ޢިބްރަތްތެރި ވާހަކަ: ފަޤީރު މުސްކުޅިއަކަށް ކުޑަކުޑަ ހަދިޔާއެއް ދިން ނިކަމެތި އެކަނިވެރިމައަކަށް ތަނަވަސް ދިރިއުޅުމެއް ލިބުނު ގޮތުގެ ވާހަކަ-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 45ސ
ޢިބްރަތްތެރި ވާހަކަ: ފަޤީރު މުސްކުޅިއަކަށް ކުޑަކުޑަ ހަދިޔާއެއް ދިން ނިކަމެތި އެކަނިވެރިމައަކަށް ތަނަވަސް ދިރިއުޅުމެއް ލިބުނު ގޮތުގެ ވާހަކަ-

އެއީ މެދުމިނު ފެންވަރުގެ ރެސްޓޯރަންޓެކެވެ. ކޮންމެ ދުވަހަކު މުސްކުޅި ފިރިހެނަކު އައިސް ކަނުގައި ހުންނަ މާޒުގައި އިށީނދެ ސައިތަށްޓެއް ބޮއިގެންދަނީއެވެ. އެއީ ފަޤީރަކުކަމަށް ބަލައި އެއްވެސް މީހަކު އޭނާއަށް ސަމާލުކަމެއް ނުދެއެވެ.  

އެއްދުވަހަކު ވެއިޓަރަކު ސައިތަށީގެ އިތުރުން ސޭންޑްވިޗެއް ގެންގޮސްދިނުމުން އެމީހާ ބުނީ އެއަށް އޯޑަރުނުކުރާކަމަށެވެ. ވެއިޓަރު ބުނީ އެއީ އޭނާގެ ފަރާތުން ދިން ހަދިޔާއެއް ކަމަށެވެ. ދެމީހުން ވާހަކަދައްކަމުން އެމީހާ ބުނީ އޭނާއަކީ ފަޤީރެއްކަމަށާއި އުޅޭނެ ގެއެއް ނެތި މަގުމަތިވެފައިވާ މީހަކު ކަމަށެވެ. ވެއިޓަރު ބުނީ އޭނާއަކީ ފިރިމީހާ މަރުވެ 3 ކުދިން ބަލަމުން އަންނަ އެކަނިވެރި މައަކު ކަމަށެވެ. 4 ޖަހާއިއރު ޑިޔުޓީ ނިމުނީމާ މުސްކުޅިމީހާ އޭނާއާއިއެކު ގެއަސް ގޮސްލުމަށް ދަޢުވަތުދޭކަމަށެވެ. އެމީހާ އެ ދަޢުވަތު ޤަބޫލުކުރިއެވެ.  

ގެއަށް ގެންގޮސް ވަރަށް ހެޔޮކޮށް ހިތާފައި ރޭގަނޑު ކާންދީފައި ބުނީ ބޭނުންނަމަ ސީފާގައި ނިދިދާނެ ކަމަށެވެ. އެކަންވެސް ޤަބޫލުކޮށް އެމީހާ އެރޭ ނިދީ ސީފާގައެވެ. ހެނދުނު ހޭލައި ސައިބޮއިގެން ބުނީ މިއަދު މަސައްކަތުދާނެކަމެއް ނެތްކަމަށާއި އޭނާއާއިއެކު 3 ކުދިން ގޮވައިގެން އޭނާގެ ގެއަށް ގޮސްލުމަށެވެ. ގެއަށް ދިއައިމަ އިތުރަށް ކިޔައިދޭނެ ކަމަށެވެ. 

އެމީހާގެ ގެއަކީ ބޮޑު ތަނަވަސްގެއެކެވެ. "އަނބިމީހާ ވަނީ މަރުވެފައެވެ. ދަރިން ބޮޑެތިވެ އުޅެނީ ތަނަވަސްކަމުގައެވެ. އަހުރެންގެ ޙާލު ބަލައިލާނެ ވަޤުތެއް ނުވެއެވެ. އެހެންވެ މިބޮޑުގޭގައި މިއުޅެނީ އެކަންޏެވެ. އަހުރެންނަކީ ތަނަވަސް މީހަކީމެވެ. ތިއަ އުޅޭ އެއްކޮޓަރީގެ އެޕޕާޓްމަންޓް ދޫކޮށްލާށެވެ! 3 ކުދިން ގޮވައިގެން މިގޭގައި އުޅޭށެވެ. އަހުރެންގެ ކުންފުންޏަކުން ރަނގަޅު ވަޒިފާއެއް ހަމަޖައްސައިދޭނަމެވެ. އެއީ ތިބާއަށް ހުރި ދަތިތަކާއިއެކުވެސް މުސްކުޅި ފަޤީރަކަށް އެހައި ހެޔޮކޮށް ކަންތައް ކުރި ކަމުގެ އަގަކަށެވެ. ކަލޭފަދަ މީހަކު ހޯދަން އުޅޭތާ ކިތަންމެ ދުވަހެކެވެ. ބޭނުންނަމަ ޢުމުރާއި ގުޅޭވަރުގެ ރަނގަޅު ފިރިއަކުވެސް ހޯދައިދޭނަމެވެ."  

މިއީ އަޅުގަނޑު ބެލި ވީޑިއޯއެއްގައި ކަންތައްވީގޮތެވެ. ލިބޭ ފިލާވަޅުގެ ބޮޑުކަމުން މިއަދުނޫހުގެ ކިޔުންތެރިންނަށް ޙިއްޞާކޮށްލަން ބޭނުންވީއެވެ. އެންމެ ބޮޑަށް ފާހަގަކުރެވުނީ ދަތިޙާލުގައި އުޅެމުންވެސް ވެވުނު ވަރަކުން ނިކަމެތިންނަށް، ޚާއްޞަކޮށް މުސްކުޅިންނަށް އެހީތެރިވުމުން ދުނިޔޭގައިވެސް ލައްވަވާ ރަޙްމަތުގެ ބޮޑުކަމެވެ.

 

- ޝަރީފާ / މިއަދުނޫހުގެ ކިޔުންތެރިއެއް

މިއަދު އޮންލައިން