މިއަދަށް ބަލައިފިނަމަ މީހަކަށް ދެރައެއް ލިބުމުން އެކަމުގެ ހިތާމައިގައި ބައިވެރިވުމުގެ ބަދަލުގައި އެކަމަށް އުފާކުރާ މީހުން އެބައުޅެއެވެ. މިއީ މުސްލިމުންގެ ކިބައިގައި ހުރެގެންވާނެ ސިފައެއް ނޫނެވެ. އަދި ކީއްހެއްޔެވެ؟ މީހަކަށް ދެރައެއް ލިބުމުން އުފާކުރާނަމަ އެމީހާގެ އީމާންކަން ފުރިހަމައެއް ނުވާނެއެވެ.
ނަމަވެސް މިއަދުގެ ޙާލަތަށް ބަލާށެވެ. ތިމާ ރުޅިއަންނަ މީހަކަށް ނުވަތަ ބައަކަށް އަދި ޤައުމަކަށް ނަމަވެސް ދެރައެއް ލިބިއްޖެނަމަ އެކަމަށް އުފާކުރާ މީހުން އެބައުޅެއެވެ. އެފަދަ ފަރާތަކަށް ހިތާމައެއް ލިބުމުން އެކަމަށް ދެރަވުމުގެ ބަދަލުގައި ކުރަނީ އުފަލެވެ.
އެންމެ ބޮޑު ހިތާމައަކީ ޢާއިލާގެ ތެރޭގައިވެސް އެކަން މިބުނި ގޮތަށް އޮންނަކަމެވެ. ކިތަންމެ ކުޑަ ކަމެއް ދިމާވެގެން ނަމަވެސް ހިތްހަމަނުޖެހިގެން ހުންނަމަ އެމީހަކަށް ލިބޭ ހިތާމަތަކުގައި ބައިވެރިނުވެ އުފާކުރެވޭ ކަމެވެ. އެއީ އޭނާއަށް ލިބުން ޙައްޤު ދެރައެއް ކަމަށް ޤަބޫލުކުރެވޭ ކަމެވެ. ތިމާއަށް އެއްވެސް ވަރެއްގެ ދެރައެއް ލިބެން އެދޭނެ އެކަކުވެސް ނުހުންނާނެއެވެ. ވީމާ އެއްވެސް މީހަކަށް ދެރައެއް ލިބެން ނުއެދޭށެވެ. އެއިރުން އެމީހަކަށް ހެޔޮ ގޮތްތައް މިންވަރުކުރައްވަވާނެތެވެ.
ނިކަން ވިސްނައިލަބަލާށެވެ! ތިމާއަށް ކުރެވޭ ކަންކަމާއިމެދުގައެވެ. ﷲ ތަޢާލާގެ އަމުރުފުޅުތަކަށް ޢަމަލުކުރެވޭ މިންވަރާއިމެދުގައެވެ. އެކަންކަމާއި ގުޅިގެން ﷲ ތަޢާލާ ދެރަގޮތް މިންވަރުކުރައްވަވާނަމަ ތިމާއަށް ދެރަގޮތްތައް މެދުވެރިވުން ޙައްޤުވާނެ މިންވަރާއިމެދުގައެވެ.
އެއްގޮތަކަށްވެސް އެކަން އެގޮތަށް ނުކުރާށެވެ! މުސްލިމުންގެ ގޮތަކަށްވާށންޖެހޭނީ އަނެކާއަށް ލިބޭ ހިތާމަތަކުގައި ބައިވެރިވެ އެމީހަކަށް ހެޔޮދުޢާކުރުމެވެ. ހިތްހަމަ ނުޖެހޭ ކަންކަން މެދުވެރިވާނެއެވެ. އެކަން ހިތުގައި ނުބާއްވާށެވެ! ޙަސަދަވެރިނުވާށެވެ! ނޫންނަމަ އެމީހަކަށް އެފަދަ ދެރަ ލިބުމަކީވެސް ގާތުގައި އޮތް ކަމެކެވެ.
ޚާއްޞަކޮށް ބުނެލަމެވެ. ދީނުގެ ކަންކަމުގައި ޚިޔާލުތަފާތުވުމަކީ އަނެކާއަށް ޙަސަދަވެރިވާ ސަބަބަކަށް ނުހަދާށެވެ. ޚިޔާލުތަފާތު ނަމަވެސް ދީނަށް ޢަމަލުކުރާނަމަ އެމީހަކުވެސް އެހުރީ ދީނުގައެވެ. އެމީހަކަށް ދެރަގޮތް މެދުވެރިވުމަށް ނުއެދޭށެވެ.
- މަޢުލޫމާތު: މުފްތީ މެންކުގެ ދަރުސަކުން