަންކަން ދެއްވަވާނީ އާޚިރަތް ދުވަހުގައެވެ. އެކަން އެގޮތަށް ހިންމަވައިދެއްވަވަނީވެސް ހަމަ އަހުރެމެންނަށް ފައިދާއަކަށެވެ. އެގޮތުން ލިބޭނެ ފައިދާ މާބޮޑުވާނެތީއެވެ.  

ދެން އޮތީ މިބުނި ބަހަކީ ޙައްޤު ތެދުބަހެއްކަމުގެ ދަލީލެވެ. ދަލީލަކީ އިބްރާހީމްގެފާނު އެދިވަޑައިގެންނެވި ހުރިހާ ކަންކަން ހިންމަވައި ދެއްވެވި ކަމެވެ. އެގޮތުން މައްކާއަކީ އެއްވެސް ފަޅު ތަނެއްގެ ގޮތުގައި އޮއްވައި އެތަނަކީ މީސްތަކުން ގިނަވެ ތަނަވަސްކަމާއި އުފަލުގައި ދިރިއުޅޭ، މީސްތަކުން އެރަށަށް ދިއުމަށް ޝައުޤުވެރިވާ ރަށެއް ކަމުގައި ލައްވަވައި ދެއްވެވުމަށް އިބްރާހީމްގެފާނު އެދިވަޑައިގެންނެވިއެވެ. ކާފިރަކަސް މުސްލިމަކަސް މައްކާއަށްދާން މިއަދު ޝައުޤުވެރިނުވަނީ ކާކުހެއްޔެވެ؟  

ދެން އޮތީ ނަމާދުކުރާ، ހެޔޮލަފާ، ތަޤްވާވެރި ދަރިފަސްކޮޅެއް ދެއްވެވުމަށް އެދިވަޑައިގެން ކުރެއްވެވި ދުޢާއެވެ. އެއިގެ ފަހުން ފޮނުއްވެވުނު ހުރިހާ ރަސޫލް ބޭކަލުން ފޮނުއްވެވީ އިބްރާހީމްގެފާނުގެ ދަރިކޮޅުންނެވެ.  

ކުރިން ބުނިހެން މިފަދަ ކަންކަން މިގޮތަށް ވެގެން އެދިއައީ ސަބަބެއް ނެތިއެއް ނޫނެވެ. އެސަބަބަކީ ﷲ ތަޢާލާގެ ކޮންމެ އަމުރުފުޅަކަށް އިބްރާހީމްގެފާނު އެންމެ ފުރިހަމަ ގޮތުގައި ކިޔަމަންތެރިވެވަޑައިގެންނެވިކަމެވެ.  

އަދިވެސް ވިސްނައިލާށެވެ! ﷲ ތަޢާލާ ވަނީ އިބްރާހީމްގެފާނަކީ ﷲ ތަޢާލާގެ ޚަލީލެއްކަމުގައި ލައްވަވައިފައެވެ. އަދި އަހުރެމެންގެ ލޮބުވެތި ނަބިއްޔާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަވެސްމެއެވެ. ސަބަބަކީ ހަމަ އެއްސަބަބެކެވެ. އެންމެ ފުރިހަމަ ގޮތުގައި ﷲ ތަޢާލާއަށް ކިޔަމަންތެރިކަން އަދާކުރެއްވެވިކަމެވެ.  

ވީމާ އެދޭ ކަންކަން ޙާޞިލްކުރެވި ﷲ ތަޢާލާގެ ޙަމްރަތުގައި ދަރަޖަ އުފުލިގެންދިއުމަށް އެދޭމީހާ ފުރަތަމަ ކަމަކަށްވެސް އެންމެ ފުރިހަމަ ގޮތުގައި ﷲ ތަޢާލާގެ އެންމެހައި އެންގެވުންތަކަށް ކިޔަމަންތެރިކަން އަދާކުރާށެވެ! ކާމިޔާބުވާނެއެވެ. އިން ޝާ ﷲ

 

- މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން