ހިތްދަތި ޙާލަތު ކުރިމަތިވާ ހަމައެކަނި ސަބަބަކީ ކުރެވޭ ފާފަތަކާ ޙަސަދައެއް ނޫން! އެމީހަކަށް ރަޙްމަތް އިތުރުކުރައްވަވަން ކުރައްވަވާ އިމްތިޙާނަކަށްވެސް ވެދާނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 28ސ
ހިތްދަތި ޙާލަތު ކުރިމަތިވާ ހަމައެކަނި ސަބަބަކީ ކުރެވޭ ފާފަތަކާ ޙަސަދައެއް ނޫން! އެމީހަކަށް ރަޙްމަތް އިތުރުކުރައްވަވަން ކުރައްވަވާ އިމްތިޙާނަކަށްވެސް ވެދާނެ!

މިހާރު އޮތް އެންމެ ބޮޑު އެއް މައްސަލައަކީ ކަމެއް ދިމާވާއިރަށް އެކަމަކަށް ޙުކުމްނެރެން އަވަސްވެގަނެވޭ ކަމެވެ. ވިސްނައިވެސް ނުލައި ގޮތް ނިންމައިލެވޭކަމެވެ. މިއީ ވަރަށް ދެރަކޮށް ކުރެވޭ ކަމެކެވެ.

ކަންބޮޑުވާންޖެހޭ މައްސަލަތައް ކުރިމަތިވަނީ ހަމައެކަނި ތިބާއަށް ކުރެވޭ ނުބައި ޢަމަލެއްގެ ސަބަބަކުން ނޫނެވެ. އަދި ޙަސަދަވެރިންގެ ސަބަބކުންވެސް ނޫނެވެ. އިންސާނަކަށްވީތީ ކޮންމެ އިންސާނަކަށް ވެސް ކުރިމަތިވާނެވެސް ކަމެކެވެ. އެކަން ކީރިތި ޤުރްއާނުން އެނގެން އޮތްއިރު ކަންބޮޑުވާ ކަންކަން ކުރިމަތިވަނީ ހަމައެކަނި ތިމާއަށް ކުރެވޭ ނުބައި ޢަމަލެއްގެ ސަބަބުން ކަމަށް ދެކެގެންނުވާނެއެވެ.

އަދި ކޮންމެ ސަބަބަކާއިހުރެ ނަމަވެސް އެފަދަ ޙާލަތެއް މެދުވެރިވިޔަސް ކަންބޮޑުވެގެންވެސް ނުވާނެއެވެ. އެކަމާއި ވިސްނަމުން ގޮސް އަމިއްލަ ނަފްސަށް އެކަމުން ގެއްލުން ލިބޭ މިންވަރަށް ވިސްނުމެއްވެސް ނެތެވެ.

ތަޤްވާވެރިކަމުގައި ކުރިއަރައި ދިއުމަކީ ކަންބޮޑުވާންޖެހޭ އެއްވެސް ކަމަކާއި ކުރިމަތިލާން ނުޖެހޭނެ ސަބަބެއްނަމަ އަހަރެމެންގެ ލޮބުވެތި ނަބިއްޔާ މުޙައްމަދު ﷺ އަށް އެފަދަ ކަންކަން ކުރިމަތިވެޑައެއް ނުގަތީހެވެ. އަދި ޞަޙާބީންނަށްވެސްމެއެވެ.

އެހެންކަމާއިއެކުވެސް ކަންބޮޑުވާންޖެހޭ ކަމެއް ކުރިމަތިވެއްޖެނަމަ ތައުބާވުން ގިނަކުރަންވާނެއެވެ! ޛިކުރުކުރުން ގިނަކުރަންވާނެއެވެ. ﷲ ތަޢާލާ ޢާއި ކުއްތަންވުމަށް ކުރާ މަސައްކަތް އިތުރުކުރަންވާނެއެވެ! އެއީ އެޙާލަތުން ސަލާމަތްވުމަށް އޮތް މަގުކަމުގައިވާތީއެވެ! ރަސޫލް ﷺ ވެސް އެމަގުން ކަންކަން ކުރެއްވެވީތީއެވެ.

ވީމާ ކަންބޮޑުވާންޖެހޭ ޙާލަތެއްގައި މީހަކުވާނަމަ އެމީހަކީ ފާފަކުރާ މީހެއްކަމަށް ބުނެގެން ނުވާނެއެވެ! އެކަން މެދުވެރިކުރެއްވެވި ސަބަބު ދެނެވޮޑިގެންވަނީ ހަމައެކަނި ﷲ ތަޢާލާއެވެ. އަހަރެމެންނަށް އޮތީ އެމީހާ ކުށްވެރިކުރުމެއް ނޫނެވެ! އެމީހާއަށްޓަކައި ހެޔޮ ދުޢާކުރުމެވެ. އެފަދަ ކަމެއް މެދުވެރިކުރެއްވެވުމަކީ ލެއްވެވި ރަހްމަތަކަށްވެސް ވެދާނެއެވެ!

--ޑރ. ޔާސިރު ޤާޟީގެ ދަރުސަކުން   

މިއަދު އޮންލައިން