ދީނުގަ ޘާބިތުވެވޭނީ މި ހަޤީޤަތްތައް ޤަބޫލުކޮށްގެން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 59ސ
ދީނުގަ ޘާބިތުވެވޭނީ މި ހަޤީޤަތްތައް ޤަބޫލުކޮށްގެން!

"ﷲ ތައާލާ އެއްކައުވަންތަ ކުރުމުގެ ވާހަކަ، ތައުޙީދުގެ ވާހަކަ ދައްކައިފިނަމަ ޝިރުކުގެ އަހުލުވެރިން ނުރުހި، ރުޅި އައިސް އެއްޗެތި ގޮވާނެއެވެ. ކައު އިތުރު ރަސޫލާ މުޙައްމަދު  ގެ ސުންނަތުގެ ވާހަކަ ދައްކައިފިނަމަ ދީނަށް އައު ކަންކަން ވައްދަން ބޭނުންވާ މީހުން ނުރުހި، ރުޅި އައިސް އެއްޗެތި ގޮވާނެއެވެ. ދީނުގެ ކަންކަމުގައި ކީރިތި ޤްރްއާނާއި ރަސޫލާ () ގެ ސުންނަތުން ހެކި ދައްކާނަމަ، ދީނުގައި އޮތް ގޮތް ބަލަން ބޭނުން ނުވާ ސޫފީންނާއި ޖާހިލުން ނުރުހި، ރުޅި އައިސް އެއްޗެތި ގޮވާނެއެވެ. 

ހަމަ އެއާއިއެކު ދިރިއުޅުމާއި އިސްލާމް ދީނާއި ގުޅުވައިގެން ނުވަތަ ދިރިއުޅުމުގައި އަމަލުކުރަން އިސްލާމް ދީނުގައި އަންގަވާފައި ގޮތުގެ ވާހަކަ ދައްކައިފިނަމަ އެއްވެސް ދީނެއް ޤަބޫލުނުކުރާ މީހުންނާއި ދިރިއުޅުމާއި ދީނަކީ ގުޅިފައިވާ އެއްޗެއް ނޫންކަން ދައްކަން ބޭނުންވާ މީހުން ނުރުހި، ރުޅި އައިސް އެއްޗެތި ގޮވާނެއެވެ." 

އިސްލާމް ދީނުގައި ބައެއް ކާބޯތަކެތި ޙަރާމް ކުރައްވަވާފައިވުމުން އެކަމަށް ފާޑުކިޔާ މީހުން ކާން ބޭނުން ވަނީ "ޙަލާލްފުޑެވެ." ބަނގުރާ ބުއިން ޙަރާމް ކުރައްވަވާފައިވާތީ ފާޑުކިޔަމުން ދައްކަނީ އެ ބުއިމުން ޞިއްހަތަށް ލިބޭ ގެއްލުންތަކާއި އިޖުތިމާޢީ ގެއްލުންތަކުގެ ވާހަކައެވެ. ބަނގުރަލުން ލިބޭ ގެއްލުން ޤަބޫލުކޮށް ބަނގުރަލާއި އަމިއްލައަށް ދުރުހެލިވެގެން ތިބީ ދުނިޔޭގެ އެންމެ ބޮޑެތި ކިތައް ފާދިރީންނާއި ހާމުދުރުން ހެއްޔެވެ؟ 

މިއީ ނާޞިރުއްދީން ނާޞިރުއްދީން އަލް އަލްބާނީ ރަޙިމަހުﷲ ވިދާޅުވެފައިވާ ވަރަށް ޢިބްރަތްތެރި ބަސްފުޅުތަކެކެވެ. މިއީ މިއަދުގެ ދުނިޔެއިން ފެންނަމުން މިދާ ޙަޤީޤަތްތަކެކެވެ. 

މިއަދު ދުނިޔޭގެ ބޮޑެތި މީޑިއާތަކުންނާއި ސޯޝަލް މީޑިއާތަކުން މިފެންނަނީ މިބަޔާންކުރި ކަންކަން ހިނގަމުންދާ ތަނެވެ. މި ބުނި މަޤްޞަދު ޙާޞިލުކުރުމަށްޓަކައި އިސްލާމް ދީނުގެ ހަޤީޤަތް އޮޅުވާލަން މަސައްކަތްކުރަމުން ގެންދާތަނެވެ. ހިތާމައަކީ މިފަދަ ކަންކަމުގެ ސަބަބުން ފިތުނަ އުފެދި ޢާއިލާތައް ވެސް ބައިބައިވަމުންދާކަމެވެ. ހުރިހާ މުޞީބާތްތަކެއް ކުރިމަތިކުރުވަނީވެސް ރަސޫލް (ޞޢވ)ގެ ސުންނަތުގައާއި ކީރިތި ޤްރުއާނުގައި ހިފަހައްޓައި ސާބިތުވާން ބޭނުންވާ މީހުންނަށެވެ. 

މުސްލިމުން މިއަދުވެސް ތިބީ ހަމަ ސާބިތުކަންމަތީގައެވެ. މުސްލިމުން އިސްލާމް ދީން ބަލައިގަތީވެސް ޣައިބަށް އީމާންވެ ތިބެއެވެ. މިއަދުވެސް މުސްލިމުން މިތިބީ ހަމަ އެގޮތުގައެވެ. ރަސޫލް ()ގެ ސުންނަތުންނާއި ކީރިތި ޤްރުއާނުން ސާބިތުވުމުން މުސްލިމުންނަށް ފުދި އިތުރުވެއެވެ. އިތުރު އެއްވެސް ގޮތެއް ބޭނުމެއް ނުވެއެވެ. 

މީހުން ކޮރަޕްޓް ވަނީ ހަމައެކަނި ޚިޔާނާތްތެރިވުމަކުން ނޫނެވެ. މީހުންގެ ވިސްނުންވެސް ކޮރަޕްޓްވެއެވެ. އެއީ ޢަޤީދާއެއް ނެތުމުންނެވެ. ނުވަތަ ޢަޤީދާ ބަލިކަށިވުމުންނެވެ. މުސްލިމުން އެމީހުންގެ ގޮތުގައި ތިބިނަމަ އެމީހުންގެ ވިސްނުން ކޮރަޕްޓް ކުރެވޭނެ ހަމަ އެކަކުވެސް ނުހުންނާނެއެވެ. ވީމާ އަހަރެމެން މުސްލިމުން އެންމެ ބޮޑަށް ގަދައަޅައި މަސައްކަތް ކުރަންވީ އަހަރެމެންނާއި އަހަރެމެންގެ ދަރިންގެ ޢަޤީދާ ވަރުގަދަކުރުމަށެވެ.  

ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ! އިސްލާމް ދީނުގައި ބަޔާންވެގެންވާ ކަންކަމަށް ފާޑުކިޔާ އެއްވެސް މީހަކަށް އިސްލާމް ދީނުގައި ބަޔާންވެގެންވާ ޙުކުމްތަކަށްވުރެ ފުރިހަމަ އެއްވެސް ޙުކުމެއް ނުދެއްކެއެވެ. މަރުގެ އަދަބު ނުދިނުމަށް ގޮވާ ޤައުމުތަކުގައި މަރުގެ އަދަބުދެއެވެ. މީހުން ގެއްލުވައިލައެވެ. އަނިޔާ ނުކުރަން ގޮވާ ޤައުމުތަކުން ގޮސް އެމީހުން ބޭނުންވާ ބައެއްގެ ބޮލަށް ބޮން އަޅައެވެ. 

ފާހިޝް އަމަލުތައް ހިންގުމަކީ ކުށެއް ނޫން ކަމަށާއި އިންސާނީ ޙައްޤެއް ކަމަށް ބުނާ މީހުން ދައްކަނީ އެކަން ކުރުމުން ބޮޑެތި ބަލިތައް ޢާންމުވާ ވާހަކައެވެ. އަދި އެމީހުންގެ އަމިއްލަ އަނބިދަރިން، މައިން، އުޚުތުން އެފަދަ ކަމެއް ކޮށްފިނަމަ އިންތިހާއަށް ރުޅިއާދެއެވެ. އެހިސާބުން އެބުނާ އިންސާނީ ޙައްޤުވެސް އޮންނަނީ ނެތިފައެވެ. 

ވައްކަން ކުރުމުން އަތްކެނޑުމާއި ދެކޮޅު ހަދާ މީހުން، އެމީހުންގެ މުދަލުން މީހަކު ވައްކަންކޮށްފިނަމަ ތިބެނީ ޝަރީއަތްކުރުމަކާއިވެސް ނުލައި އެކަން ކުރި މީހާގެ ހަތަރެސްފައި ކަނޑަންވެސް ތައްޔާރަށެވެ. މިއީ ކޮން ގޮތަކުން ބުއްދި ޤަބޫލުކުރާ ކަންކަން ހެއްޔެވެ؟ 

ކޮންމެ މީހަކަށްވެސް އެމީހަކު އުޅެން ބޭނުންވާ ދީނަކަށް އުޅެވެން ޖެހޭނެ ކަމަށް ބުނުމަށްފަހު އިސްލާމް ދީނަށް ފުރައްސާރަކުރުމުން ބުނެވޭ ބަހާއި ކުރެވޭ ކަންތައްތައް ދިމާނުވާކަން އިސްލާމް ދީނަށް ފުރައްސާރަކުރާ މީހުންނަށް އެނގޭބާވައެވެ! 

ބަޔާން މިކުރި މިންވަރުންވެސް އެނގެނީ އިސްލާމް ދީނަށް ގޮންޖަހާ މީހުންގެ ތެރެއިން ވެސް ހަޤީޤަތް އެއީ ޙަޤީޤަތް ކަމަށް ޤަބޫލުކުރާ އެންމެން ވެސް އަމަލުކުރަނީ އިސްލާމް ދީނަށް ކަމެވެ. އިސްލާމް ދީނުގެ ޙުކުމްތަކަށްވުރެ މަތިވެރި ޙުކުމެއް އެއްވެސް މީހަކަށް އަދި ޖަމާއަތަކަށްވެސް ނުނެރެވޭ ކަމެވެ. އަދި މިހައިތަނަށްވެސް ނެރެވިފައި ނެތްކަން ޔަޤީނެވެ.

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން