އަހަރެމެންގެ ތެރެއިން ގިނަ ބައަކީ ސުވަރުގެ ދިއުމަށާއި ސުވަރުގޭގެ އެންމެ ދަރަޖައިގައި ލެއްވެވުން އެދިގެން ގަދައަޅައި މަސައްކަތްކުރަމުން އަންނަ ބައެކެވެ. އެހެންކަމާއިއެކުގައިވެސް ގިނަ ބައަކަށް ވަރަށް ބޮޑަށް އިހްމާލެވެވޭ ކަމެއް އެބަ އޮތެވެ.
ތަންކޮޅެއް ފުންކޮށް ވިސްނައިލާށެވެ! އެންމެ ގިނަ ބައަކު ސުވަރުގެ ވައްދަވާ ސަބަބު ކަމަށާއި ސުވަރުގޭގައި ރަސޫލް ޞައްލަﷲ ޢަލައިހި ވަސައްލަމަ އާއި އެންމެ އަރިއަހުގައި ވުމުގެ ފުރުޞަތު ލިބިގެންދާ ޢަމަލަކީ އެއް މާނައެއްގައި ބަލައިފިނަމަ ކުރަންޖެހޭ އަޅުކަމެއް ނޫނެވެ. މީހާގެ ކިބައިގައި ހުންނަން ޖެހޭނެ ސިފައެކެވެ. ކުރާ އަޅުކަން އަޅުކަމަކަށް ވެގެންދަނީ އެމީހާގެ ކިބައިގައި އެ ސިފަ ހުރުމުންނެވެ. އެސިފަ ބަހައްޓަން މަސައްކަތްކުރުމުންނެވެ.
މިބުނި ބަސް އަދިވެސް އިތުރަށް ތަފްޞީލްކޮށްލާނަމެވެ. މިބުނަނީ އެއީ މިސްކިތުގައި ވަޤުތުހޭދަކޮށް ކިޔެވުންތަކެއް ކިޔަވައިގެން ޙާޞިލުކުރަންޖެހޭ ކަމެއް ނޫނެވެ. އެފަދަ އެއްވެސް ބުރައެއް އުފުލަން ނުޖެހި ނުހަނު ފަސޭހައިން ޙާޞިލްކުރެވެން އޮތް ކަމެކެވެ.
ޙަދީޘްފުޅުގައިވަނީ މިފަދައިންނެވެ. "ޤިޔާމަތް ދުވަހު ތިމަންކަލޭގެފާނާއި އެންމެ އަރިއަހުގައި ވާނީ އެންމެ އަޚްލާޤް ރަނގަޅު މީހުންނެވެ." ވީމާ ޤިޔާމަތް ދުވަހު ތިމާއަށް އެންމެ މަތީ ދަރަޖަ ލިބި ސުވަރުގޭގައިވެސް އެންމެ މަތީ ދަރަޖަ ލިބެން އެދޭމީހާއަށް އޮތީ އެމީހެއްގެ ކިބައިގައި އެންމެ މަތީ އަޚްލާޤް، އެންމެ ރިވެތި އަޚްލާޤް ބެހެއްޓުމެވެ. އެމީހާގެ ޢާންމު ދިރިއުޅުމުގައެވެ. ކިތަންމެ ބޮޑު ތަނަވަސްކަމެއް ލިބިގެން ދުނިޔޭގައި އުޅެން ލިބުނަސް އަދި ކިތަންމެ ނިކަމެތި ޙާލުގައި އުޅެންޖެހުނު ނަމަވެސް މެއެވެ.
ޚާއްޞަކޮށް ދެކަމަކަށް ވަކިން ބޮޑަށް ސަމާލުކަންދޭންޖެހޭނެއެވެ. އެއްކަމަކީ ތެދުވެރިވުމެވެ. އެއީ ދުލުން ބުނާ ބަސްތަކުގައާއި ކޮންމެ ކަމެއް ކުރިނަމަވެސް ތެދުވެރިކަމާއިއެކު ކުރުމެވެ. ދެވަނަ ކަމަކީ އެހެންމީހުންނަށް އިތުބާރުކުރެވޭނެ މީހަކު ކަމުގައިވުމެވެ. މީސްތަކުން އިތުބާރުކުރާނީ ކުރިން ބުނިފަދަ ތެދުވެރިއަކު ކަމުގައިވެ އަމާނާތްތެރިވެސް ވެވިގެންނެވެ.
މި 2 ސިފަ މީހުންގެ ގައި ބަހައްޓަން އެންމެ ބޮޑަށް އުނދަގޫވަނީ ދަތިޙާލުގައި އުޅެންޖެހިއްޖެނަމައެވެ. އެހެންކަމުން މިކަމަށް ވަރަށް ބޮޑަށް ސަމާލުކަންދޭންވާނެއެވެ. ކިތަންމެ ބޮޑު ދަތިޙާލެއްގައި އުލެންޖެހުނު ނަމަވެސް މި 2 ސިފަ އެމީހެއްގެ ކިބައިގައި ހަރުލައްވައިފިނަމަ އެމީހަކަށް ﷲ ތަޢާލާ ހެޔޮރަހްމަތް ލައްވަވާނެތެވެ. އެކަމަކުން އަރައިގަތުމަށް މަގު ދައްކަވާނެތެވެ. އިން ޝާ ﷲ
- އިމާމް ޢުމަރު ސުލައިމާންގެ ދަރުސަކުން