ﷲ ތަޢާލާގެ މަގުގައި ޘާބިތުވެ ހުންނަނަމަ އަބަދުވެސް ހިތްހަމަޖެހުމާއި އުފާވެރިކަން ދެއްވަވާނެކަމަށް ބުނެވޭ ބަހުގެ މާނައަކީ އިމްތިޙާންތައް ކުރިމަތި ނުކުރެއްވެވުމެއް ނޫނެވެ. އެއްގޮތަކަށްވެސް އެކަން އެގޮތަށް ނުވިސްނާށެވެ!
ދިރިހުރިހާ ހިނދަކު އިމްތިޙާންތައް އަބަދުވެސް ކުރިމަތިކުރައްވަވާނެތެވެ. ޔަޤީންކުރަންވީކަމަކީ އެއީ ދާދި ކުޑަ ވަޤުތުކޮޅަކަށް ކަމާއި ދާދި އަވަހަށް އުފާވެރިކަން ދެއްވަވާނެ ކަމެވެ.
މިހެން ބުނުމުން އެއްބައަކު ބުނެފާނެއެވެ. "އަހުރެން އެންމެ ޒުވާންއިރުންސުރެ، ނުވަތަ އެންމެ ކުޑައިރުންސުރެ އުޅެން މިޖެހެނީ ދަތިޙާލުގައެވެ. ހިތްދަތިކަމުގައެވެ. މިހާރު މުސްކުޅިވީއެވެ. އަރައެއް ނުގަތެވެ."
މިމޭރުމުން ވިސްނޭނަމަ އަލުން ދެވަނަ ވިސްނުމަކަށް ދާށެވެ. "ދުނިޔޭގެ ހަޔާތަކީ ދާދި މަދު ދުވަސްކޮޅެއް ނޫންހެއްޔެވެ؟ ދާއިމީ ޙަޔާތް ފެށެނީ މަރުވުމުން ނޫންހެއްޔެވެ؟ ތިބާގެ ފުރާނަ ދެމިގެންދާނެ ނިމުމެއް ނެތް ޙަޔާތަށް ބަލައިފިނަމަ ދުނިޔޭގައި ހޭދަކޮށްލަން ލިބޭ 60 ވަރަކަށް އަހަރު ނުވަތަ 100 އަހަރުކަމުގައިވީނަމަވެސް އެއީ ލޮލަށް ނުފެންނަ ކުޑަކުޑަ އެޓޮމެއްގެ މިލިއަން ފަޅީގެ ތެރެއިން ފަޅިއަކަށްވުރެވެސް މާކުޑަކުޑަ ވަޤުތުކޮޅެއް ނޫންހެއްޔެވެ؟
ތިބާގެ މުޅި ޢުމުރު ދަތިޙާލެއްގައި ނުވަތަ ހިތްދަތިކަމުގައި އުޅެންޖެހިއްޖެނަމަވެސް ﷲ ތަޢާލާއަށް ވަކީލްކޮށް އެކަމަށް ކެތްތެރިވެއްޖެނަމަ ތިބާ މަރުވުމަށްފަހު ތިބާއަށް ދެއްވަވާނެ ނިޢްމަތްތަކަށް ވިސްނައިލާށެވެ! ސުވަރުގެއިން ދެއްވަވާނެ މަތީ ދަރަޖައަށް ވިސްނައިލާށެވެ!
ދިރިއުޅުމުގައި ކުރިމަތިވާ ކަންކަމަށް މާޔޫސްވެ ހިތާމަކުރަންޖެހެނީ މިމޭރުމުން ނުވިސްނޭތީއެވެ. މިމޭރުމުން ވިސްނައިފިނަމަ ﷲ ތަޢާލާ ކުރިމަތިކުރައްވަވާ އެއްވެސް ކަމަކާއި ގުޅިގެން ކަންބޮޑުވާކަށް ނުޖެހޭނެއެވެ! އިން ޝާ ﷲ
- އިސްލާމީ ތިލަފަތުގެ ދަރުސަކުން