ދަރިންނާ އަޅައިނުލުމަކީ ތަނަވަސްކަން ގެއްލޭ ކަމެއްކަމަށް ބުނަނީ ތެދުވާހަކައެއްތޯ؟ އަޅުގަނޑުގެ ބައްޕަގެ ވިޔަފާރި ބަނގުރޫޓުވެ ފިހާރަ ވިއްކާލަން ޖެހުނީ އަޅުގަނޑަށް އެހީތެރިނުވާތީ ކަމަށްވެދާނެތޯ؟
މިއީ ޢުމުރުން 14 އަހަރުގެ އަންހެން ކުއްޖަކު ކޮށްފައިވާ ސުވާލެކެވެ. ސުވާލުގެ ޖަވާބަކީ އެއްވެސް މީހަކަށް ކަމެއް ކުރިމަތިވުމުން އެއީ މިވެނި ކަމެއްގެ ސަބަބުންކަމަށް ބުނާކަށް ނުއެނގޭނެއެވެ. އެކަން ދެނެވޮޑިގެންވަނީ ހަމައެކަނި ﷲ ތަޢާލާއެވެ.
ސުވާލުގެ ފުރަތަމަ ބައިގައިވާ ސުވާލަށް ބުނެލަން އޮތީ ދަރިންނާ އަޅައިނުލުމަކީ ތަނަވަސްކަން ގެއްލޭ ކަމެއްކަން ވަރަށް ގިނަ ބައަކަސް ކުރަންޖެހިފައިވާ ތަޖުރިބާއިން އެނގޭކަމަށެވެ. ތިރީގައިވާ ލިޔުމަކީވެސް އެފަދަ ގޮތެއް މެދުވެރިވި މީހެއްގެ ވާހަކައެވެ.
މިކިޔައިދެނީ އެތައް ބައިވަރު ފިހާރަތައް ހިންގާ އުރުދުންގެ ވިޔަފާރިވެރިއަކަށް ދިމާވިކަމެއްގެ ވާހަކައެކެވެ. އޭނާ އަހަރުން އަހަރަށް ހުޅުވާ ފިހާރަތައްވެސް ގިނަވެއެވެ. ނަމަވެސް ދުވަހަކުވެސް ކުރިއެރުމެއް ނުލިބެއެވެ. އަބަދުވެސް އުޅެން ޖެހެނީ ދަރަނިން ސަލާމަތް ނުވެގެންނެވެ. ނުވަތަ ކޮންމެވެސް ބޮޑު ކަންތައްގަނޑެއް ލައިގަނެގެންނެވެ.
މިކަމުން ސަލާމަތްވޭތޯ ތަފާތު ފަންޑިތަތައް ހައްދުވައިގެންވެސް ވީހަމަ އެއްކަމެއް ނެތެވެ. ޙާލަތު ބަދަލެއް ނުވެއެވެ. އަހަރުން އަހަރަށް ކަންކަން ދަނީ ދަށަށެވެ. ކުރިމަތިވާ މުޞީބާތްތައް ވަނީ އިތުރެވެ. ވިޔަފާރީގެ ނަފާއިން ކުރާ މަންފާއެއް ނުފެނެއެވެ.
އެންމެފަހުން އޭނާ ދީނީ އިމާމަކާއި ބައްދަލުކޮށް ލަފައަކަށް އެދުނެވެ. އިމާމް ވިދާޅުވީ ކޮންމެ ރެއަކުވެސް ބައެއްގައި ނިދާފައި ތެދުވެ ދަމު ނަމާދުކުރުމަށްފަހު ތިމާއަށް ކުރެވިފައިވަނީ ކޮން ކުށެއްކަން ނުވަތަ ކުރެވެނީ ކޮން ފާފައެއްކަން އަންގަވައި ދެއްވެވުން އެދި ދުޢާ ކުރުމަށެވެ. އިމާމް ވިދާޅުވިފަދައިން ކަންތައް ކުރަން ފެށިތާ ހަފްތާއެއްވެސް ނުވަނީސް އޭނާއަށް ހުވަފެނުގައި ފެނުނީ އޭނާގެ ފުރަތަމަ ދަރިފުޅެވެ. ވަރަށް ހެވިފައި ހުއްޓައެވެ.
ނިދީން ހޭލެވުމާއިއެކު ވިސްނުނެވެ. އެއީ އަހަރެންގެ ފުރަތަމަ ދަރިފުޅެވެ. އުމުރުން 4 އަހަރުގައި އޭނާގެ މަންމަ ވަރިކޮށްފައި ފޮނުވައިލެވުނު ފަހުން ދަރިފުޅު ދިރިހުރިތޯވެސް ބަލައިލެވިފައެއް ނުވެއެވެ. އެހެންދަރިންނަށް މިހައި ބޮޑެތި ޚަރަދުތައް ކޮށް ކިޔަވައިދީ ކަންކަން ކުރަމުން ގެންދާއިރުވެސް އެންމެ ކުޑަމިނުން އެ ދަރިފުޅު އުޅެނީ ކައިގެންތޯވެސް ބަލައި ލެވިފައެއް ނުވެއެވެ.
ހަމަ އަނެއް ދުވަހު ފުރައިގެން ލެބަނަނަށް ދިއައެވެ. އަދި ދަރިފުޅުގެ މަންމަ އާއި ބައްދަލުކުރިއެވެ. ފާއިތުވި ހައަކަ އަހަރު ދުވަހު ކަންކަން ކުރެވުނު ގޮތާއިމެދު ހިތާމަކުރާ ކަމަށް ބުނެ މަޢާފަށްވެސް އެދުނެވެ. އަދި ކުރިއަށް އޮތްތަނުގައި އެހީތެރިވާނެ ކަމަށްވެސް ބުނެ އޭނާގެ ވައުދު ފުއްދަން ފެށިއެވެ.
ނަތީޖާ އެނގޭ ހެއްޔެވެ؟ އޭނާ އެގޮތަށް ޢަމަލުކުރަން ފެށުމުން އިސާހިތަކު އޭނާގެ ވިޔަފާރިއަކީ ނަފާ ލިބޭ ވިޔަފާރިއަކަށް ބަދަލުވެގެން ދިއައެވެ. ހީވެސް ނުކުރާހައި ބޮޑު މަންފާ ވިޔަފާރިން ލިބެން ފެށިއެވެ.
މިފަދަ ކޮންމެ ހާދިސާއަކީ ޢިބްރަތެކެވެ. ފިލާވަޅެކެވެ. އެކަން ޤަބޫލުނުކުރާ މީހުންނަށް ދިރިއުޅުމަކީ ފަސޭހަކަމަކަށްނުވާނެއެވެ! ކިތަންމެ ބޮޑު ތަނަވަސްކަމެއް ލިބިފައި އޮތްނަމަވެސް އެކަމުން ލިބެންވާ އުފާވެރިކަމެއް ނުލިބޭނެއެވެ.
ނިންމާލަމުން ބުނެލަން އޮތް ވާހަކައަކީ ދަރިންގެ އިތުރުން މައިންބަފައިންނަށް އަޅައިނުލުމަކީވެސް ދިރިއުޅުމުގެ ކުރިއެރުމަށް ހުރަސްތައް ކުރިމަތިވާ ކަމެކެވެ. ވީމާ އެކަމަށްވެސް ސަމާލުވާށެވެ!
- އިސްލާމީ ތިލަފަތުގެ ދަރުސަކުން