ފުރަތަމަ ކަމަކީ މައިންބަފައިން ދުނިޔޭގައި ތިބެ ތިބާއަށްޓަކައި ކުރަންޖެހުނު ހިތާމަތަކެވެ. ގިނަ މައިންބަފައިންނަކީ އެކަން ހަނދާނުގައި ބަހައްޓާ ބައެއް ނޫނެވެ. ހަމައެއާއިއެކު މައިންބަފައިންގެ އެންމެ ބޮޑު އެދުމަކަށްވާނީ ދަރިންނާއި ސުވަރުގެއިން ބައްދަލުވުމެވެ.
އެހެންކަމަށްވާއިރު މައިންބަފައިން ދުނިޔެދޫކުރީމާ މިނިވަންކަން ލިބުނީކަމަށް ބަލައި ހިތަށްއެރިހާ ގޮތަކަށް އުޅެން ހެޔޮވާނީ ކިހިނަކުން ހެއްޔެވެ؟
މައިންބަފައިން ނުވަތަ އެންމެ ލޯބިވާ މީހުން މަރުވުމުން ބައެއް މީހުންނަށް ހީވަނީ އެމީހުންނަށް ދުނިޔޭގައި އުޅުމުގެ މިނިވަންކަން ލިބުނީކަމަށެވެ. ދެން އެމީހުން ކުރާ އެއްވެސް ކަމެއް މަރުވި މީހުންނަށް ނުއެނގޭނެ ކަމަށެވެ. އެހެންކަމަށް ބަލައި ކުރިން އުޅެމުން އައި ރަނގަޅު މަގު ދޫކޮށްލައި ނުބައި މަގުން ކުރިއަށްދާން ފަށާބައަކު އުޅެއެވެ.
ނަމަވެސް އެއީ ޙަޤީޤަތެއް ނޫނެވެ. ﷲ ތަޢާލާ އިރާދަކުރެއްވެވި އަޅަކަށް އޭނާގެ ދަރިން ނުވަތަ އެންމެ ގާތް މީހުން ދުނިޔޭގައި އުޅޭގޮތް އަންގަވައި ދެއްވަވާކަން ޙަދީޘްފުޅަކުން އެނގެން އެބައޮތެވެ. އަދި އެމީހުން ބުނާނެ ބަސްވެސް އެނގެން އެބައޮތެވެ.
އެމީހުންގެ ދަރިން ނުބައި ގޮތްގޮތަށް އުޅޭނަމަ ﷲ ތަޢާލާއަށް ދަންނަވާނެތެވެ! "ޔާ ﷲ! އިނބަ ﷲ ގެ މަގަށް ރުޖޫޢަވަންދެން އޭނާގެ ފުރާނަ ނުހިއްޕަވާނދޭވެ!"
އެއީ އެމީހުންގެ ދުޢާއެވެ. އެމީހުން ވާނެދެރައާއި ކުރާނެ ހިތާމަ ނިކަން ހިތްމައްޗަށް ގެނެސްބަލާށެވެ! އިޞްލާޙްވުން އޮތީ އެމީހެއްގެ އަތްމަތީގައެވެ. ޢުމުރު ހަމަވުމުން ފުރާނަ ހިއްޕަވާނެތެވެ. އެކަމުގައި ހިނދުކޮޅެއްވެސް ލަހެއް ނުކުރައްވަވާނެތެވެ.
ބުނެލަން ބޭނުންވަނީ މައިން ބަފައިން މަރުވުމުން މިނިވަންކަން ލިބުނީ ކަމަށް ހީނުކުރާށެވެ! ފާފަކުރަން ނުފަށާށެވެ! މުހިންމީ މައިންބަފައިން ކައްވަޅުގައި ތިބެގެން ތިބާއަށްޓަކައި ހިތާމަކުރުން އެކަންޏެއް ނޫނެވެ. މުހިންމީ ކުރާ ފާފައިގެ ސަބަބުން ތިބާއަށް އާޚިރަތް ގެއްލި ނަރަކައަށް ވަންނަން ޖެހިދާނެ ކަމެވެ. އެންމެ ބޮޑު ހިތާމައަކަށްވާނީ އެކަމެވެ.
- އިމާމް ޢުމަރު ސުލައިމާނުގެ ދަރުސަކުން