ޙަދީޘްފުޅުގައިވަނީ އޭނާގެ މުސްލިމް އަޚާގެ އަޢިބެއް ފޮރުވައިދީފި މީހެއްގެ އެފަދަ ކަމެއް ޤިޔާމަތްދުވަހު ﷲ ތަޢާލާ ފޮރުއްވަވައިދެއްވަވާނެ ކަމެވެ. މާނައަކީ މީހަކަށް ކުރެވޭ ކުށެއް ނުވަތަ ފާފައެއް ފޮރުވައި ސިއްރުކޮށްދީފިމީހެއްގެ އެފަދަ ކަމެއް ޤިޔާމަތް ދުވަހު ﷲ ތަޢާލާ ފޮރުއްވަވައި ދެއްވަވާނެ ކަމެވެ.
މީހެއްގެ ފާފައެއް ﷲ ތަޢާލާ ފޮރުއްވަވައި ދެއްވެވުމަކީ އެމީހަކަށް ކުރެވިފައިވާ ފާފައަކަށް ޢަޛާބް ނުދެއްވަވައި ދޫކޮށްލެއްވެވުމެވެ. ޤިޔާމަތް ދުވަހު ﷲ ތަޢާލާ އަހަރެމެންގެ ފާފަ ފުއްސަވައިދެއްވެވުމަށްވުރެ އަހަރެމެންނަށް ލިބޭނެ އުފާވެރިކަމަކީ ކޮބައިހެއްޔެވެ؟
ﷲ ތަޢާލާގެ ޙަޟްރަތުން ޘަވާބާއި ދަރުމައަށް އެދޭމީހާއަށް އެނގޭ އެހެން މީހުންގެ އަޢިބުތައް ސިއްރުކޮށް ފޮރުވައިދޭށެވެ! ހާމަކުރުމުން ދުނިޔޭގައި ލިބޭ ކުޑަކުޑަ ހިތްހަމަޖެހުމަށްވުރެ ސިއްރުކޮށްދިނުމުން ޤިޔާމަތްދުވަހު ﷲ ތަޢާލާ ދެއްވަވާނެ ނިޢްމަތް މާބޮޑުވާނެކަން ޔަޤީންކުރާށެވެ!
ވީމާ މީސްތަކުން ދިރިއުޅުމުގައި ހުންނަ އަޢިބުތަކާއި އެމީހުންނަށް ކުރެވޭ ފާފަތަކުގެ ކަންކަން އެނގުނު ނަމަވެސް ހާމަނުކުރާށެވެ. އެކަމުން އެމީހާއަށް ދުނިޔޭގައި ލިބޭނެ ދެރައަށްވުރެ ހާމަކުރުމުން ގެއްލިގެންދާ ރަޙްމަތް މާބޮޑެވެ.
--އިސްލާމީ ތިލަފަތުގެ ދަރުސަކުން