ބައެއް މީހުންގެ ހިތުގައި ޖައްސުވަނީ އެމީހަކަށް ދެރައެއް ދިނުމުގެ ބޭނުމުގައެވެ. ދެރަކޮށް ނިކަމެތިކޮށްލުމުގެ ބޭނުމުގައެވެ. ނަމަވެސް ޙަޤީޤަތުގައި އެކަމުގެ ނަތީޖާ ނުކުންނާނީ އެގޮތަކަށް ނޫނެވެ. އެކަމުން އެމީހަކަށް ކުރާނެ ފައިދާ މާބޮޑުވާނެއެވެ.
ވަރަށް ޢާންމު ކަމެއްގެ މިޘާލެއް ބުނެލާނަމެވެ. ތިބާގެ އަނބިމީހާއަކީ ވަރަށް ހެޔޮލަފާ އަންހެނެކެވެ. ވަރަށް ބޮޑުި ތަޤްވާވެރިއެކެވެ. އެކަމަކުވެސް އޭނާ ދެރަކޮށްލުމުގެ ބޭނުމުގައި އޭނާ ނިކަމެތިކޮށްލީއެވެ. އޭނާގެ ހިތުގައި ޖެއްސުވީއެވެ.
ދެން ވާގޮތް އެނގޭ ހެއްޔެވެ؟ އަނެއްކާވެސް އިތުރު މިޘާލެކެވެ. ﷲ ތަޢާލާ އޭނާއަށްޓަކައި ލިޔުއްވަވާފައިވަނީ ސުވަރުގޭގެ އެންމެ މަތީ ދަރަޖައެވެ. ނަމަވެސް އޭނާ ކުރާ އަޅުކަމުން އެދަރަޖަ ލިބޭނެ ވަރެއް ނުވެއެވެ. އެޙާލަތުގައި ތިބާ އޭނާއަށް ދިން ބޮޑު ދެރައަށް ކެތްތެރިވެލީއެވެ. ﷲ ތަޢާލާގެ މަގު ދޫކޮށްނުލައި ކެތްތެރިވެލީއެވެ. މިޙާލަތުގައި އޭނާގެ ކެތްތެރިކަމުގެ ސަބަބުން އޭނާއަށް ސުވަރުގޭގެ އެންމެ މަތީ ދަރަޖަ ލިބެން މަދުވާ މާކްސް (ޕޮއިންޓް، ޘަވާބް) ލިބިގެންދަނީއެވެ. އެހެނީ ކެތްތެރިންނަށް ޘަވާބު ދެއްވަވަނީ އެއްވެސް އިމެއް ނެތިއެވެ.
އަދި ބުނަން ހެއްޔެވެ؟ ކޮންމެ މީހަކަށް ކުރިމަތިވާ ކޮންމެ މުޞީބާތަކީ އެމީހަކަށް ކުރެވޭ ފާފައިގެ ސަބަބުން ކުރިމަތިވާ ކަންކަމެއް ނޫނެވެ. އެއްބަހެވެ. ކުރެވޭ ފާފަތަކުގެ ސަބަބުންވެސް މުޞީބާތްތައް ކުރިމަތިކުރައްވަވައެވެ. އެޙާލަތުގައިވެސް ކަންބޮޑުވާންޖެހޭނީ ވިސްނި ތައުބާވެ ކަންކަން އިޞްލާޙްނުކުރި މީހުންނަށެވެ. ވިސްނައި ތައުބާވެ ކަންކަން އިޞްލާޙްކުރާ މީހުންނަށް އެކަންވެސް ވެގެންދާނީ ލެއްވެވި ބޮޑު ރަޙްމަތަކަށެވެ.
އަނެއްކާވެސް އަޞްލު މަޢުޟޫއަށް ޖެހިލާނަމެވެ. ފާފަނުކުރާ މީހުންނަށްވެސް ﷲ ތަޢާލާ މުޞީބާތްތައް ކުރިމަތިކުރައްވަވައެވެ. އެއީ އެކަމަށް ކެތްތެރިވުމުން ސުވަރުގޭގެ އެންމެ މަތީ ދަރަޖަ ދެއްވެވުމަށެވެ. ވީމާ އަނބިމީހާއަށް ނަމަވެސް އެހެން މީހަކަށް ނަމަވެސް ދެރައެއް ދިނުމުގެ ނިޔަތުގައި އަނިޔާވެރިވުމުން ނުވަތަ ހިތުގައި ޖެއްސުވުމުން އެމީހަކަށް ކުރާނެ ފައިދާ ބޮޑުވާނެއެވެ. އެމީހާ ކެތްތެރިވެލުމުން ސުވަރުގޭގެ އެންމެ މަތީ ދަރަޖަ ދެއްވަވާނެތީއެވެ. އިން ޝާ ﷲ
އަނބިންނަށް ދެރައެއް ދިނުމުގެ ވާހަކަ މިދެއްކީ އަނބިންވެސް ފިރިންގެ ހިތުގައި ނުޖައްސުވާތީއެއް ނޫނެވެ. މިމައްސަލަ ގިނައިން ލިބެނީ އަނބިންގެ ފަރާތުން ކަމަށްވާތީއެވެ. އެއްވެސް މީހަކަށް ދެރައެއްދީ ހިތުގަ ނުޖައްސުވަން މިބުނީ އެހެންވެގެންނެވެ.
- މަޢުލޫމާތު: ޝައިޚް އަބޫބަކުރު ޒައުދުގެ ދަރުސަކުން