ޤިޔާމަތްވާނެކަން ކޮންމެ މުސްލިމަކުވެސް ޤަބޫލުކުރާނެއެވެ. ޤިޔާމަތްވާނެ ކަމަށް ބިރުވެތިވާންވީ މިއަދު ހުޅަނގު ފަރާތުން އިރުއަރާނެކަމަކަށް ނޫނެވެ. މިއަދުވެސް މަރުވެދާނެ ކަމަށެވެ. އެހިސާބުން އެމީހަކަށް ޤިޔާމަތްވީ ކަމަށްވެގެންދާނެތީއެވެ. އަދި ޤިޔާމަތް ދުވަހަކީ ޙިސާބު ބައްލަވައި އެމީހަކަށް ޙައްޤު ޖަޒާ ދެއްވަވާނެ ދުވަސް ކަމުގައިވެގެންދާނެތީއެވެ.
ނިކަން ވިސްނައިބަލާށެވެ! އިމާރާތައް އުސްކުރުމުގެ ވާދަވެރިކަން ނެތީ ހެއްޔެވެ؟ ބަނގުރަލާއި މަސްތުވާތަކެތި ބޭނުން ކުރުން ޢާންމު ނުވަނީ ހެއްޔެވެ؟ ދަރިން މައިން ބަފައިންނަށް ކަމޭ ނުހިތުމާއި އަޅައިނުލުމާއި މައިން ބަފައިންގެ ބަސް ޤަބޫލުނުކުރުން ޢާންމު ނުވަނީ ހެއްޔެވެ؟ ދަރިން މައިންބަފައިންގެ މައްޗަށް ބާރުގަދަކޮށް އަމުރުކުރާ ވެރިންނަށް ނުވަނީހެއްޔެވެ؟
ދީނީ ޢިލްމު އުނގެނުމަށް ދެވޭ ސަމާލުކަން މިދަނީ ކުޑަވަމުންނެވެ. ދުނިޔެ ބަލައިގަންނަ ދީނީ ޢިލްމުވެރިން މިދަނީ މަދުވަމުންނެވެ. މިއިން ކޮންމެ ކަމަކީވެސް ޤިޔާމަތް ކައިރިވަމުން އަންނަ ކަމުގެ ޢަލާމާތެކެވެ.
އެންމެ ފަހުގެ އަލާމާތަކަށްވާނީ ޔަމަނުން ފައުޅުވާ އަލިފާންގަނޑެކެވެ. އެ އަލިފާންގަނޑު އެނމެހައި މީސްތަކުން ވަށައިލާނެއެވެ. އަދި އެންމެން އެއްތަނަކަށް ޖަމާ ކުރުވާނެއެވެ. ޤިޔާމަތް ވުމުގެ ތާޅަފިލީގެ އަޑު އިވޭނީ އެންމެން އެއްތަނެއްގައި ތިއްބައެވެ. އެއްބައަކު އަމިއްލައަށް އެތަނަށް ދާން މަސައްކަތް ކުރާނެއެވެ. އަނެއް ބައަކު ގަދަކަމުން ގެނެވޭނެއެވެ. އަލިފާނުގެ ކިބައިން ސަލާމަތެއް ނުވެވޭނެއެވެ. ޖެހޭނީ އެތަނަށް ދާށެވެ. އެތަނަށް ޖަމާކުރެވެންދެން އަލިފާންގަނޑު މީސްތަކުން ފަހާނެއެވެ.
ވިސްނަންވީ އެދުވަހު ކަންކަން ވާނެ ގޮތަކަށް ނޫނެވެ. ވިސްނަންވީ ކުރިން ބުނި ފަދައިން މިއަދުވެސް ތިމާ މަރުވެދާނެ ކަމަށެވެ. ގަދައަޅައި މަސައްކަތް ކުރަންވީ މަރުވެ ކައްވަޅަށް ދާންޖެހޭ ވަގުތުން ފެށިގެން ތިމާއަށް ކުރިމަތިވާނެ މައްސަލަތަކަށެވެ. މިސާލެއް ބުނަން ހެއްޔެވެ؟ ޤިޔާމަތުގެ ތާޅަފިލީގެ އަޑާއިއެކު މައިން އެމީހުންގެ އުނގުގައިވާ ދަރިންގެމަތިން ހަނދާން ނެތޭނެއެވެ. މިއަދު ތިބާގެ އުނގުގައި ދަރިފުޅު އޮއްވައި މަރުގެމަލާއިކަތާ ވަޑައިގަތުމުން ކަންތައް ވާނީ ކިހިނެއްޔެވެ؟ ދަރިފުޅުގެމަތިން ވިސްނޭނެ ހެއްޔެވެ؟ ވީމާ ކޮންމެހެން ޤިޔާމަތް ދުވަހުގެ ތާޅަފިލީގެ އަޑު އިވެން ދިގު މުއްދަތެއް އެބަ އޮތް ކަމަށް ބަލައި ހިތްހަމަ ޖއްސާލައިގެން ހުރެވެން އެބައޮތް ހެއްޔެވެ؟ ނެތެއް ނޫން ހެއްޔެވެ؟
ވީމާ ސަލާމަތްކަމަށް އެދޭނަމަ މިވަގުތުން ފެށިގެން ވެސް ފުރިހަމަ ތައުބާއަކުން ތައުބާވެ، ތައުބާވުންމަތީގައި ދެމިތިބޭށެވެ! މިވަގުތުވެސް މަރުވެދާނެކަމަށް ބިރުވެތިވެ ހެޔޮ އަމަލުތައް ކުރުން ގިނަކުރާށެވެ! ނަހީ ކުރެއްވެވި އެއްވެސް ކަމަކަށް އަރައި ނުގަންނާށެވެ! އެކަންކަމަށް ތައުފީޤް ދެއްވެވުން އެދި ދުޢާކުރުން ގިނަކުރާށެވެ!
- އިސްލާމީ ތިލަފަތުގެ ދަރުސަކުން