ގިނަ ފިރިހެނުން އަންހެނުންގެ އަގު ވޒަންކުރަނީ ބޭރުފުށުގެ ސިފައިންނާއި ލައިއުޅޭ ފޭރާމުންނާއި އަޅައިގެން ތިބޭ އަގުބޮޑު ގަހަނާއިންނެވެ. ނަމަވެސް މިއީ އެއްގޮތަކަށްވެސް ރަނގަޅު ވިސްނުމެއް ނޫނެވެ.
އަހުރެންނާއި ބައްދަލުވި ތަނަވަސް އަންހެނެއްގެ ވާހަކަ ކިޔައިދޭނަމެވެ. އޭނާއަކީ ޒުވާނެކެވެ. ހުރީވެސް ކައިވެނި ނުކޮށެވެ. ހުރީ ހެޔޮލަފާ ރަނގަޅު ފިރިއެއްގެ އުންމީދުގައެވެ.
ތަނަވަސްކަން ހުރުމާއިއެކުވެސް ބޭރަށްދާންވީމާ ލައިއުޅެނީ އާދައިގެ ފޭރާމުގެ ހެދުމެވެ. ޒީނަތްތެރިވާން ގައިގައި އަޅަނީވެސް ޑުޕްލިކޭޓް ގަހަނާއެވެ. އެހެންވެ އެގޮތަށް ކަންތައްކުރާ ސަބަބާއިމެދު ސުވާލުކުރުމުން ބުންޏެވެ.
"އަހުރެން ލައިގެން ހުންނަ ފޭރާމާއި އަޅާ އަގުބޮޑު ގަހަނާގެ ސަބަބުން އަހުރެން ކަމުދާ ފިރިހެނުންނަށް އެކަމުދަނީ އަހުރެންނެއް ނޫނެވެ. ފޭރާމާއި ގަހަނާއެވެ. ތަނަވަސްކަމެވެ. އެފަދަ މީހެއްގެ ކިބައިން ލިބޭނީ ކޮން ޙަޤީޤީ ލޯތްބެއް ހެއްޔެވެ؟" ޖަވާބުގައި އަހުރެންނަށް ބުނާނެ އެއްޗެއްވެސް އަހުރެންނަކަށް ނުވިސްނުނެވެ.
ހެޔޮލަފާ އަންހެނުންގެ ކިބައިން ފެންނާނެ ޘާބިތުކަމުގެ ތެރޭގައި އެމީހުންނަށް ހެޔޮނަމަ ރަނގަޅަށް ކަންކަން ކުރުމާއި އެމީހުންގެ ހިތުގައި ޖައްސުވާނަމަ ނޫނެކެވެ ބުނެ އެމީހެއްގެ މަތިން ހަނދާން ނައްތައިލުމަށް ހިތްވަރުލިބުން ހިމެނެއެވެ. ދަތިޙާލެއްގައި އުޅެންޖެހުނަސް ކެތްތެރިވުމުގެ ހިތްވަރު ލިބުންވެސް ހިމެނެއެވެ.
ވީމާ ކައިވެނިކުރާނެ ބައިވެރިއަކު އިޚްޔާރުކުރާއިރު މިކަންކަމަށް ވިސްނައިގެން ކައިވެނިކުރާށެވެ! ހެޔޮލަފާ ރަނގަޅު އަންތބަކު ލިބޭނީ އެއިރުންނެވެ. އިން ޝާ ﷲ
- ތަޖުރިބާކާރު ޢިލްމްވެރިއެއްގެ ވާހަކަފުޅުން