އެއްވެސް މީހަކު ރަނގަޅު ތަކެތި ގަންނަން ބައުމުދާ ވިއްކާ ފިހާރައަކަސް ނުވަންނާނެއެވެ. މީރު ކެއުމެއްކާން މުޅަތަކެތި ވިއްކާ ރެސްޓޯރަންޓަކަށްވެސް ނުވަންނާނެއެވެ. ހަމަ އެގޮތަށް ރަނގަޅު ދިރިއުޅުމެއް އުލެން ބޭނުންވާ މީހާއަށް އޭނާގެ ބައިވެރިޔާއަކަށް ހޯދެން މިއުޅެނީ ފާޙިޝް ޢަމަލުތައްކުރާ މީހަކުކަން އެނގިއްޖެނަމަ އެމީހަކާއި ކައިވެނިކުރަން ބޭނުމެއް ނުވާނެއެވެ.
ފާހިޝް ޢަމަލުތައްކުރާ ބައެއް މީހުން ބުނެއެވެ. "މިއުޅެނީ ކައިވެނިކުރާނެ ރަނގަޅު ބައިވެރިއަކު ނުލިބިގެންނެވެ. ކުރިން ލިބުނު ބައިވެރިޔާވެސް އަހަރެން ދޫކޮށްލާފައި ދިއައީއެވެ!"
މިފަދަ ބަސްތައް ބުނާމީހުން ފުރަތަމަ ކަމަކަށްވެސް ވިސްނައިލާށެވެ! ރަނގަޅު ބައިވެރިއަކުވެސް ލިބޭނީ ﷲ ތަޢާލާ ދެއްވެވުމުންނެވެ! އެކަމަށް އެދިވެސް ދަންނަވަން މިޖެހެނީ ހަމަ ﷲ ތަޢާލާގެ ޙަޟްރަތަށެވެ. އެކަލާނގެ ނަހީކުރެއްވެވި ޢަމަލުތައް ކުރަމުން ތިމާއަށް ރަނގަޅު ގޮތްތަކާއި އުފާވެރިކަން ދެއްވެވުމަށް އެދި ދެންނެވޭނީވެސް ކިހިނަކުން ހެއްޔެވެ؟
ޙަރާމްކަންކަން ކުރުން ހުއްޓާލައި ޙަލާލް ކަންކަން ކުރަން ފެށުމުން ޙަލާލް ގޮތުގައި ކުރިއަށް ދިއުމަށް ﷲ ތަޢާލާ މަގުދައްކަވާނެތެވެ! އެއީ ހަމަ ޔަޤީންކަމެކެވެ. ވީމާ ތިމާއަށް ރަނގަޅު ގޮތްތަކާއި އުފާވެރިން ލިބުން އެދޭ މީހާ ފުރަތަމަ ކަމަކަށް ޙަރާމް ކަންކަން ކުރުން ހުއްޓާލައި ތައުބާވާށެވެ! އެއަށްފަހު ﷲ ތަޢާލާގެ ޙަޟްރަތުން ވާގިއެދޭށެވެ! ތިއަ އެދޭފަދަ ރަނގަޅު ބައިވެރިއަކުވެސް ދެއްވަވާނެތެވެ! އިން ޝާ ﷲ
ގިނަ މީހުންގެ ގާތުގައި ލޯބިވާކަމަށް ބުނެ ލޯބިބަހައި ފާހިޝް ޢަމަލުތައް ކުރާ މީހަކަށް ގާތީ ރަނގަޅު ބައިވެރިއަކު ނުލިބުމެވެ. ބުއްދިވެރިއަކު އެފަދަ މީހަކާ ވައިވެސް ނޭޅޭނެއެވެ. އެފަދަ މީހަކަށް އިތުބާރުކުރަން ހެޔޮނުވާނެތީއެވެ.
--އިސްލާމީ ތިލަފަތުގެ ދަރުސަކުން