އަހުރެމެންގެ ތެރެއިން ގިނަ ބައަކަށް މިކަމަށް ވިސްނައިލެވެނީ ވަރަށް ކުޑަކޮށެވެ. މިބުނަނީ ހެޔޮ ޢަމަލުތައްކުރާއިރު މީހާގެ ނިޔަތް ބާއްވަންޖެހޭނެ ގޮތަށާއި އެޢަމަލު ސިއްރުކުރަން މަސައްކަތްކުރުމުގެ ވާހަކައެވެ. މިޘާލަކަށް މިސްކިތުގައި ކުރާނަމަ އެކަން އެހެން ބައަކަށް ފެނިދާނެއެވެ. އެއީ މައްސަލައެއް ނޫނެވެ. ނަމަވެސް އެކަމުގެ ވާހަކަ ދެއްކިއްޖެނަމަ އެއޮތީ މުޅިން ގޯސްވެފައެވެ.
އެެހން މީހަކަށް ނުވަތަ ބައަކަށް ހިތްވަރުދިނުމަށް ނޫނީ ތިމާކުރާ ހެޔޮ ޢަމަލުތަކުގެ ވާހަކަ އެއްގޮތަކަށްވެސް ނުދައްކާށެވެ! އެޙާލަތުގައި ބުނެވުނަސް މިބުނީ ހަމައެކަނި ހިތްވަރުދިނުމަށް ކަމަށްވެސް ބުނާށެވެ!
އެކަމުގެ ސަބަބުތައް މިއޮތީ އެނގޭށެވެ!
ހެޔޮ ޢަމަލު ކުރުމަކުން ހަމައެކަނި ނުފުދެއެވެ.
ނިޔަތް ވެސް އެހާމެ މުހިއްމެވެ. އެހެނީ، ދުނިޔެ މަތީގައި ކުރި ޢަމަލުތައް ޤިޔާމަތްދުވަހުން ތިލަފަތަށް ލެވޭ ހިނދު، ނިޔަތުގެ މައްޗަށްވެސް ބެލޭނެއެވެ. ހެޔޮ ޢަމަލެއްވެސް ދެއްކުންތެރިކަމުގެ ނިޔަތުގައި، އަދި ނުބައި ނިޔަތެއްގައި ކޮށްފައިވާ ނަމަ ލެވިގެން ދާނީ ނުބައި ޢަމަލުގެ ތިލަފަތަށެވެ.
ވުމާއެކު، ހެޔޮ ޢަމަލެއް ކުރާނަމަ، ނިޔަތް ސީދާ ކުރާށެވެ. އިޚްލާޞްތެރިވާށެވެ. އެ ޢަމަލަކީ ހެޔޮކަމުގެ ތިލަފަތަށް ލެވޭ ޢަމަލަކަށް ވެގެންދާނީ އެއިރުންނެވެ.
މި ދުނިޔެ އަކީ ހުރިހާ އެއްޗެއް ކަމަށް ނުބަލާށެވެ. މި ދުނިޔޭގެ އުފަލާއި، މަޖަލާއި، ޖަހާއި، ބާރާއި، ނުފޫޒާއި، މަޝްހޫރު ކަމަކީ އެއްވެސް އެއްޗެއް ނޫނެވެ. މިކަންކަން ހާސިލުކުރުމުގެ ބޭނުމުގައި ތިބާގެ އާޚިރަތް ގެއްލުވައި ނުލާށެވެ. ހެޔޮގޮތުގައި އުޅޭށެވެ. ހެޔޮގޮތުގައި ނިމިދާށެވެ. ސަލާމަތުގެ އައްސޭރި އަތުޖެހޭނީ އެއިރުންނެވެ.
--ޝައިޚް ޝަފީޢު ޢަބްދުﷲ