ކޮންމެ ކަމެއް ދިމާވިޔަސް ފުރިހަމަ ޔަޤީންކަމާއެކު މާތް ﷲ އަށް ވަކީލްކޮށް އިތުބާރުކުރާ މީހަކަށް ދެރައެއް ދެވޭނެ މީހަކު ނުހުންނާނެ! އިން ޝާ ﷲ

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 2މ 22ސ
ކޮންމެ ކަމެއް ދިމާވިޔަސް ފުރިހަމަ ޔަޤީންކަމާއެކު މާތް ﷲ އަށް ވަކީލްކޮށް އިތުބާރުކުރާ މީހަކަށް ދެރައެއް ދެވޭނެ މީހަކު ނުހުންނާނެ! އިން ޝާ ﷲ

އެންމެ ފުރިހަމަ ގޮތުގައި ﷲ ތައާލާއަށް އިތުބާރުނުކުރެވޭނަމަ އެމީހާގެ އީމާންކަން ފުރިހަމަނުވަނީއެވެ. އެކަމަށް ފަރުވާހޯދަންޖެހޭނެއެވެ. މާނައަކީ އީމާންކަން ތާޒާކޮށް ވަރުގަދަކުރަންޖެހޭނެއެވެ. ﷲ ތަޢާލާއަށް ވަކީލްކުރާ އަޅަކު ނިކަމެތި ނުކުރައްވަވާނެކަން ކީރިތި ޤުރްއާނުގެ އެތައް އާޔަތަކުން އެނގިގެންދެއެވެ. އެއިގެ ތެރެއިން މިފާހަގަކޮށްލަނީ އިބްރާހީމްގެފާނުގެ ވާހަކައިން މިންވަރެކެވެ.  

އިބްރާހިމް ޢަލައިހިއްސަލާމާއިމެދު އެކަލޭގެފާނުގެ ޤައުމުގެ މީހުން ކަންތައްކުރި ގޮތާއިމެދު ވިސްނާލައްވާށެވެ. އެމީހުން، އަލިފާންގަނޑެއް ތައްޔާރުކޮށް، އެއްވެސް މީހަކަށް ކައިރިވެސް ނުވެވޭވަރަށް އެތައް ދުވަހެއްވަންދެން އެއަލިފާންގަނޑަށް ދަރުއަޅައި ހޫނު ގަދަކޮށް، އެކަލޭގެފާނު ނެތިކުރަންވަން މަސައްކަތްކުރިއެވެ. ހަމައެކަނި އެކަލޭގެފާނުގެ ޤައުމުގެ މީހުންނެއްނޫނެވެ. އެކަލޭގެފާނުގެ އާއިލާވެސްމެއެވެ. އަދި އިބްރާހިމް ޢަލައިހިއްސަލާމް އެންމެ ލޯބިފުޅުވެލެއްވި އެކަލޭގެފާނުގެ ބައްޕާޕުޅުވެސްމެއެވެ. އިބްރާހިމް ޢަލައިހިއްސަލާމް އެއަލިފާންގަނޑަށް އެއްލާލަން އުޅުނު ހިނދުވެސް އިހުސާސްވީ އެކަނިވެރިކަމާއި ލަދުވެތިކަމެވެ. ހަމްދަރުދީވާނެ އެކަކުވެސް އެތާކުނެތެވެ. 

އިބުނު ޢައްބާސް ރަޟިޔަﷲ ޢަންހު ރިވާކުރެއްވިއެވެ. ' އިބްރާހިމް އަލައިހިއްސަލާމް އަލިފާންގަނޑަށް އެއްލާލެވުން ހިނދު އެކަލެގެފާނު ވިދާޅުވިއެވެ. " އަޅަމެންނަށް ﷲ ފުދެއެވެ. އަދި ވަކީލިކުރެވޭ ފަރާތެއްގެގޮތުން އެއީ ކިހާ ރަނގަޅު ފަރާތެއްހެއްޔެވެ ! " ' 

އެކަލޭގެފާނު ﷲ ޞުބްޙާނަހޫ ވަޠަޢާލާއަށް ކުރައްވާ އިތުބާރު ނިކަން ބައްލަވާލައްވާށެވެ! އަނދައަނދާހުރި އަލިފާންގަނޑަކަށް އެއްލާލެވެމުން ދިޔަ ހިނދުވެސް އެކަލޭގެފާނު ވިދާޅުވި ބަސްފުޅު ނިކަން ބައްލަވާށެވެ ! އަޅަމެންނަށް ﷲ ފުދެއެވެ ! އެކަލޭގެފާނު އެދެއްކެވީ މުއުމިނެއްގެ ކެތްތެރިކަމާއި ﷲ އަށް ކުރާ އިތުބާރުގެ ކޮންފަދަ ރިވެތި މިސާލެއްހެއްޔެވެ. މާތްﷲ ޞުބުޙަނަހޫ ވަޠަޢާލާ، އެއަލިފާންގަނޑަކީ އެކަލޭގެފާނަށް ފިނި އެއްޗެއްކަމުގައި ލައްވަވާ، ސަލާމަތްކުރެއްވިއެވެ. އެފަދަ ހާލުފުޅުގައިވީހިނދުވެސް ﷲ އަށް އިޚްލާޞްތެރިކަމާއިއެކު ދަންނަވާ، އެކަލޭގެފާނު އެވިދާޅުވީ، އެކަލޭގެފާނަށް ﷲ ފުދޭކަމެވެ. މާތް ﷲ ގެ މަތިވެރިކަމެވެ.  

ތިބާ ދަންނަވާކަމަކަށް ވުރެ އިތުރަށް އެކަލާނގެ ތިބާއަށް މެދުވެރިކުރައްވާނެތެވެ. އެކަލާނގެއީ އައް ޝުކޫރް އެވެ. ( الشكور ) އެންމެ ގިނައިން ޝުކުރުވެރިވެވޮޑިގެންވާ ރަސްކަލާނގެއެވެ. އެހްންނަމަވެސް އަހަރެމެންނަށް މިކަން ހަނދާންކުރެވެނީ ދަތި އުނދަގުލަކާއި ކުރިމަތިލާންޖެހުނީމައެވެ. ﷲ ޞުބުޙާނަހޫ ވަޠަޢާލާއަށް ދެންނެވުން ނޫންގޮތެއް ނުފެނުނީމައެވެ. މިދުނިޔެމަތީ ތިބާއަށް އުފާ ލިބިދިން ކަންތައްތައް ނެތިގެން ދިޔައީމައެވެ. ދުޢާއެއްގެ ވަރުގަދަކަމާއި މާތްކަން އިހުސާސުކުރެވޭނީވެސް ހަތަރުއުދަރެސް ފެނުޖެހުނީމައެވެ.   

އިބްރާހިމް ޢަލައިހިއްސަލާމް ކުރެއްވި އެދުޢާ އާއި މެދު ވިސްނާލައްވާށެވެ. " އަޅަމެންނަށް ﷲ ފުދެއެވެ. އަދި ވަކީލުކުރެވޭ ފަރާތެއްގެގޮތުން އެއީ ކިހާ ރަނގަޅު ފަރާތެއްހެއްޔެވެ !"  ތިބާއަށް އަޅާލާ އެހީވާނެ މީހެއް ހުރިކަމުގައިވިޔަސް ނެތްކަމުގައިވިޔަސް ﷲ ޞުބުޙާނަހޫ ވަޠަޢާލާގެ ހުޞްޠާހިރުވަންތަކަން ތިބާއަށް ފުދޭނެތެވެ.   " ފަހެ ތިޔަބައިމީހުން ތިމަންރަސްކަލާނގެ ހަނދުމަކުރާށެވެ! އޭރުން ތިމަންރަސްކަލާނގެ ތިޔަބައިމީހުން ހަނދުމަކުރައްވާހުށީމެވެ... "  ( 152 : 1 )

 

މަޢުލޫމާތު: ޔަޤީން އިންސްޓިޓިޔުޓް

 

 

 

މިއަދު އޮންލައިން