އަހުރެން ދައްކަން މިއުޅެނީ ނަމާދުނުކުރާ މީހުންގެ ވާހަކައެއް ނޫނެވެ. ނަމާދުކުރާ މީހުންގެ ވާހަކައެވެ. ފަރުޟް 5 ނަމާދުވެސް ކޮށް އަދި ސުންނަތް ނަމާދުތައްވެސް ކުރާ މީހުންގެ ވާހަކައެވެ. އެމީހުން އެކުރާ މަސައްކަތުގެ ނަތީޖާ ނުފެންނަ ސަބަބުގެ ވާހަކައެވެ.
ވަރަށް ފަސޭހައިން ޖެހެން އޮތް ކުޑަކުޑަ ހިސާބެއް ޖަހައިލަމާ ހިނގާށެވެ. ތިބާ ވަނީ ފާއިތުވި 5 އަހަރު ދުވަހު ނަމާދުކޮށްފައެވެ. ކުރި ސުންނަތް ނަމާދުތައް ބަހައްޓާށެވެ. ހަމައެކަނި ފަރުޟު ނަމާދުތަކަށް ބަލާށެވެ.
ދުވާލަކު 5 ނަމާދެވެ. މަހަކު 150 ނަމާދެވެ. އަހަރަކު 1800 ނަމާދެވެ. 5 އަހަރަށް ބަލައިފިނަމަ 9000 ނަމާދެވެ. ދެން ކުރެވުނު ސުންނަތް ނަމާދުތައް 1000 ވަރުވާނެކަމަށް ބަލާށެވެ. އެއިރުން 10000 ނަމާދުކުރެވުނީއެވެ.
ސުވާލަކީ 10000 ނަމާދު ކުރެވުނުއިރު ތިބާ އާއި ﷲ ތަޢާލާ އާއި ދެމެދުގައިވަނީ ކޮންކަހަލަ ގުޅުމެއް ހެއްޔެވެ؟ ތިބާގެ ހިތުގައި ﷲ ތަޢާލާއަށް ލޯބި އުފެދުނީ ކިހައިވަރަކަށް ހެއްޔެވެ؟ ﷲ ތަޢާލާއަށް ބިރުވެތިވެވެނީ އަދި ކިޔަމަންތެރިވެވެނީވެސް ކިހައިވަރަކަށް ހެއްޔެވެ؟
ދުލުން ވަރަށް ފަސޭހައިން ވަރަށް ބޮޑަށް ކަމަށް ބުނެވިދާނެއެވެ. ސުވާލަކީ ޢަމަލުން އެކަންކަން ދެއްކެނީ ކިހައިވަރަކަށް ހެއްޔެވެ؟ ޢަމަލުން ނުދެއްކޭނަމަ ތިއަ ކުރެވުނު ނަމާދުތަކުން ކުރީ ފައިދާއެއް ހެއްޔެވެ؟
ނިކަން ވިސްނައިލަބަލާށެވެ! ކޮންމެ ނަމާދެއްގައި ތިބާ ވަނީ ﷲ ތަޢާލާގެ ޙަޟްރަތުގައި ހުއްޓި ހުރެފައެވެ. އެތައް ފަހަރަކު މުޢާމަލާތު ކޮށްފައެވެ. ދުޢާކޮށްފައެވެ. މިއިން އެއްވެސް ކަމަކުން ތިމާގެ ހިތަށް ﷲ ތަޢާލާ އާއިމެދު ލޯބި ނުވެއްދުނު ނަމަ ތިއަކުރެވޭ ނަމާދުތަކުން ކުރީ ކޮން ފައިދާއެއް ހެއްޔެވެ؟
މިބަޔާންކުރީ އެންމެ 5 އަހަރުގެ ޥާހަކައެވެ. އެތައް އަހަރެއް ވަންދެން ނަމާދުކުރާއިރުވެސް ﷲ ތަޢާލާ ޢާއިމެދު ހިތަށް ލޯބިނުވެއްދޭ އެތައް ބައަކު އެބަ އުޅެއެވެ. އެހެންކަމަށްވާއިރު ކޮންމެވެސް ދިމާލެއްގައި ވަރަށް ބޮޑު މައްސަލައެއް އެބައުޅޭ ނޫންހެއްޔެވެ؟
މިހެންވާން މެދުވެރިވާ ސަބަބަކީ ނަމާދުކުރިނަމަވެސް ދޭންޖެހޭ ސަމާލުކަންދީގެން ނަމާދުނުކުރެވޭކަމެވެ. ނަމާދުގައި ޚުޝޫޢަތްތެރިވާން މަސައްކަތް ނުކުރެވޭތީއެވެ. އެހެންވެ ﷲ ތަޢާލާގެ ޙަޟްރަތުން އެމީހަކާއި ﷲ ތަޢާލާގެ ޙަޟްރަތާއިމެދު އުފެދެންޖެހޭ ގުޅުން ނުއުފެދޭތީއެވެ.
ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ! މިއަދު އެއީ މައްސަލައެއް ކަމަށް ނުވިސްނުނު ނަމަވެސް ޤިޔާމަތް ދުވަހު އެއީ ތިމާއަށް ސަލާމަތް ނުވެވޭވަރުގެ ބޮޑު މައްސަލައަކަށްވެސް ވެދާނެއެވެ. އެހެނީ ނަމާދުކުރިނަމަވެސް ﷲ ތަޢާލާ ޤަބޫލުފުޅުކުރައްވަވާނީ ޤަބޫލުފުޅު ކުރައްވަވާނެ ފެންވަރުގައި ނަމާދުކުރެވިގެން ކަމަށްވާތީއެވެ.
މިހުރިހާ ވާހަކަތަކެއް މިދެއްކި ބޭނުމަކީ ނަމާދަށް ފަރުވާތެރިވާން އިލްތިމާސްކުރުމެވެ. ވީހާބޮޑަށް ސަމާލުކަންދީގެން ނަމާދުކުރަން ބުނުމެވެ. ޤިޔާމަތްދުވަހު ﷲ ތަޢާލާގެ ޙަޟްރަތުން ކާމިޔާބު ލިބެން އޮތް ގޮތަކީ ނަމާދުތައް ފުރިހަމައަށް ކުރެވިގެންކަމަށްވާތީއެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން