ކައިވެންޏަށްފަހު ކުރިމަތިވާ ވަރަށް އާދައިގެ މައްސަލަތަކުގައިވެސް ވަރަށް ބޮޑަށް ކަންބޮޑުވުމަކީ ގިނަ އަނބިންގެ ކިބައިން ފެންނަ ކަމެކެވެ. އެކަމަށް ފޫހިވެ ކައިވެނި ރޫޅައިނުލާށެވެ! ކެތްތެރިވެލައި އަނބިމީހާއަށް އަޅާލައި ލޯބިދިނުން އިތުރުކުރާށެވެ!
ގިނަ އަންހެނުންނަށް އެކަން އެގޮތަށް މެދުވެރިވަނީ އެކަނބަލުންގެ ހިތި މާޒީގެ ސަބަބުންނެވެ. އަމިއްލަ ގޭތެރެއިންވެސް އަދި ކުރިން ލޯބިވެވުނު މީހުންގެ ކިބައިންވެސް ސަމާލުކަން ނުލިބި ހިތާމަކުރަންޖެހުނީތީއެވެ. އެފަދަ އަންހެނަކަށް ފިރިމީހާގެ ކިބައިން ކިތަންމެ ކުޑަކަމެއް ފެނުނަސް ފުރަތަމަވެސް ވިސްނޭނީ އެއުޅެނީ އެހެން މީހުންހެން އޭނާގެ ހިތުގައި ޖައްސުވަން ކަމަށެވެ.
ދެމަފިރިންގެ މެދުގައި ލޯތްބާއި އިތުބާރު ދެމެހެއްޓުމުގެ އެންމެ ބޮޑުބާރަކީ ދެމަފިރިން ވާހަކަ ދެއްކުމެވެ. މަޝްވަރާކުރުމެވެ. ވީމާ އަނބިމީހާގެ އަޑުއަހާށެވެ! ކެތްތެރިކަން އިސްކުރާށެވެ. ބޭނުންވަރަކަށް ވާހަކަ ދެއްކުމުގެ ފުރުޞަތު އަނބިމީހާއަށް ދޭށެވެ. އެއިރުން އަނބިމީހާ ތިބާއަށް ކުރާ އިތުބާރު ބޮޑުތަނުން ބޮޑުވެގެންދާނެއެވެ.
ފަށަމުން މިބުނި ފަދަ ޙާލަތުގައި ހުންނަ އަންބަކަށް އަޅާލައި ލޯބިދީގެން އޭނާގެ ކަންކަމާއި ޙާލަތު ބަދަލުކުރުވިއްޖެނަމަ އެއަށްވުރެ ރަނގަޅު އަންހެނަކު ގާތީ ނުފެނުމެވެ. ނުލިބުމެވެ. އެފަދަ އަންތބަކު ތިބާއަށް ދެރަދީފައި ވަކިވެގެނެއް ނުދާނެއެވެ. ކޮންމެ ޙާލަތެއްގައިވެސް ތިބާއާއިއެކު ދެމިހުންނާނެއެވެ. އިން ޝާ ﷲ
- ތަޖުރިބާކާރު ޢިލްމްވެރިއެއްގެ ވާހަކަފުޅުން