ބައިވެރިޔާއަށް ނުވަތަ އެނޫން މީހަކަށް ނަމަވެސް އަނިޔާވެރިވާ މީހުންގެ ފާފަ ބަދަލު ނުހިއްޕަވައި ފުއްސަވައިދެއްވަވާނެ ކަމަށް ހީކުރަނީ ހެއްޔެވެ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 48ސ
ބައިވެރިޔާއަށް ނުވަތަ އެނޫން މީހަކަށް ނަމަވެސް އަނިޔާވެރިވާ މީހުންގެ ފާފަ ބަދަލު ނުހިއްޕަވައި ފުއްސަވައިދެއްވަވާނެ ކަމަށް ހީކުރަނީ ހެއްޔެވެ؟

ބައެއް މީހުންނަށް ވިސްނިފައި އޮންނަނީ ތިމާގެ ބެލެނިވެރިކަމުގެ ދަށުގައި ތިބިނަމަ އަނިޔާވެރިވުމަކީ މައްސަލައެއް ނޫން ކަމަށެވެ. އެއީ މޮޔަ ވިސްނުމެކެވެ. އަންބަކަށް ، ދަރިއަކަށް ޢާއިލާގެ މީހަކަށް އަދި ނޯކަރަކަށް ނަމަވެސް އަނިޔާވެރިވުމަކީ ވަރަށް ބޮޑު މައްސަލައެކެވެ. ދުނިޔޭގައި ހުރެ މާފަށް އެދިފައި ނުވާނަމަ އެކަމުގެ ބަދަލު ހިއްޕަވާނެތީއެވެ. ތިމާކުޅަ ހެޔޮ ޢަމަލުތަކުން ބަދަލުދޭންޖެހޭނެތީއެވެ.  

ސުލައިމާންގެފާނު ހިނިތަކަށްވެސް ރައްކައުތެރިކަން ފޯރުކޮށްދެއްވެވިއެވެ. އެވަރުގެ ކުޑަކުޑަ ދިރޭ އެއްޗަކަށްވެސް އަނިޔާވިއަ ނުދެއްވެވުމަށްޓަކައެވެ. މިއަދުވެސް ދުނިޔޭގައި މިތިބީ ހަމަ ﷲ ތަޢާލާއަށް އީމާންވެގެން ތިބި މުސްލިމުންނެވެ. ނަމަވެސް މިއަދު އެގެންދަނީ އެކަމަކަށް ﷲ ތަޢާލާ އެންމެ ބޮޑަށް ކޯފާވެވޮޑިގަންނަވާ ކަންކަމުގެ ތެރޭގައި ހިމެނޭ އިންސާނުން މެރުމުމުގެ އަމަލުތައް ހިންގަމުންނެވެ. ޤަތުލްޢާންމު ހިންގަމުންނެވެ.  

ޤިޔާމަތުގެ މައިދާނުގައި ބިރުވެރިކަމުން ފުރިގެންވާ ދުވަހު ބިރުން ތުރުތުރު އަޅާ ހުންނަން ޖެހޭނެ ހާލަތުން ސަލާމަތް ވެވޭނީ އަނިޔާކުރުމުން ދުރުހެލިވެގެންނެވެ. އަނިޔާއަކީ ހަމައެކަނި ޖިސްމާނީ އަނިޔާއެއް ނޫނެވެ. އެންމެ ބޮޑުއަނިޔާއަކީ ހިތްދަތިކުރުމުގެ އަނިޔާއެވެ. މިއަދުގެ ޢާއިލީ ދިރިއުޅުމަށް ބަލައިފިނަމަ އަނބިދަރިންނަށް ހިތްދަތިކަން ދިނުމާއި ފިރިންނަށްވެސް ހިތްދަތިކަން ދިނުން މިވަނީ ވަރަށް ޢާންމުކަމަކަށްވެފައެވެ.  

ބަލަންވީ މީހާގެ ޤައުމަށާއި ނަސަބަށާއި ގައިގެކުލައަކަށް ނޫނެވެ. އަދި އެމީހެއްގެ ދީނަކަށްވެސް ނޫނެވެ. ބަލަންވީ އެއީ ވެސް ތިމާ ފަދައިން ދިރި ދުނިޔޭގައި ހުންނަން ބޭނުންވާނެ އިންސާނެއް ކަމެވެ.  

ނިކަން ވިސްނައިލަބަލާށެވެ! ވަރަށް އާދައިގެ ކަންކަމުގައި ޚިޔާލު ތަފާތުވެ ޢާއިލާގެ އެކަކު އަނެކަކު މަރައިލާ ހިސާބަށް ކަންކަން އެބަގެންދެއެވެ. އަނބިދަރިން އެބަ މަރައެވެ. މިފަދަ އަމަލުތައް ކުރާއިރު ހަމަ އެކަކުވެސް ސުލައިމާނުގެފާނުގެ ކިބައިން ދަސްކުރަން ޖެހޭ ފިލާވަޅާއިމެދު ކުޑަކޮށް ނަމަވެސް ވިސްނައިލާ ބާވައެވެ! ވިސްނައިލާ ނަމަ އެއްވެސް މީހަކު އެއްވެސް މީހަކަށް އަނިޔާވެރިއެއް ނުވާނެއެވެ.  

ނަބީބޭކަލުންނާއި ރަސޫލް ބޭކަލުންގެ ސިޔަރަތަކީ ހަމައެކަނި ކިޔައިލާ ވާހަކަތަކަކަށް ނުހަދާށެވެ! އެވާހަކަތަކުން ލިބިގަންނަން ޖެހޭ ޢިބްރަތް ލިބިގަންނާށެވެ. މިފަދަ ވާހަކަތައް ބަޔާންވެގެންވަނީ އެ ވާހަކަތަކުން ޢިބްރަތް ޙާޞިލުކޮށް ފިލާވަޅުތައް ލިބިގަތުމަށެވެ. އަމަލުކޮށް ނަރަކައިން ސަލާމަތްވުމަށެވެ!

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

 

މިއަދު އޮންލައިން