މިރޭގެ ވާހަކަކޮޅުގައި އެކަނިވެރި މައިންނަށް ޚާއްޞަކޮށްގެން ބުނެލަން ބޭނުންވާ ވާހަކައެއް އެބައޮތެވެ. އެއީ އަތްމަތި ދަތިވެ ކިތަންމެ ބޮޑު ނުތަނަވަސްކަމެއްގައި އުޅެންޖެހުނަސް ﷲ ތަޢާލާގެ ފަޅިން ބޭރުނުވުމެވެ.
އަހުރެމެންގެ ތެރެއިން ގިނަ ބައަކަށް މިވަނީ ﷲ ތަޢާލާ އާއި ވަރަށް ބޮޑަށް ދުރުހެލިވެވިފައެވެ. އެހެންކަމުން އެކިކަންކަމާއި ގުޅިގެން އެމީހާއަށް ﷲ ތަޢާލާ އަންގަވާ އެންގެވުންތައް ބަލައިގަންނަންވެސް ނުއެނގެނީއެވެ. އެކަމަކު ބުނަން ހެއްޔެވެ؟ ތިބާއަކީ ތަޤްވާވެރިއަކު ކަމުގައި ވަނީނަމަ ޢަމަލުކުރަންވީ ގޮތުގެ ވިސްނުން ﷲ ތަޢާލާ ތިބާއަށް ދެއްވަވާނެތެވެ. ތިބާގެ ގާތުގައި ތިއްބަވާ ރަޙްމަތުގެ މަލާއިކަތުން ތިބާއަށް އެވިސްނުން ދެއްވަވާނެތެވެ.
ވިސްނުން ދެއްވެވިނަމަވެސް ތިބާގެ ކިބައިގައި ތަޤްވާވެރިކަން ނެތްނަމަ ބަލައިގަންނާކަށް ނުއެނގޭނެއެވެ. އަދި ބަލައިގަނެވޭނީ ޝައިޠޯނާ ދޭ ވިސްނުންތަކެވެ. ﷲ ތަޢާލާގެ މަގު ދޫކޮށްލައި ޝައިޠޯނުންގެ ބަހަށް ހެއްލެވި ފާޙިޝް ޢަމަލުތައް ކުރުމާއި ދިމާއަށް ދެވެނީ އެހެންވެގެންނެވެ.
ދިރިއުޅުމުގައި ކޮންމެ ފަދަ ދަތި ޙާލަތެއް ކުރިމަތިވިނަމަވެސް އެންމެ ފުރިހަމަ ގޮތުގައި ﷲ ތަޢާލާއަށް ކިޔަމަންތެރިވާ އަޅުންނަށް ﷲ ތަޢާލާ އުފާވެރިކަން މިންވަރުކުރައްވަވާކަން އެއީ އަބަދުވެސް ލޯތަކަށް ފެންނަމުން އަންނަ ކަމެކެވެ.
މޫސާގެފާނުގެ މަންމާފުޅުގެ ވާހަކައަށް ނިކަން ވިސްނައިލަބަލާށެވެ! އަހުރެމެންވެސް ހަމަ އެމަގުން ﷲ ތަޢާލާއަށް ކިޔަމަންތެރިވާނަމަ ހަމަ އެފަދައިން ރަޙްމަތް ލައްވަވާނެތެވެ. ކީރިތި ޤުރްއާނުގައި އެފަދަ ވާހަކަތައް ބަޔާންކުރައްވަވާފައި އެވަނީ އެކަމަށްޓަކައެވެ. ޢިބްރަތް ޙާޞޏިލްކޮށް ޢަމަލުކުރުމަށެވެ. ކެތްތެރިކަން އިސްކޮށް ޢަމަލުކޮށްފި މީހަކަށް އުފާވެރިކަން ދެއްވަވާނެތީއެވެ. އިން ޝާ ﷲ
ހެޔޮލަފާ ކޮންމެ މައަކުވެސް އެންމެ ބޮޑަށް ކަންބޮޑުވާނީ އެމީހެއްގެ ދަރިފުޅާއިމެދުގައެވެ. އެމީހާގެ ލޮލަށްވުރެ ވިހާދަރިފުޅުދެކެ ލޯބިވާނެއެވެ. އަމިއްލަފުރާނައަށްވުރެ ދަރިފުޅުގެ ފުރާނަ ސަލާމަތްކުރަން އިސްކަންދޭނެއެވެ.
އަހަރެން ކުރި ދިރާސާގައި ދަރއެއްގެ ފުރާނައަށްޓަކައި އެންމެ ބޮޑު ކަންބޮޑުވެވަޑައިގަތުމަކާއި ކުރިމަތިލައްވަން ޖެހިވަޑައިގަތީ މޫސާގެފާނުގެ މަންމާފުޅަށެވެ. ދަރިކަލުން މޫސާގެފާނު އުފަންވެވަޑައިގަތުމާއިއެކު ﷲ ތަޢާލާ އެކަމަނާއަށް އިލްހާމް ކުރެއްވެވީ ޓުކުރިއަކަށްލާފައި ކޯރުގެ ތެރެއަށް އެއްލައިލުމަށެ ނުވަތަ ދޫކޮށްލުމަށެވެ.
ކޯރަކީ ފެންދެމޭ ކޯރެކެވެ. އަރިއަޅާލައި ބަންޑުނެޖެހިނަމަ ޙާލަކީ ކޮބައިހެއްޔެވެ؟ ބިޔަ މަހެއް އައިސް ޓުކުރި ފުރޮޅައިލިނަމަ ޙާލަކީ ކޮބައިހެއްޔެވެ؟ އެފަދަ ބިރުވެރި ޙާލުކޮޅުގައި ޓުކުރިއަށްވާގޮތް ބައްލަވަން ހުންނެވުމުގެ ފުރުޞަތެއް ވެސް ލިބިވަޑައެއް ނުގަތެވެ. ހުންނެވިނަމަ ފިރުއަޢުނު ފިރުއަޢުނުގެ އަސްކަރީންނަށް ފެނިދާނެކަމަށްޓަކައެވެ.
އެޙާލަތުގައި މައެއްގެ ހިތަށް ކުރާނެ އަސަރު ހިތަށް ގެނައުމަކީވެސް ކުރެވޭނެ ކަމެއް ނޫނެވެ. އެހެނީ އެފަދަ ކަމެއް މެދުވެރިވުމުން ނޫނީ އެކަން އިޙްޞާޞްވެސް ނުކުރެވޭނެތީއެވެ! ވީމާ އަހަރެންގެ ނަޒަރުގައި ދަރިއަކަށްޓަކައި އެންމެ ބޮޑު ކަންބޮޑުވުމެއް އިޙްޞާޞްކުރައްވަވަން ޖެހިވަޑައިގަތް މައަކީ މޫސާގެފާނުގެ މަންމާފުޅެވެ. އެމަތިވެރި ޝަރަފް ލިބިވަޑައިގެންފައިވަނީ އެކަމަނާއަށެވެ. އަދި ކީއްހެއްޔެވެ؟ ވަކީލްކުރެއްވެވުމުގައިވެސް އެކަމަނާ އެވަނީ އެންމެ މަތީ ދަރަޖަ ޙާބިލުކުރައްވަވައިފައެވެ.
މިއީ ހަމަ ހުރިހާ މައިންނަށްވެސް އޮތް ވަރުގަދަ ޢިބްރަތެކެވެ!
- މަޢުލޫމާތު: އިސްލާމީ ތިލަފަތް/ ޑރ. ނޫމާން ޢަލީ ޚާން