ކޮންމެ މީހަކުވެސް ބުނާނީ ޙައްޖުވާން ބޭނުންވާ ކަމަށެވެ. ނަމަވެސް އެކަމަށް އެދިގެން މަސައްކަތްކުރަނީ ވަރަށް މަދު މީހެކެވެ. ގިނަ މީހުން ތިބެނީ ބޮޑު ފައިސާ ފުންޏެއް ލިބުމުން ޙައްޖުވުމުގެ އުންމީދުގައެވެ. އެމީހުންގެ ނިޔަތްވެސް ގުޅިފައި އޮންނަނީ ބޮޑު ފައިސާ ފުންޏަކާއިއެވެ.
މިއީ މުސްލިމުން ވިސްނަން އޮތް ގޮތެއް ނޫނެވެ. މަހަކު އެންމެ ރުފިޔާއެއް ނަމަވެސް ޙައްޖުވުމަށްޓަކައި އެއްކުރަން މަސައްކަތްކުރާށެވެ! މިހެން މިބުނަނީ ފައިސާ އެއްކުރެވޭނީ ތަނަވަސްކަން ހުރި މިންވަރަކުން ކަމަށްވާތީއެވެ.
ޙައްޖުވުމަށް ނިޔަތްގަނެ އެކަމަށް މަސައްކަތްކުރާ މީހަކަށް ﷲ ތަޢާލާ އެކަން ހިންމަވައި ދެއްވަވާނެތެވެ. ﷲ ތައާލާ ބައްލަވައި ވޮޑިގެންވަނީ އިޚްލާޞްތެރި ނިޔަތުގެ މައްޗަށެވެ. އިޚްލާޞްތެރި ނިޔަތް ބިނާވެގެންވަނީ ނިޔަތް ގަތުމާއިއެކު އެކަމަށް މަސައްކަތްކުރުމުންނެވެ.
ތިރީގައިވާ ލިޔުންވެސް ވިދާޅުވެލައްވާށެވެ!
ޙައްޖަށް ގޮވައިލެއްވުން-
މާތް ﷲ ގެ އަމުރުފުޅަށް އިބްރާހީމް عَلَيْهِ السَّلَام ކައުބާ ބިނާކުރައްވައި ނިންމެވުމާ އެކު، އެކަލޭގެފާނަށް އަމުރުވެވުނީ، އެ ގެފުޅަށް އައިސް ޙައްޖުވުމަށް މީސްތަކުންނަށް ގޮވައިލެއްވުމަށެވެ. މާތް ﷲ ވަޙީކުރައްވައިފައި ވެއެވެ. ﴿وَأَذِّن فِي النَّاسِ بِالْحَجِّ يَأْتُوكَ رِجَالًا وَعَلَىٰ كُلِّ ضَامِرٍ يَأْتِينَ مِن كُلِّ فَجٍّ عَمِيقٍ﴾ ﴿الحج: ٢٧﴾ މާނައީ: [އަދި ކަލޭގެފާނު މީސްތަކުންނަށް ޙައްޖަށް އައުމަށް ގޮވައިލައްވާށެވެ! އޭރުން ފައިމަގުގައްޔާއި، އަނަރޫފަ ޖަމަލު މަތީގައި، ދުރުތަންތަނުން އެއުރެން ކަލޭގެފާނުގެ އަރިހަށް އަންނާނެތެވެ.]
މި އާޔަތުގައި މާތް ﷲ އެ އަންގަވަނީ ޙައްޖަށް އައުމަށް މީސްތަކުންނަށް ގޮވައިލެއްވުމަށެވެ. ބޭނުން ކުރައްވައިފައި އޮތް ލަފުޒަކީ [النَّاسِ] އެވެ. އޭގެ މާނައަކީ [ހުރިހާ އިންސާނުންނެވެ.] އަދި އެފަދައިން ގޮވައިލެއްވުމުން އޭގެ ނަތީޖާ ފެންނާނީ ކިހިނެތްކަން ވެސް މި އާޔަތުގައި އަންގަވައެވެ. އެއީ ފައިމަގުގައްޔާއި އަނަރޫފަ ޖަމަލުތަކުގައި މީސްތަކުން އެ ކަޢުބާއަށް ޒިޔާރަތް ކުރާނެ ކަމެވެ. މި ގޮވައިލެއްވުމަކީ ހަމައެކަނި މައްކާ އާއީ މައްކާ ވަށައިގެންވާ ޢަރަބި ކަރައިގެ ރަށްރަށުން އިޖާބަ ދޭނެ ދަޢުވަތެއް ނޫންކަން ވެސް އެނގެއެވެ. އެއާ ޚިލާފަށް [ދުރުތަންތަނުން އެއުރެން ކަލޭގެފާނުގެ އަރިހަށް އަންނާނެތެވެ.] އާޔަތުގައި އޮތުމުން އެނގޭކަމަކީ އެ ގޮވައިލެއްވުމުގައި ހިމެނޭ ދަޢުވަތަށް މުޅި ދުނިޔޭގެ ހުރިހާ ކަންކޮޅުތަކަކުން އިޖާބަދޭނެކަމެވެ. ދުނިޔޭގެ ހުރިހާ ޤައުމަކުން މިއަދު މި ގޮވައިލުމަށް އިޖާބަދެއެވެ.
ތަފްޞީރު ޢިލްމުވެރިން ވިދާޅުވެލައްވާ ގޮތުގައި މާތް ﷲ މި އަމުރުފުޅު ކުރެއްވުމުން އެކަމުގެ ޙައިރާންކަން އިބްރާހީމް عَلَيْه السَّلَام އަށް ލިބިވަޑައިގެންނެވިއެވެ. އަދި [ތިމަންކަލޭގެފާނުގެ އަޑުފުޅު ހުރިހާ މީހުންނަށް އިއްވާނެގޮތެއް އެނގިވަޑައިނުގަންނަވާ ކަމުގައި] ވިދާޅުވިއެވެ. އޭގެ ޖަވާބުގައި މާތް ﷲ އެކަލޭގެފާނަށް އެންގެވީ [ކަލޭގެފާނަށް އޮތީ މީސްތަކުންނަށް ގޮވައިލެއްވުމެވެ. އެ މީހުންނާ ހަމައަށް ފޯރުކޮށްދިނުން އެއީ ތިމަން އިލާހުގެ ކަމެކެވެ.] މިފަދައިންނެވެ. ދެން އިބްރާހީމް عَلَيْه السَّلَامُ އެކަމަށް ގޮވައިލެއްވިއެވެ. [އޭ މީސްތަކުންނޭވެ! އަޅުކަންކުރާނޭ ގެއެއް ތިޔަބައިމީހުންނަށް ޓަކައި މާތް ﷲ މި ވަނީ ލައްވައިފައެވެ. މި ގެފުޅަށް އައިސް ޙައްޖުވާށެވެ!]
މި ވާހަކަތައް ގެންނަވަމުން އިބުނު ކަޘީރު އެކަލޭގެފާނުގެ ތަފްސީރުގައި ލިޔުއްވާފައި ވެއެވެ. [އިބްރާހީމް عَلَيْه السَّلَامُ މި ނިދާ އިއްވެވި ހިނދު ފަރުބަދަތައް ތިރިއަށް ޖެހުނެވެ. އަދި އެކަލޭގެފާނު މީސްތަކުންނަށް ޙައްޖަށް ގޮވައިލެއްވި އަޑުފުޅު މުޅި ދުނިޔޭގެ ހުރިހާ ބިތަކަށް ފޯރިއެވެ. އަދި މައިންގެ ބަނޑުގައި ގަރުބަ ގަންނާނޭހާ ބަޔަކަށާއި ބަފައިންގެ ހަށިތަކުން ނުނިކުމެ ތިބި އެންމެންނާ ހަމައަށް ވެސް މި ނިދާގެ އަޑުފުޅު ފޯރިއެވެ. އަދި އެ ގޮވައިލެއްވުމުގެ އަޑުފުޅު ފޯރި ގައުގަލާއި ރަށްރަށާއި ގަސްގަހާގެހި ވެސް އިޖާބަދިނެވެ. އަދި ގެފުޅަށް ޒިޔާރަތް ކުރުމުގެ ތައުފީޤު އެބަޔަކަށް ލިޔުއްވާފައިވާ އެންމެން [لَبَّيْكَ اللَّهُمَّ لَبَّيْكَ] އެވެ ކިޔައި އިޖާބަދިނެވެ.] އ.ހ.
الشَّيْخ مُحَمَّدُ أَفْضَل