ފުރަތަމަ މިދަރިފުޅުގެ ހިތުގެ އުދާސްތައް އެނގިލައްވާށެވެ!
އަޅުގަނޑަކީ ޢުމުރުން 16 އަހަރުވެފައިވާ ފިރިހެން ކުއްޖަކީމެވެ. 14 އަހަރުގެ އަންހެން ކޮއްކޮއަކުވެސް އެބަހުއްޓެވެ. މިއަދާއި ހަމައަށްވެސް އަޅުގަޑުމެންނާއި ބައްދަލުވެ ބައްޕައާއި ވާހަކަ ދެކެވުނު ހަނދާނެއް ނެތެވެ.
ބައްޕައަކީ ތަނަވަސްމީހެއްކަންވެސް އެނގެއެވެ. އެއީ ހިނގަންދާއިރު ބައްޕަގެ ފިހާރަތައް ދައްކާފައި މިހިރީ ދަރިފުޅުމެންގެވެސް ބައްޕަގެ ފިހާރަކަމަށް މަންމަ ބުނާތީއެވެ. އަދި އެހެން މީހުންގެ ފަރާތުންވެސް ބައްޕަގެ ތަނަވަސްކަމުގެ ވާހަކަ އަޑުއިވޭތީއެވެ.
ބޫޓު ވިއްކާ 2 ފިހާރަ ހުރިއިރުވެސް އެންމެ ކުޑަމިނުން ސްކޫލަށްދާނެ ބޫޓެއްވެސް ބައްޕަދިން ހަނދާނެއް ނެތެވެ. ވީމާ މިއަދާއި ހަމައަށްވެސް ބައްޕަގެ ތަނަވަސްކަމާއި އަޅުގަނޑުމެން ދެބެއިންނާއި އޮތް ހަމައެކަނި ގުޅުމަކީ ހަމައެކަނި ބައްޕައަކީ ތަނަވަސް މީހަކުކަން އެނގޭކަމެވެ. އެކަން ނޫން އެއްވެސް ގުޅުމެއް ނެތެވެ.
ދެން ނިކަން ވިދާޅުވެބައްލަވާށެވެ! އެބައްޕައަށް ކަންކަން އެކުރެވެނީ ހަމަ އިންޞާފުން ހެއްޔެވެ؟ މަންމަ އާއި ބައްޕަ ވަކިވި ސަބަބު ކުއްޖާ ބުނެފައެއް ނެތެވެ. މައްސލައެއް ނެތެވެ. ދެމަފިރިން ވަކިވި ސަބަބަކީ އަނބިމީހާގެ ނުބައިކަން ކަމަށް ބަލަމާ ހިނގާށެވެ! އެހެންކަމަށްވާނަމަ އޭނާގެ ޙާލު ނުބެލުމަކީ މައްސަލައެއް ނޫނެވެ. އެކަމަކު އެހެންކަމަށްވިޔަސް ތިމާއަށް ލިބިފައި ތިބި ދެދަރިންގެ ޙާލު ނުބެލުމަކީ މައްސަލައެކެވެ.
ދެން ބައެއް ފިރިހެނުން ބުނަނީ ދަރިން ނުދައްކަނީ ކަމަށެވެ. ދަރިން ނުދައްކައި ފޮރުވޭނީ މަންމްގެ ގޭގައި ނޫންހެއްޔެވެ؟ ސްކޫލް ނިމޭގަޑިއަށް އެތަނަށް ދިއުމަކަށް ހުރަހެއް ނުއެޅޭނެއެވެ. ހުރަސް އެޅިޔަސް ދަރިފުޅަށް އެކަންވެސް އެނގޭނެއެވެ. ބައްޕައާއި ބައްދަލުނުވަނީ މަންމަގެ ސަބަބުންކަންވެސް އެނގޭނެއެވެ.
މިކަމުގެ އަނެއްކޮޅުވެސް އެބައޮތެވެ. ދަރިފުޅާއި ބައްދަލުކުރަން ގޮސްފައި ބައްދަލުކުރަން ބޭނުންވަނީ މަންމައާއި އެކަނިކަމަށްވާ މައްސަލަ ބައެއް މައިން ފާހަގަކުރެއެވެ. ދަރިފުޅަށް ބުއްދަޅު ހިފައިގެން ގޮސް މަންމަގެ ކިބައިން ހޯދާ ބަދަލުގެ ސަބަބުން ބަލިވެއިންނަން ޖެހުނު އަންހެނުންވެސް އެބަތިއްބެއެވެ. ވީމާ މިފަދަ މައްސަލަތަކުގެ ވާހަކަވެސް ބާއްވާށެވެ!
ބައެއް ބައްޕައިން ފާހަގަކުރަނީ މަންމަގެ އަތަށް ފައިސާދިނީމާ ދަރިންނަށް ޚަރަދުނުކުރާ ކަމެވެ. އެހެންކަމަސް ޤަބޫލުކުރެވޭނަމަ އެއްޗެތި ގަނެގެން ގޮސްދިނީމާ ހަމަޤައިމުވެސް ބައްޕަ އަޅައިލާކަމާ އެހީތެރިވާކަން ދަރިފުޅަށް އެނގޭނެއެވެ.
އިސްލާމް ދީނުގައި ކަންކަން ކުރަން އޮތީ އެމީހެއްގެ ކިބައިހުރި ފެންވަރަކުންނެވެ. ނެތްފެންވަރަކުން ޚަރަދުކުރާކަށްވެސް ނެތެވެ. ވީމާ އެމީހަކަށް ލިބޭ މިންވަރަކުން ދަރިންނަށް އެހީތެރިވާށެވެ! އެއިރުން އެއޮތީ ﷲ ތަޢާލާގެ ހަޟްރަތުގައި ޖަވާބުދާރީ ވެވޭނެ މިންވަރަށް ޚަރަދުކުރެވިފައެވެ.
ކޮންމެ ދަރިއަކުވެސް ދުނިޔެއަށް އުފަންވަނީ ބައްޕައެއްގެ ސަބަބުންނެވެ. އެ ބައްޕައަކީ ދަރިފުޅުގެ ހުރިހާ ޒިންމާތަކެއް އުފުލަންޖެހޭނެ މީހެކެވެ. ހަމައެކަނި ޚަރަދުކުރުމަކުން ނުފުދެއެވެ. ތަރުބިއްޔަތުވެސްކުރަންޖެހެއެވެ. ނަމަވެސް ހިތާމައަކީ ތަރުބިއްޔަތުނުކުރެވޭތަނުގައި ޚަރަދުވެސް ނުކުރާ އަދި އެއްވެސް ވަރަކަށް އަޅައިވެސް ނުލާ ބައްޕައިން ގިނަވަމުން އަންނަކަމެވެ.
މިމޭރުމުން ނަޞީޙަތްތެރިވީމާ އަންހެނުންގެ ކޮޅަށް ޖެހެނީކަމަށް ބުނާ ބައަކުވެސް އުޅެއެވެ. ނަމަވެސް އެއީ ބޮޑު އޮޅުމެކެވެ. މިޖެހެނީ ހަމަ ފިރިހެނުންގެ ކޮޅަށެވެ. ނަޞީޙަތްތެރި މިވަނީ ފިރިހެނުންނަށް ޤިޔާމަތް ދުވަހު ސަލާމަތްކަން ލިބި ސުވަރުގެ ލިބެން މަގުފަހިވާނެ ގޮތަށެވެ. އިން ޝާ ﷲ