ހެޔޮލަފާ ރަނގަޅު ނިމުމެއް ދެއްވެވުން އެދިގެން ކުރަން ރަނގަޅު ދުޢާއެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 36ސ
ހެޔޮލަފާ ރަނގަޅު ނިމުމެއް ދެއްވެވުން އެދިގެން ކުރަން ރަނގަޅު ދުޢާއެއް!

ﷲ ތަޢާލާ ދެއްވަވާ ނިޢުމަތްތައް އަބަދުވެސް އެމީހަކާއިއެކުގައިވުމަށް ކޮންމެ މީހަކުވެސް އެދޭނެއެވެ. ހަމައެފަދައިން ހެޔޮލަﷲާ އެންމެ ރަނގަޅު މީހެއްގެ ގޮތުގައި ދުނިޔެއަށް އަލްވިދާޢު ކިޔަންވެސް ބޭނުންވާނެއެވެ. 

އެކަންކަމަށް އެދި އަމިއްލަ ބަހުން ދުޢާ ދެންނެވުމަށް މިލިޔުމުގައިވާފަދަ ޢިބާރާތްތައް ބޭނުންކޮށްގެން ދެންނެވިދާނެއެވެ. މިފަދަ ދުޢާއަށް ކިޔުންތެރިން އެދެމުންދާތީ ހަނދުމަ އައުކޮށްލަދިނުމަށް ބަޔާން މިކުރަނީ މިއަދުނޫހުގެ ކިޔުންތެރިއަކު ޙިއްޞާކޮށްފައިވާ ލިޔުމެކެވެ.  

މާތް ﷲ ދެއްވަވާ ނިޢުމަތްތަކަށް ޝުކުރުވެރިވެ ހެޔޮ ނިމުމެއް ދެއްވެވުން އެދޭ މީހާއަށް އޮތީ އެކަމަށް އެދި ގިނަގިނައިން ދުޢާކުރުމެވެ. އެކަމަށް ކުރަންވީ ދުޢާތައް ޤުރްއާނާއި ސުންނަތުން ފެންނަން އެބަހުއްޓެވެ. އަދި އެމީހެއްގެ އަމިއްލަ ބަހުންވެސް ދެންނެވިދާނެއެވެ. 

މުސްލިމް މައެއްގެ ބަނޑުން އުފަންވެ މުސްލިމެއްގެ ގޮތުގައި ތަރުބިއްޔަތުވާ މީހުން ﷲ ތަޢާލާއަށް ދަންނަވަތެވެ! 

"ޔާ ﷲ! އިސްލާމް ދީނުގެ ހިދާޔަތު މިއަޅާއަށް ދެއްވެވީ މިއަޅާ އެކަމަށް އެދިގެނެއް ނޫނެވެ! އިނބަ ﷲ ގެ ރަޙްމަތްފުޅުންނެވެ. ނަމަވެސް މިއަޅާ މިއަދު އިނބަ ﷲ ގެ ޙަޟްރަތުގައި ރޮއި އާދޭސް މިދަންނަވަނީ މިއަޅާއަށް ސުވަރުގެ ދެއްވެވުމަށެވެ. 

ޔާ ﷲ! އިނބަ ﷲ ރުހިވޮޑިނުގަންނަވާ އެއްވެސް ކަމެއް ކުރަން މިއަޅާ ބޭނުމެއް ނުވެއެވެ. އިނބަ ﷲ ރުހިވޮޑިނުގަންނަވާ ކަންކަން ކުރުމަށް މިއަޅާ ޝައުޤުވެރިކުރުވާ ޝައިޠޯނުންތަކުގެ ކިބައިން މިއަޅާ ސަލާމަތްކުރައްވަވައި ދެއްވަވާނދޭވެ!

ޔާ ﷲ! އިނބަ ﷲ އިންސާނަކަށް ދެއްވަވާނެ އެންމެ ބޮޑު ނިޢްމަތް މިއަޅާއަށް ދެއްވަވައިފީމުއެވެ. އެކަމަށް މިއަޅާ އެއްވެސް މަސައްކަތެއްވެސް ކުރުމަކާއި ނުލައެވެ. އެއީ އިސްލާމް ދީނުގެ މަތިވެރި ހިދާޔަތެވެ! އެ މަތިވެރި ނިޢުމަތް މިއަޅާގެ ކިބައިން ބަރީޢަ ނުކުރައްވަވާނދޭވެ!  

ޔާ ﷲ! އިސްލާމް ދީނުގެ ހިދާޔަތުގެ މަތީގައި މިއަޅާގެ ޙަޔާތް ވޭތިކުރުމުގެ ތައްފީޤް ދެއްވަވާނދޭވެ! އަދި އިނބަ ﷲ ރުހިވޮޑިގަންނަވާ އަޅެއްގެ ގޮތުގައި ނޫނީ މިއަޅާގެ ފުރާނަ ނުގެންދަވާނދޭވެ!"

 

 

މިއަދު އޮންލައިން