ތިމާގެ އަނބިދަރިންނާއި މައިން ބަފައިން ބަލަހައްޓަން ކުރާ މަސައްކަތަކީ އުފުލަން ޖެހިފައިވާ ބުރައެއް ކަމަށާއި މައިން ބަފައިންނަށާއި އަނބިދަރިންނަށް ކުރާ ޚަރަދަކީ އަތުން ގެއްލިގެންދާ ފައިސާތަކެއް ކަމަށް ޤަބޫލުކުރެވޭނަމަ އެއީ ވަރަށް ގޯސް ވިސްނުމެވެ. އެއީ ހަމަ ވަރަށް ނުބައި ވިސްނުމެކެވެ.
އަނބިދަރިންނަށާއި މައިންބަފައިންނަށް ކުރާ ހޭދައަކީ ޢާޚިރަތަށްޓަކައި ޖަމާކުރެވޭ އެއްޗެކެވެ. ވީމާ އެއީ އެންމެ އަގު ބޮޑު އިންވެސްޓްމަންޓެވެ. އެންމެ ފައިދާކުރާނެ އިންވެސްޓްމަންޓެވެ.
ވީމާ އަނބިދަރިންނާއި މައިން ބަފައިންނަށް ޚަރަދުކޮށް ބެލެހެއްޓުމަކީ ޖެހިފައިވާ ތަކުލީފެއް ކަމުގައި ނުދެކޭށެވެ! އެކަން ކުރުމަކީ އުފަލެއް ކަމުގައި ދެކޭށެވެ! ﷲ ތަޢާލާ ދެއްވެވި ވަރަށް މަތިވެރި ނިޢްމަތެއް ކަމުގައި މެނުވީ ނުދެކޭށެވެ. އެހެނީ ﷲ ތަޢާލާ އަންގަވާފައިވާ ފުރިހަމަ ގޮތުގައި އެ ވާޖިބު އަދާކޮށްފި މީހަކަށް ﷲ ތަޢާލާ ސުވަރުގެ އެބަ ދެއްވަވަތެވެ!
އަނބިދަރިންނާއި މައިންބަފައިން ބެލެހެއްޓުމަކީ ދުނިޔަވީ ގޮތުންވެސް ކޮންމެ މީހަކުވެސް ކޮންމެހެން ކުރަންޖެހޭ ކަމެކެވެ. އެކަން ﷲ ތައާލާ އަންގަވާފައިވާ ގޮތަށް ކުރުމަކީ އެމީހަކަށް ސުވަރުގެ ލިބުމަށް އޮތް އެންމެ ފަސޭހަ އެއް މަގެވެ. އެމީހަކަށް ސުވަރުގެ ދެއްވަވާނެ ސަބަބުތަކުގެ ތެރެއިން އެންމެ ފަސޭހައިން ޙާޞިލުކުރެވެން އޮތް އެއް ސަބަބުވެސްމެއެވެ.
ﷲ ތައާލާގެ ޙަޟްރަތުން ޘަވާބަށް އެދިގެން މައިންބަފައިންނާއި އަނބިދަރން ބަލަހއްޓާ މީހާ ފުރަތަމަކަމަކަށް ކުރަން އޮތް ކަމަކީ އެމީހުންނަށް ބޭނުންވާ ކަންކަމަށް އެދިގެން އާދޭސްކުރަން ނުޖައްސައި އެމީހުންގެ ކަންކަން ބެލެހެއްޓުމުގައި ޒިންމާދާރުވުމެވެ. ޒިންމާދާރުވުމަކީ އެމީހުންނަށް ބޭނުންވެގެން ތިބީ ކޮނަކޮން ކަންކަމެއްކަން އަމިއްލައަށް ބެލުމެވެ. އަމިއްލައަށް ސުވާލުކޮށްގެން އޮޅުން ފިލުވުމެވެ.
އެހެނީ ކަމަކަށް ބޭނުންވެގެން އާދޭސްކުރަން ޖެހުމުން ނުވަތަ އެމީހުންނަސް ކަންކަމަށް ދަތިވާފަހުން އެކަމެއް ކޮށްދިނުމުން އެނގިގެންދަނީ އެކަމުން ލިބެން އޮތް ޘަވާބު ލިބިގަތުމަސް ސަމާލުކަން ނުދެވޭކަމެވެ. އެޙާލަތުގައި އެކަމުން ލިބެން އޮތް ޘަވާބުން ބައެއް އުނިވެގެންދާނެއެވެ. އަދި އެމީހުންނަށް ދަތިވަންދެން ފަސްކޮށްފިނަމަ ޢަޛާބުލިބުމަކީވެސް އޮތްކަމެކެވެ.
ބައެއް މީހުން ހީކުރަނީ އަނބިދަރިންނަކީ ތިމާގެ އަމިއްލަ މިލްކެއް ކަމަށެވެ. އެއްގޮތަކަށްވެސް އެކަން އޮތީ އެހެނެއް ނޫނެވެ. އަނބިދަރިންނާއި މައިންބަފައިންނަކީވެސް ﷲ ތަޢާލާގެ މިލްކެކެވެ. ތިމާ އާއި ހަވާލުކުރެވެނީ ހަމައެކަނި ބެލެހެއްޓުމަށެވެ. ބަލަހައްޓަން ޙަވާލުކުރައްވަވަނީ އުޖޫރައެއްގެ ގޮތުން އެންމެ ބޮޑު އަގު ދެއްވަވާ ގޮތަށެވެ. ނުވަތަ އެކަމަށް ފުރުޞަތު ދެއްވެވުމާއިއެކުގައެވެ. ލިބިގަތުމަކީ ތިބާގެ އަމިއްލަ ކަމެކެވެ.
އެހެނީ އަނބިދަރިންނާއި މައިންބަފައިންނަކީ ތިބާއާއި ﷲ ތަޢާލާ ޙަވާލު ކުރައްވަވާ އެންމެ ބޮޑު އެއް އަމާނާތެވެ! އެހެންކަމުން އަނބިދަރިންނާއި މައިން ބަފައިން ބަލަހައްޓަން ﷲ ތަޢާލާ އަންގަވާފައިވާ ގޮތުގައި އެކަން ކޮށްފިނަމަ ބަދަލެއްގެ ގޮތުން މުސްލިމުންނަށް ސުވަރުގެ އެބަ ދެއްވަވައެވެ. ސުވަރުގޭގެ މަތީ ދަރަޖަތަކާއި ނިޢްމަތް އެބަ ދެއްވަވައެވެ. އިން ޝާ ﷲ
- މުފްތީ މެންކުގެ ދަރުސަކުން