ސިޙުރުގެ ސަބަބުން ކުރިމަތިވާ އުނދަގޫތައް ވަރަށް ގިނައެވެ. އެންމެ ބޮޑު އެއް މައްސަލައަކީ ކަމެއް ޖެހުމުން އެއީ ސިޙުރަކުންކަން ނަގައިނުގަނެވޭކަން ނުވަތަ ދެނެގަންނަން އެހާފަށޭހަ ނޫންކަމެވެ.
ސިޙުރު ހައްދުވާ މީހުން ސިޙުރު ނުހައްދުވާނެ ކަމެއް އޮންނާނެ ކަމަށް ބަލައިގެންނުވާނެއެވެ. އަދި ސިޙުރު ހައްދުވަންވެގެން ދިއުމުން ސިޙުރުވެރިޔާ ސިޙުރުހެދީ ކޮންކަމަކަށް ކަމެއްވެސް ނުއެނގޭނެއެވެ. ޤަޞްދުގައާއި ނުއެނގިތިބެ ސިޙުރުވެރިން ވަރަށް ބޮޑެތި ގޯސްތައް ހަދައެވެ.
އެގޮތުން ބަލާއިރު އަންހެނުން ޙައިޟުވުމުން އާދައާ ޚިލާފަށް ގިނައިން ލޭފޭބުންވެސް މެދުވެރިވެއެވެ. އަދި އެނޫންވެސް ކަމަކާއި ގުޅިގެން ގިނައިން ލޭފޭބުން، ލޭމަނާނުވުން ފަދަ ކަންކަންވެސް މެދުވެރިވެއެވެ. އަދި ސިޙުރުގެ ސަބަބުން ހައިޟުގައި ގިނަދުވަސްތަކެއްވަންދެން ހުންނަންވެސް ޖެހެއެވެ.
އެއީ ވަރަށް ނުބައި މަޤްޞަދެއްގައި ހަދާ ސިޙުރެކެވެ. ގިނައިން އެފަދަ ސިޙުރު ހަދަނީ ދެމްފިރިން ކައިރިވިޔަ ނުދިނުމަށެވެ. ވީމާ އެފަދަ ކަމަކަށް ޝައްކުކުރެވޭނަމަ މި ބަޔާންކުރާ އާޔަތްތައް ކިޔަވަމުންގެންދާށެވެ! އަދި ވީހާ ގިނައިން ޤުރްޢާން ކިޔަވާށެވެ! މުޅި ޤުރްޢާނަކީވެސް ޝިފާއެކެވެ.
﴿44﴾ وَقِيلَ يَا أَرْضُ ابْلَعِي مَاءَكِ وَيَا سَمَاءُ أَقْلِعِي وَغِيضَ الْمَاءُ وَقُضِيَ الْأَمْرُ وَاسْتَوَتْ عَلَى الْجُودِيِّ ۖ وَقِيلَ بُعْدًا لِّلْقَوْمِ الظَّالِمِينَ
"އަދި އެންގެވިއެވެ. އޭ ބިމާއެވެ! ތިޔަ ބިމުގެ ފެންގަނޑު ދިރުވައިލާށެވެ! އަދި އޭ އުޑާއެވެ! ވެހުން ހުއްޓައިލާށެވެ! ދެން ފެންގަނޑު ހިނދިއްޖެއެވެ. އަދި (އެއުރެން ހަލާކުވެދިއުމުގެ) ކަންތައްވެ ނިމިއްޖެއެވެ. އަދި ޖޫދިއްޔު ފަރުބަދައިގެ މައްޗަށް އެ (ނާކޮޅު) ބީހި، ހަމަޖެހިއްޖެއެވެ. އަދި އެންގެވިއެވެ. އަނިޔާވެރިވީ މީހުންނަށް ހަލާކާއި ގެއްލުން ހުށްޓެވެ.."
(ހޫދު:44)
﴿67﴾ لِّكُلِّ نَبَإٍ مُّسْتَقَرٌّ ۚ وَسَوْفَ تَعْلَمُونَ
"ކޮންމެ ޚަބަރަކަށްމެ، ކަނޑައަޅުއްވާފައިވާ ވަގުތެއްވެއެވެ. އަދި ނިކަންހުރެ ތިޔަބައިމީހުންނަށް އެނގޭނެތެވެ."
(އަލް އަންޢާމް: 67)
﴿41﴾ أَوْ يُصْبِحَ مَاؤُهَا غَوْرًا فَلَن تَسْتَطِيعَ لَهُ طَلَبًا
"ނުވަތަ އެތާނގެ ފެން، ބިންގަނޑުގެ ތެރެޔަށް އަޑިޔަށް ހިނގައިދާނެތެވެ. ދެން އެ ފެން އަތުލުމަކަށް ކަލެޔަކަށް ކުޅަދާނަވެގެނެއް ނުވާނެތެވެ."
(އަލް ކަހްފް: 41)
ޝިފާ ދެއްވެވުން ވަނީ ހަމައެކަނި ﷲ ތަޢާލާއަށެވެ! އެހެންވީމާ ޝިފާ ހޯދަން ކޮންމެ މަސައްކަތެއް ކުރިނަމަވެސް ޝިފާ ދެއްވެވުން އެދިގެން ދުޢާކުރަންވާނެއެވެ!
- އިސްލާމީ ތިލަފަތުގެ ދަރުސަކުން