ހަމައެކަނި މިކަންކަމަށް ވިސްނައިލި މީހަކަށްވެސް ކީރިތި ޤުރްޢާނަކީ ބޮޑުވެގެންވާ މުޢްޖިޒާތެއްކަން ޔަޤީންކުރެވޭނެ! އިން ޝާ ﷲ

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 4މ 24ސ
ހަމައެކަނި މިކަންކަމަށް ވިސްނައިލި މީހަކަށްވެސް ކީރިތި ޤުރްޢާނަކީ ބޮޑުވެގެންވާ މުޢްޖިޒާތެއްކަން ޔަޤީންކުރެވޭނެ! އިން ޝާ ﷲ

ކީރިތި ޤުރްއާން ކިޔެވިނަމަވެސް އޭގައިވާ ކަންކަން މީސްތަކުންނަށް ނުއެނގޭ އެންމެ ބޮޑު ސަބަބަކީ މާނައާއި ތަފްސީރު ނުކިޔޭކަމެވެ. މާނައާއި ތަފްސީރު ކިޔާ މީހަކަށް ނޫނީ ޤުރްއާނުގެ މަތިވެރިކަން ވަޒަނެއް ނުކުރެވޭނެއެވެ. ވީމާ ޤުރްއާން ކިޔަވާ ފަދައިން މާނައާއި ތަފްސީރުވެސް ކިޔަން އެބަޖެހެއެވެ.   

މާތްﷲ ޞުބުޙާނަހޫ ވަޠަޢާލާ އަހަރެމެންނަށް ޙިދާޔަތެއްގެ ގޮތުގައި ކީރިތި ޤުރުޢާން ބާވާލެއްވެވިއެވެ. އެއީ، އަހަރެމެން އެފޮތް ކިޔަވާ، އެއަށް ޢަމަލުކުރުމަށެވެ. ވިސްނާ ފިކުރުކޮށްފި ކޮންމެ މީހަކަށް ކީރިތި ޤުރުޢާނަކީ އެތައް ހަނދާންކޮށްދިނުމެއްވާ ފޮތެކެވެ.  

ކީރިތި ޤުރްއާނުގައި ވަނީ މާތްﷲ ގެ ކުޅަދުންވަންތަކަމާއި، ދުނިޔެއާއި ދުނިޔޭގައިވާހާ ކޮންމެ އެއްޗެއްވެސް ޚަލްޤުކުރެއްވުމުގައި އަހަރެމެންނަށް ލައްވަވާފައިވާ ހެކިތަކުގެ ހަނދާންކޮށްދިނުންތަކެކެވެ. ސައިންސުވެރިންނާއި، ކަލަކު ވޮޑިގެންނުވާކަމަށް ދަޢުވާކުރާމީހުންނާއި، އިސްލާމްދީނަށް ހަޖޫޖަހާ މީހުން ހައިރާންކޮށްލާފަދަ އެތައް އާޔަތްތަކެއް އެފޮތުގައިވެއެވެ. 

"ފަހެ، ﷲ ތަޢާލާ ހަތް އުޑު އެކަތި އަނެކަތި މައްޗަށްވާގޮތަށް ހައްދަވާފައިވަނީ ކޮންފަދައަކުންކަން ތިޔަބައިމީހުން ނުދެކެނީ ހެއްޔެވެ؟ އެކަންކަމަށް ބަލައި، އެކަންކަމުން އެކަލާނގެ ޤުދުރަތްތެރިވަންތަކަމުގެ ދަލީލުނުލިބެނީހެއްޔެވެ؟" (71:15)  

ކީރިތި ޤުރުޢާނުގައިވާ ބައެއް މުޢުޖިޒާތްތައް:  

·  އިންސާނުން އުފެދިގެން އައި ގޮތް

ގިނަ ސައިންސުވެރިން އިންސާނުން އުފެދިފައިވާ ގޮތާމެދު ޤަބޫލުކުރަނީ "ޑާރވިންސް ތިއަރީ" އެވެ. އެ ތިއަރީގައި ބުނަނީ އިންސާނުން އުފެދިގެން އައިސްފައިވަނީ ރާމާމަކުނުގެ ވަށްތަރެއްކަމުގައިވާ "އޭޕް" އިންނެވެ. އެ ރާމާމަކުނު، ދުނިޔެއަށްއައި ބަދަލުތަކާއި "އެވޮލިއުޝަން" ގެ އެހީގައި، އިންސާނުންނަށް އުފެދުނީއެވެ. ނަމަވެސް އެއީ  ޙަޤީގަތެއްނޫންކަން އަހަރެމެން މުސްލިމުންނަށް އެނގެންޖެހެއެވެ. އެންމެ ފުރަތަމަ އެކަލާނގެ ޚަލްޤުކުރެއްވީ އާދަމްގެފާނެވެ. އިންސާނީ ދަރިފަސްކޮޅު އުފެދިގެންއައީ އެކަލޭގެފާނުގެ އަރިހުންނެވެ. 

" އަދި ތިޔަބައިމީހުން ބިމުން އުފައްދަވާ އެތަނުން ނެރުއްވީ ހަމަ ﷲ އެވެ. (އެބަހީ، ތިޔަބައިމީހުންގެ އަސްލުކަމުގައިވާ އާދަމްގެފާނު ﷲ ހެއްދެވީ ވެލިންނެވެ.)" (71:17) 

·  ރަހިމުގައި ކުއްޖާ އުފެދޭ ގޮތް: 

7 ވަނަ ޤަރުނުގެ ތެރޭގައި، އިންސާނުން ރަހިމުގެ ތެރޭގައި އުފެދިގެން އަންނަ ގޮތާމެދު މާގިނަ ހޯދުންތަކެއް ހޯދިފައެއްނުވެއެވެ. އޭރު އެރޮނގުން އެންމެ މަޝްހޫރު، ގަލެން ނަމަކަށް ކިޔާ ޑޮކްޓަރުވެސް މިކަމާ ބެހޭގޮތުން ބުނެފައިހުރީ އެއްވެސް ވަރަކަށް ތެދު މަޢުލޫމާތުތަކެއްނޫނެވެ. ޓެކްނޮލޮޖީގެ ވަސީލަތްތައް އެހާމެ ދަތި ޒަމާނެއްގައިވެސް ކީރިތި ޤުރުޢާނުގައި އެކަލާނގެވަނީ އެހުރިހާ ވާހަކައެއްވެސް އެހާމެ ފުރިހަމައަށް އަހަރެމެންނަށް ކިޔައިދެއްވާފައިއެވެ.    

"ދެން ތިމަންރަސްކަލާނގެ އެއިންސާނާ، ރައްކާތެރިތަނެއްގައި، މަނިތިއްކެއްގެ ގޮތުގައި ލެއްވީމެވެ. ދެން ތިމަންރަސްކަލާނގެ އެ މަނިތިކި، ގަނޑުލޭކޮޅަކަށް ހެއްދެވީމެވެ. ދެން، އެގަނޑުލޭކޮޅު، މަސްކޮޅަކަށް ހެއްދެވީމެވެ. ދެން، އެމަސްކޮޅު، ކަށްޓަށް ހެއްދެވީމެވެ. ދެން އެކަށީގައި މަސްލެއްވީމެވެ. ދެން، އެހެން އުފެއްދެއްވުމަކުން އެ އިންސާނާ އުފެއްދެވީމެވެ. ފަހެ، އެންމެ ފުރިހަމައަށް ތަކެތި ހައްދަވާ ﷲ، މަތިވެރިވެވޮޑިގެންވެއެވެ. ދެން ތިޔަބައިމީހުން އޭގެފަހުގައި މަރުވާނެކަން ކަށަވަރެވެ."

(23:13-15) 

·  ފަރުބަދަތަކުގެ ދަށް އުފެދިފައިވާގޮތް: 

އަހަރެމެންގެ ދުނިޔެއަށް ލިބިފައިވާ ސިފަތަކުގެ ތެރެއިން އެންމެ ފާހަގަކޮށްލެވެނީ ފަރުބަދަތަކެވެ. އެތަކެތި އުފެދިފައިވާ ގޮތުގެ މޮޅުކަމާއި ފުރިހަމަކަމަކީ މީހުން އަބަދުވެސް އާޝޯހުކޮށްލާކަމެކެވެ. އެތަކެތީގެ ދަށުގައިވަނީ ކޯއްޗެއްކަމާއި، ފަރުބަދަތަކުން އަހަރެމެންގެ ބިންގަނޑު ބޭނުންހިފަނީ ކިހިނެއްތޯ ފަދަ އެކި އެކި މުހިއްމު މަޢުލޫމާތުތައް ޒަމާނީ ވަޞީލަތްތަކުގެ އެހީގައި މިހާރު ވަނީ ހޯދިފައިއެވެ.  

ނަމަވެސް އެތައް ޒަމާނެއްކުރިން، ކީރިތި ޤުރުޢާނުން އަހަރެމެންނަށް އެކަންކަން އެނގެއެވެ. ފަރުބަދަތަކުގެ ދަށުގައިވަނީ، ބޮޑު، އަދި ވަރަށް  އަޑިއަށް ފެތުރިފައިވާ މުލުގެ ނިޒާމެކެވެ. އެނިޒާމުގެ އެހީގައި ފަރުބަދަތައް އޮންނަނީ، ދުނިޔޭގެ ބިމުގެ އެންމެ ބޭރު ފަށަލައިގެ މަތީ، ކަނޑުމަތީ އަހަރެމެންނަށް ފެންނަ ބޮއިތައް ފަދައިންނެވެ.   

"އަދި ބިން ހިފެހެއްޓުމަށްވާ ކަޑަތަކެއްގެ ގޮތުގައި ތިމަންރަސްކަލާނގެ ފަރުބަދަތައް ނުލައްވަންހެއްޔެވެ؟" (78:7) 

"އަދި ފަރުބަދަތައް ތިބާ ދެކެމުއެވެ. އެތަކެތި ވލާ ހިނގައިދާގޮތަށް ހިނގައިދާ ޙާލު، ތިބާ ހީކުރަނީ، އެތަކެތި ހަރުލައިހުރިކަމަށެވެ. އެއީ، ﷲ ގެ ހެއްދެވުމެކެވެ. އެކަލާނގެއީ ހުރިހާ ތަކެއްޗެއް ފުރިހަމަކޮށް ހެއްދެވި ރަސްކަލާނގެއެވެ. ހަމަކަށަވަރުން، އެކަލާނގެއީ، ތިޔަބައިމީހުން ކުރާ ކަންތައްތައް މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ." (27:89)  

·  ފަރުބަދަތަކާއި ބިންހެލުން: 

އެތައް ޒަމާނެއްވަންދެން، އެތީސްޓުން، ނުވަތަ ކަލަކު ވޮޑިގެންވާކަމަށް ޤަބޫލުނުކުރާ މީހުން ބުނަމުން އައީ، ޤުރުއާނުގައިވާ މިއާޔަތީ ކުށެއްކަމާއި، ފަރުބަދަތަކާއި ބިންހެލުމާ އެއްވެސް ގުޅުމެއްނުވާކަމަށެވެ. އެހެންނަމަވެސް މިޒަމާނުގެ ހޯދުންތަކުން ދައްކާ ގޮތުގައި ފަރުބަދަތަކަކީ ބިންހެލުންތައް ހުއްޓުވާ، އޭގެ އަސަރު ކުޑަކޮށްދޭ އެއްޗެކެވެ.  

"ތިޔަބައިމީހުންނަށް ފެންނަ ތަނބުތަކަކާއި ނުލައި އެކަލާނގެ އުޑުތައް ހެއްދެވިއެވެ. އަދި  ތިޔަބައިމީހުންނައިގެން އެބިން ތެޅިފޮޅިގެންފާނެ ކަމަށްޓަކައި، ހަރުލައި ހުންނަ ފަރުބަދަތައް، ބިމުގައި އެކަލާނގެ ލެއްވިއެވެ." (31:11)

 

https://rationalreligion.co.uk/9-scientific-miracles-of-the-quran/

 

 

 

 

 

 

 

 

 

 

މިއަދު އޮންލައިން